އުރީދޫ މޯލްޑިވްސް އާއި މޯލްޑިވްސް ކްރިކެޓް ބޯޑާ ގުޅިގެން އެމްއެމްޑަބްލިއުއެމް ކުރިއަށް ގެންދާ ބިދޭސީންނަށް ހާއްސަ އަހަރީ މައިގްރެންޓް ވޯކާސް ކްރިކެޓް ކާނިވަލް ބާއްވަން ނިންމައިފިއެވެ.

އުރީދޫން ބުނީ، މި ކާނިވަލް ބާއްވަން ނިންމާފައިވަނީ އަންނަ މަހުގެ ދެ ވަނަ ދުވަހު ކަމަށެވެ.

މި ކާނިވަލަކީ އަހަރަކު އެއްފަހަރު ބިދޭސީ މަސައްކަތްތެރިން ކުޅިވަރުގައި ބައިވެރިކުރުމާއެކު، މިމަސައްކަތްތެރިންގެ ބޮޑު އާބާދީއަކާ ހަމައަށް ވާސިލްވުމަށް ޕްލެޓްފޯމެއްގެ ގޮތުގައި ބޭނުންކޮށްގެން ހޭލުންތެރިކަން އިތުރުކޮށް، ބޭނުންވާ އެކިއެކި ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ހިންގޭ ހަރަކާތެއް ކަމަށް އުރީދޫން ބުނެއެވެ.

ކުރީ އަހަރުގެ ކްރިކެޓް ކާނިވަލާ އެއްގޮތަށް އެމްއެމްޑަބްލިއުއެމް އިން މިފަހަރުގެ ކާނިވަލުގައިވެސް ބިދޭސި މަސައްކަތްތެރިންނަށް ހިލޭ މެޑިކަލް ސްކްރީނިންގެ އިތުރުން ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭނެ އިންތިޒާމް ހަމަޖެހިފައި ހުންނާނެ ކަމަށް އުރީދޫން ވަނީ ބުނެފައެވެ.

އުރީދޫން ބުނީ، އަންނަ މަހުގެ 2 ވަނަ ދުވަހުގެ ހެނދުނު 8:00 އިން ފެށިގެން 06:00 އާހަމައަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކްރިކެޓް މުބާރާތުގެ މަސައްކަތްތައް ކުރިއަށްގެންދާނީ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އާއި އެ ބޯޑުގެ މުވައްޒަފުން ކަމަށެވެ.

އެމްއެމްޑަބްލިއުއެމް އިން ބުނީ، ކްރިކެޓް ޓީމުތަކަށް، އެ ޖަމްޢިއްޔާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާއި އެ ޖަމްއިއްޔާގެ ހޮޓްލައިން 9607384994+ އަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. ރަޖިސްޓާކުރުމުގެ އެންމެ ފަހު ތާރީހަކީ މިމަހު 29 ވަނަ ދުވަހެވެ.

ބިދޭސި މަސައްކަތްތެރިންގެ ހައްގުތަކަށް ވަކާލާތު ކުރުމުގެ މަގުސަދުގައި އުފެއްދި ޖަމިއްޔާއެއްގެ ގޮތުން އެމްއެމްޑަބްލިއުއެމްގެ އަހަރީ ދުވަސް ފާހަގަކުރުމުގައި މިފަދައިން ބިދޭސި މަސައްކަތްތެރިން ހިމަނައިގެން ހާއްސަ ހަރަކާތެއް ކުރިއަށް ގެންދިޔުމަކީ އެމްއެމްޑަބްލިއުއެމް އިން ނުހަނު އިސްކަމެއް ދީގެން ކުރާ މަސައްކަތެއް ކަމަށް އެޖަމިއްޔާއިން ބުނެއެވެ.

މީގެ އިތުރުން މި މަސައްކަތުގައި ދީލަތި އެހީތެރިންނާއި ސްޕޮންސަރުންގެ އެއްބާރުލުން މި ފުރުސަތުގައި ވަރަށް އުފަލާއެކު ބަލައިގަންނަ ކަމަށް އެމްއެމްޑަބްލިއުއެމްއިން ފާހަގަކުރެއެވެ.

މައިގްރެންޓް ވޯކާސް ކްރިކެޓް ކާނިވަލް އެންމެ ފުރަތަމަ ބޭއްވީ 2021 ވަނަ އަހަރު އުރީދޫ މޯލްޑިވްސް އާއި ކްރިކެޓް ބޯޑާ ގުޅިގެންނެވެ.