ވިނަރެސް ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓް އާންމުކޮށްފިއެވެ.

އެޗްޑީސީއިން މިއަދު ބުނީ ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ވިނަރެސް ހައުސިން މަޝްރޫއިން އެޕާޓްމަންޓް ގަތުމަށް އެދި ފޯމު ހުށަހެޅުމަށް ހުޅުވާލެވުނު ފުރުސަތުގައި ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓު ދިނުމުގައި ބެލެވޭ މިންގަނޑުތަކަށް ޕްލޭނިން މިނިސްޓްރީއިން ބެލުމަށްފަހު ޝަރުތު ހަމަވެފައިވާ ފަރާތްތަކާއި ޝަރުތު ހަމަނުވާ ފަރާތްތަކުގެ މައުލޫމާތު އިއުލާނާއެކު ޝާއިއުކޮށްފައިވާ ކަމަށެވެ.

ވަގުތީ ލިސްޓު އިއުލާނު ކުރިއިރުގައި ފޯމް ލީ 1413 މީހުންގެ ތެރެއިން ލިސްޓުގައި ހިމެނެނީ 723 މީހުންނެވެ.

އެ ލިސްޓުގައި ހިމެނޭ ޝަރުތު ހަމަވާ ފަރާތްތަކުގެ މާލީ ގާބިލްކަން ބެލުމާއި ގުޅޭގޮތުން އެޗްޑީސީއިން އެ ފަރާތްތަކަށް މައުލޫމާތު ހިއްސާކުރާނެ ކަމަށާއި މައި- އެޕްލިކަންޓް އަދި ކޯ-އެޕްލިކަންޓްގެ ގޮތުގައި އެއް ފޯމަށް ވުރެން ގިނަ ފޯމުގައި ބައިވެރިވެފައިވާ ފަރާތްތަކަށް ކުރިއަށް ދެވޭނީ އެންމެ ފޯމަކާއި އެކު ކަމަށް އެޗްޑީސީއިން ބުނެއެވެ.

އެޗްޑީސީއިން އިތުރަށް ބުނީ އެ ލިސްޓާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއް ހުށަހަޅަން ބޭނުންވާނަމަ މައި ހުޅުމާލެ ހައުސިން ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި ޕްލޭނިން މިނިސްޓްރީއިން ޝަކުވާއަށް ޖަވާބުދޭނީ އެ ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.

ވިނަރެސްގާ 10 ޓަވަރު ހިމެނޭއިރު ޖުމުލަ 1،344 އެޕާޓްމެންޓް ހިމެނެއެވެ. އެ އެޕާޓްމަންޓްތަކުގެ އަގު އުޅެނީ 2.5 މިލިއަނާއި ތިން މިލިއަނާ ދެމެދުގައެވެ.