އެންމެ ބޭނުންވަނީ ޖޭމްސް ބޮންޑުގެ ރޯލު ކުޅެން ކަމަށް ހޮލީވުޑްގެ މަޝްހޫރު ތަރި ޑްވޭން ޖޯންސަން (ރޮކް) ބުނެފި އެވެ.

ބޭރުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ރޮކް ބުނީ ޖޭމްސް ބޮންޑުގެ ރޯލު ކުޅުނު ތަރިންގެ ފައިތިލަ ދަށުން އޭނާވެސް އެ ރޯލު ކުޅެން ބޭނުންވާ ކަމަށެވެ. އަދި އެ ރޯލު ކުޅެން ލިބިއްޖެ ނަމަ ބެލުންތެރިން ބަލައިގަންނަ ފަދަ ގޮތަކަށް އެ ރޯލު ކުޅޭނެ ކަމަށެވެ. ޖޯން ބުނީ ވިލަން އެއްގެ ރޯލު އޭނާ ކުޅެން ބޭނުންނުވި ނަމަވެސް ޖޭމްސް ބޮންޑުގެ ރޯލު ކުޅެން ބޭނުންވާ ކަމަށެވެ.

ޖޯން އެހެން ބުނިއިރު އޭނާގެ ކާފަ އަކީ ބޮންޑުގެ ވިލަން އެއްގެ ރޯލުން ފެނިގެންދިޔަ މީހެކެވެ. ކުޅަދާނަ އެކްޓަރު ރޮކް ޖޭމްސް ބޮންޑުގެ ރޯލު ކުޅެން ބޭނުންވާކަމަށް ބުނިއިރު ހޮލީވުޑްގެ ޒުވާން އެކްޓަރު ޓޮމް ހޮލެންޑު ވެސް ވަނީ މިދިޔަ އަހަރު ދިން އިންޓަވިއުއެއްގައި ޖޭމްސް ބޮންޑުގެ ރޯލު ކުޅެން ބޭނުންވާ ކަމަށް ބުނެފައެވެ.

ޖޭމްސް ބޮންޑްއަކީ ވަރަށް މަޝްހޫރު ފްރެންޗައިޒެކެވެ. "ޖޭމްސް ބޮންޑް"ގެ ރޯލުން އެންމެ ފުރަތަމަ ފެނިގެން ގޮސްފައިވާ ޝޯން ކޮނެރީ އެވެ. ޝޯން ވަނީ 2020 ވަނަ އަހަރު މަރުވެފައެވެ. އޭނާ މަރުވިއިރު އޭނާގެ އުމުރަކީ 90 އަހަރެވެ. އާންމުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދި ޖޭމްސް ބޮންޑު ކެރެކްޓާ ކުޅުނު ބައެއް ތަރިންނަކީ ޕިއާސް ބްރޮސްނަން، ޑޭނިއަލް ކްރެއިގް އަދި ޓިމަތީ ޑެލްޓަން އެވެ.