އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާފައިވާ ބަޖެޓު ހިމެނޭހެން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި 10 ރިޕޯޓެއް މިއަދު ފާސްކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުުގެ މިއަދުގެ ޖަލްސާ އަކީ މި އަހަރުގެ ފަހު ދައުރުގެ އެންމެ ފަހު ޖަލްސާއެވެ. މިއަދުގެ ޖަލްސާ އަށް ފަހު މުޅި މަޖިލިސް ޗުއްޓީ އަށް ދާނެއެވެ.

މިއަދުގެ ޖަލްސާ ފަށްޓަވަމުން ނަޝީދު ވިދާޅުވީ، މިހާރު ކުރިއަށްދާ ޖަލްސާގައި ދައުލަތުގެ ބަޖެޓު ހިމެނޭހެން، 10 ރިޕޯޓަކަށް ބަހުސްކޮށް ނިންމައި ވޯޓަށް ހުށަހެޅޭނެ ކަމަށެވެ. ބަޖެޓުގެ އިތުރުން، މިއަދުގެ އެޖެންޑާގައި ބަޔާންކޮށްފައިވާ ރިޕޯޓުތަކަކީ:

  • ކެމިކަލް ހަތިޔާރު މަނާކުރުމުގެ ބިލު 241 ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު
  • އުފަންވުމާއި މަރުވުން ރަޖިސްޓްރީ ކުރުމާއި، އުފަންދުވަހުގެ ސެޓްފިކެޓާއި އައިޑީކާޑު ހެއްދުމާ ބެހޭ ބިލު، ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ އާއި އިޖުތިމާއީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު
  • ސްރީލަންކާ އަށް ރާއްޖޭން ކަނޑައަޅާ ސަފީރުކަމަށް ބޭފުޅަކު ހަމަޖެއްސެވުމަށްޓަކައި ރައީސް ފޮނުއްވާފައިވާ މައްސަލަ، ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު
  • ބޭންކުތަކުގައި ހުރި ސްޓްރެސްޑް އެކައުންޓްތަކުގެ ޕްރޮޕަޓީތަކާ ގުޅޭގޮތުން ބޭންކުތަކަށް ދިމާވާ ދަތިތައް ބައްލަވައިދެއްވުމަށް އެދިވަޑައިގެންފައިވާ މައްސަލަ، އެސްއޯއީ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު
  • ސްޓެލްކޯ އާއި ފެނަކަ އިން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުން ގެންދާ ރަށްރަށާއި މާލޭގައި ވިޔަފާރިތަކަށް ބިލު ކުރަމުން ގެންދާ ރޭޓާއި ބޭންޑުކުރުންތަކުގައި ގެންގުޅޭ ތަފާތުކުރުންތައް ހަމަހަމަކުރުމަށް ގޮވާލައި ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ހުށަހަޅާ ގަރާރު، އެސްއޯއީ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު
  • ރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު، ޖުޑީޝަރީ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު
  • ރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު، ޖުޑީޝަރީ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު
  • ކުނި މެނޭޖުކުރުމުގެ ބިލު، ތިމާވެއްޓާއި ކްލައިމެޓް ޗޭންޖް ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު
  • ރާއްޖޭގެ ފަޅު ރަށްރަށާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު، ލާމަރުކަޒީ ކޮޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު

މިއަދުގެ ޖަލްސާ އަކީ މި ދައުރުގެ ފަހު ޖަލްސާ ކަމުން، ޖަލްސާ ދިގުދެމިގެން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ. އެހެންކަމުން، ހުރިހާ މަސައްކަތްތަކެއް ނިމި، ވޯޓަށް އައްސަވާނެ ސީދާ ގަޑިއެއް ދަންނަވަން ނޭނގޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ވޯޓަށް އަހާނީ ހުރިހާ މަސައްކަތެއް ނިމުމަށް ފަހުގައި. އެހެންވީމާ ވަކި ގަޑިއެއް ވޯޓުގެ ގަޑި އަދި އަޅުގަނޑަށް އަންދާޒާކުރަން ދަތި." ނަޝީދު ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާފައިވާ ބަޖެޓަށް 160 މިލިއަން ރުފިޔާ އިތުރުކޮށް، 42.8 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެއް، ބަޖެޓު ދިރާސާކުރާ ކޮމިޓީން ވަނީ މި މަހުގެ 18 ގައި ފާސްކޮށްފައެވެ. މިދިޔަ ހަފްތާގައި ކުރިއަށް ގެންގޮސްފައި ވަނީ ކޮމިޓީ ރިޕޯޓަށް ބަހުސްކުރުމެވެ. ބަޖެޓާ އެކު، މި އަހަރުގެ ބަޖެޓަށް 5.8 ބިލިއަން ރުފިޔާ އިތުރުކުރުމަށް ހުށަހަޅާފައިވާ ސަޕްލިމެންޓަރީ ބަޖެޓަށް ވެސް މިއަދުގެ ޖަލްސާގައި ވޯޓަށް އަހާނެއެވެ.