މި މަހުގެ 9 ވަނަ ދުވަހުގެ ރޭ އަލިފާނުގެ ހާދިސާގައި އަނދައިގެން ދިޔަ މ. ނިރުފެހިގެ ސާފުކުރުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން މިއަދު ނިންމާލައިފިއެވެ.

އަލިފާނުގެ ހަާދިސާ ހިނގިތާ 2 ދުވަސް ފަހުން މި މަހުގެ 11 ވަނަ ދުވަހު އެ ގެ ތަޅާލާ ސާފުކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ ޕްލޭނިން މިނިސްޓްރީގެ ޕަބްލިކް ވޯކްސް ޑިޕާޓުމަންޓުންނެވެ.

އެ ހާދިސާގައި 10 މީހަކު މަރުވެފައި ވާއިރު އޭގެތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ފިރިހެނަކާއި އަންހެނެއްގެ އިތުރުން އިންޑިއާގެ ފަސް ފިރިހެނުންނާއި ތިން އަންހެނެކެވެ. އަދި އެ އެންމެންގެ ހަށިގަނޑު އެ މީހުންގެ ގައުމަށް ފޮނުވާ އާއިލާއާ ވަނީ ހަވާލުކޮށްފައެވެ.

އެ ހާދިސާގައި ވަރަށް ބޮޑަށް ފިހިގެން ކްރިޓިކަލް ހާލަތުގައި އޮތް ބިދޭސީ ފިރިހެނަކަށް އައިޖީއެމްއެޗްގައި ވެންޓިލޭޓަރުގެ އެހީގައި ފަރުވާދިން ނަމަވެސް އެ މީހާގެ ހާލު ރަނގަޅުވެ އޭނާ ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ވޯޑަށް ބަދަލުކޮށްފައެވެ.

އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ފުލުހުން ދަނީ ތަހުގީގު ކުރަމުންދާއިރު ނިރުފެހިގެ ސާފު ކުރަނިކޮށް މިދިޔަ އަންގާރަ ދުވަހު ވަނީ މީހެއްގެ ފައިތިލަ އެއް ފެނިފައެވެ.