ހުޅުމާލޭގެ އިމާރާތްތަކުގެ ފުރަތަމަ ފަންގިފިލާއިން ވިޔަފާރި ކުރުމަށް ހުއްދަ ދިނުމަށް އެޗްޑީސީއިން ނިންމައިފިއެވެ.
އެޗްޑީސީއިން ބުނީ އެ ހުއްދަ ދޫކުރުމަށް ނިންމާފައިވަނީ އަމިއްލަ ފަރާތްތަކުން ހުޅުމުމާލޭގައި އިމާރާތްކޮށްފައިވާ އިމާރާތްތަކުގެ ފުރަތަމަ ފަންގިފިލާއަށް ކަމަށާއި އެގޮތުން ފިހާރަތަކާއި ރެސްޓޯރެންޓް އަދި އެހެނިހެން ހިދުމަތްދޭ ވިޔަފާރި ފުރަތަމަ ފަންގިފިލާގައި ކުރެވޭނެ ކަމަށެވެ.
އެހެންނަމަވެސް ހުޅުމާލެގެ އިމާރާތްތަކުގެ ތިރީބަޔާއި ފުރަތަމަ ފަންގިފިލާގައި އިންޑަސްޓްރިއަލް އެއްވެސް ބޭނުމަކަށް ބޭނުން ކުރުމަކީ މަނާ ކަމެއް ކަމަށާއި ގަރާޖު އަދި ގުދަންކުރުމަށް ފުރަތަމަ އަދި ދެވަނަ ފަންގިފިލާ ބޭނުންކުރުމަކީ މަނާކަމެއް ކަމަށް އެޗްޑީސީއިން ބުނެއެވެ.
އެޗްޑީސީއިން ބުނީ ހުޅުމާލެގެ އިމާރާތްތަކުގެ ފުރަތަމަ ފަންގިފިލާ ކޮމާޝަލް ބޭނުންތަކަށް ދޫކުރަން އެ ކޯޕަރޭޝަނުން ނިންމީ، އިކޮނިމިކް މިނިސްޓްރީގެ އެދުމުގެ މަތިން ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިން ކުރިއެރުމުގެ ގޮތުން އަދި ވިޔަފާރިތަކަށް އިތުރު ފުރުސަތުތަކެއް ދިނުމަށް މަގުފަހިކޮށްދިނުމަށްޓަކާ ކަމަށައި އިކޮނިމިކް މިނިސްޓްރީއިން ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރިއެރުވުމަށް ގިނަގުނަ މަސައްކަތަތަކެއްކޮށް ވިޔަފާރި ކުރިއެރުމަށް ފަސޭހަކަމާއިއެކު ލޯނު ލިބޭނެ އިންތިޒާން ހަމަޖެހިފައިވާ ކަމަށެވެ.
ފުރަތަމަ ފަންގިފިލާގައި ވިޔަފާކުރުމަށް ހުއްދަ ދިނުމުން ހުޅޫމާލޭގައި ތަފާތު ގިނަ ވިޔަފާރި އިތުރުވެ ރައްޔިތުންނަށް ބޭނުންވާ ގިނަގުނަ ހިދުމަތްތަކެއް ލިބިގެންދާނެކަން ފާހަގަކޮށް އެޗްޑީސީއިން ބުނީ ސަރުކާރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި ކުރަމުންދާ މަސައްކަތަށް ފުރިހަމަ އެއްބާރުލުން އަބަދުވެސް ލިބެމުންދާނެ ކަމަށެވެ.