އެންމެ ބޮޑަށް މަސްބާނާ ސަރަހައްދުތަކުގައި ކޯލްޑް ސްޓޯރޭޖް ރަނގަޅު ކުރެވިފައި ނުވާއިރު އިތުރު ކާރުހާނާ ވެސް އެޅިފައެއް ނެތް ކަމަށް ފިޝަރީސް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

ރޭ ޕީއެސްއެމްގައި ވާހަކަދައްކަމުން ޑރ. ހުސައިން ވިދާޅުވީ މަސް ބޭނުމަށްފަހު އެ އެ މަސް ފްރީޒްކޮށްގެން ތައިލެންޑް ނޫން އިތުރު މާކެޓް ތަކަށް ވިއްކުމަކުން ރަނގަޅު ފައިދާއެއް ނުކުރާ ކަމަށާއި ރާއްޖޭގެ މަސްވެރިން ބާނާ މަހުގެ ހަމަ އަގު ހޯދުމަށް ކުރަންޖެހޭ އެންމެ މުހިއްމު ކަމަކީ ދިވެހި މަހުގެ ބާވަތްތަކުން ރަނގަޅު އުފެއްދުންތައް އުފައްދައިގެން އެކްސްޕޯޓް ކުރުން ކަމަށެވެ.

ރާއްޖޭގެ މަސްވެރިންނަށް މިހާރަށްވުރެ ރަނގަޅު އަގު ލިބޭނެ ގޮތްތައް ހެދުމަށް ބޭނުންވާ އިންވެސްޓްމެންޓްތައް ސަރުކާރުން ކުރަމުން އަންނަ ކަމަށާއި ސަރުކާރުން ކޮށްދޭންޖެހޭ އެންމެ މުހިއްމު ކަމަކީ ފޮރިން އިންވެސްޓްމެންޓް ތަކުން އަމިއްލަ މީހުންނަށް ޖާގަ ދީ އެކަން ކުރެވޭނެ ގޮތް ހަދައިދިނުން ކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ އެ ބަދަލުތައް ގެނެއުމަށް ވަގުތު އެބަ ނަގާ ކަމަށާއި ރައީސް ސޯލިހުގެ ސަރުކާރުން އެ ކަމުގައި ކާމިޔާބު ހޯދާނެ ކަމަށެވެ.

ޑރ. ހުސައިން ވިދާޅުވީ މިފްކޯގެ ފެސިލިޓީ އަޕްގްރޭޑް ކުރުމާއި ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާނެ ކަމަށާއި ޕްރައިވެޓް ސެކްޓަރަށް މަސްވެރިކަމުގެ ސިނާއަތުގައި ބައިވެރިވުމުގެ ފުރުސަތު އިތުރުކޮށް އެމީހުންނަށް މަސްވެރިކަމުގެ ސިނާއަތުގައި އިތުރު ޖާގަ ހުޅުވޭނެ ގޮތް ހަމަޖައްސައިދިނުމަކީ ވެސް ސަރުކާރުގެ ސިޔާސަތެއް ކަމަށެވެ.

ޑިއުޓީއާ ނުލާ ޔޫކޭއަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް އެކްސްޕޯޓް ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެެވެ.