ފީފާ ފުޓްބޯޅަ މުބާރާތުގައި ގްރޫޕްގެ ޖީގައި މިރޭ ބްރެޒިލްއާއި ސާބިއާ ބައްދަކުރި މެޗު 2-0 އަކުން ބްރެޒިލް ކާމިޔާބު ކޮށްފިއެވެ.
މިމެޗުގައި ބްރެޒިލްއިން ޖެހި ދެލަނޑު ވެސް އެޓީމަށް ކާމިޔާބުކޮށް ދިނީ ފޯވަޑް ރިޗާލިސަންއެވެ. މެޗުގެ ފުރަތަމަ ހާފްގައި ބްރެޒިލްއަށް މާ ގިނަ ހަމަލާތަކެއް ނުއުފެއްދުނު އިރު ސާބިއާގެ ޑިފެންޑަރުން ވަނީ ވަރުގަދަ ކުޅުމެއް ދައްކާފައެވެ. އަދި ކީޕަރު މިލެންކޮވިޗް-ސާވިޗް ވެސް ވަނީ މުހިންމު ސޭވްތަކެއް ކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފް ނިމުނީ 0-0 އަކުން ދެޓީމު އެއްވަރުވެ އޮވެގެންނެވެ.
ދެވަނަ ހާފް ފެށިތަނުން ބްރެޒިލްއަށް ލީޑު ނަގާނެ ފުރުސަތެއް ލިބުނު ނަމަވެސް ރަފީނިއާ ފޮނުވާލި ޝޮޓް އަމާޒުވީ ސީދާ ކީޕަރަށެވެ.
އެހެން ނަމަވެސް ދެވަނަ ހާފްގައި ބްރެޒިލްއިން ވަނީ ލަނޑެއް ޖަހާ ލީޑު ނަގާފައެވެ. މިގޮތުން އެޓީމުގެ ވެނިސިއަސް ޖުނިއާ ގޯލަށް އަމާޒުކޮށް ފޮނުވާލި ޝޮޓް ކީޕަރު ސޭވް ކުރުމަށް ފަހު އޭރިއާގެ ތެރެއަށް ނިކުތްތަނުން އެބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ރިޗާލިސަން ވަނީ ބްރެޒިލްއަށް ލީޑު ނަގާދީފައެވެ.
އެއަށް ފަހު ދެން ފެނުނީ މުބާރާތުގައި މިހާތަނަށް ފެނުނު އެންމެ ހިތްގައިމު އެއް ލަނޑެވެ. ވިނިސިއަސް ޖޫނިއާ އޭރިޔާ ތެރެއަށް ނަގާ ދިން ހުރަހެއް ރިކާލްސަން ގޯލަށް ފޮނުވާލީ އެކްރޮބެޓިކް ކިކަކުންނެވެ.
ދެން ވެސް ގޯލް ޖަހާނެ ރަނގަޅު ފުރުސަތު ބްރެޒިލްއަށް ލިބުނު އިރު ސާބިއާއަށް ގޯލަށް އަމާޒުކޮށް މާ ގިނަ ހަމަލާތަކެއް އުފެއްދިފައެއް ނުވެއެވެ.
2-0ގެ ސްކޯއަކުން މި މެޗު ނިމުނު އިރު މި ނަތީޖާއާއެކު ބްރެޒިލް މިވަނީ ގްރޫޕް ޖީގެ ތާވަލުގެ އެއް ވަނައަށް ޖެހިލާފައެވެ. ގްރޫޕް ޖީގެ އަނެއް މެޗުން ކެމަރޫންގެ މައްޗަށް ސުވިޓްޒަލޭންޑުން ކުރި ހޯދާ ތިން ޕޮއިންޓް ކަށަވަރުކުރި ނަމަވެސް ބްރެޒިލް އެއްވަނައިގައި އޮތީ ގޯލުގެ ތަފާތުންނެވެ.