ރާއްޖޭގެ ދަނޑުވެރިކަން އިތުރަށް ފުޅާކުރުމަށް ފަތުރުވެރިކަމުގެ މާކެޓަށް އަމާޒުކޮށް، އުފައްދާ އުފެއްދުންތަކަކީ މަތީ އަގު ލިބޭ އުފެއްދުންތަކަށް ހަދަން ޖެހޭ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ދަނޑުވެރިކަމުގެ ދުވަހާ ގުޅިގެން މިނިސްޓަރު ވިދާޅުވީ، ރާއްޖެއަކީ ދަނޑުވެރިކަން ކުރުމަށް ލިބެންއޮތް ބިން ނިސްބަތުން ކުޑަ، ފަތުރުވެރިކަމަށް ނުހަނު ބޮޑަށް ބަރޯސާވާ ގައުމެއް ކަމަށެވެ.

އެހެންކަމުން ރާއްޖޭގެ ދަނޑުވެރިކަން އަދި ދަނޑުވެރިކަމުގެ ވިޔާފާރި އިތުރަށް ފުޅާކޮށް ތަރައްގީ ކުރުމަށްޓަކާ މިއަދު އެންމެ ބޭނުންވަނީ، އުފައްދާ ތަކެއްޗަކީ ދިވެހިންގެ ކާބޯތަކެތީގެ ރައްކާތެރިކަމަށާއި ފަތުރުވެރިކަމުގެ މާކެޓަށް އަމާޒުކޮށް، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި، ކުދި ބިންތަކުގައި އުފައްދާ މަތީ އަގުލިބޭ އުފެއްދުންތަކަށް ހެދުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޑރ. ހުސައިން ވަނީ ރާއްޖޭގެ ދަނޑުވެރިންގެ ދުވަހުގެ ތަހުނިޔާއާއި މުބާރިކުބާދީ ދިވެހި އެންމެހާ ދަނޑުވެރިންނަށާއި ދަނޑުވެރިކަމުގެ ސިނާއަތުގެ އެންމެހާ ބައިވެރިންނަށް އަރިސްކުރައްވާފައެވެ.

ދަނޑުވެރިންގެ ދުވަހުގެ ނަމުގައި ދުވަހެއް ފާހަގަކުރަން ނިންމީ 2020 ވަނަ އަހަރުގައެވެ. މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަގްސަދުތަކުގެ ތެރޭގައި، ދިވެހިރާއްޖޭގެ ކާނާގެ ޔަގީންކަން ކަށަވަރުކުރުމުގެ ގޮތުން ދަނޑުވެރިންކުރާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމާއި، ދަނޑުވެރިކަމުގެ މަސައްކަތް ރާއްޖޭގެ އިގްތިސާދުގައި ހިއްސާކުރާ މިންވަރު އިތުރުކުރުމަށްޓަކައި ޒުވާނުންނާއި މަސައްކަތްކުރާ އުމުރުގެ މީހުން ދަނޑުވެރިކަމަށް ޝައުގުވެރިކުރުން ހިމެނެއެވެ.

މީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނޑުވެރިކަމުގެ އެކި މަސައްކަތްތަކުގައި ޙަރަކާތްތެރިވާ ފަރާތްތައް އެއްތަނަކުން ބައްދަލުވެ، އެފަރާތްތަކަށް ކުރިމަތިވަމުންދާ ހުރަސްތަކާއި ދަތި ކަންކަން ފާހަގަކޮށް އެ ކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާމެދު މަޝްވަރާކުރުމުގެ ފުރުސަތު ހޯދައިދިނުމާއި، ތިމާވެށްޓަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ދަނޑުވެރިކަމަށް ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމަށްޓަކައި އެކަމަށް އެންމެ އެކަށޭނަ އާ ފަންނުތައް ދަނޑުވެރިންނަށް ތައާރަފުކުރުން ވެސް ހިމެނެއެވެ.

ކޮންމެ އަހަރެއްގެ އޮގަސްޓްމަހުގެ 10 ވަނަ ދުވަހުގައި ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމަށް 2009 ވަނަ އަހަރު ހަމަޖެއްސި ނަމަވެސް ވޭތުވެ ދިޔަ އަހަރުތަކުގެ ތެރޭގައި ތަފާތު އެކި ސަބަބުތަކާ ހުރެ މިދުވަސް ފާހަގަކޮށްފައިވަނީ އަހަރުގެ ކޮންމެވެސް އެހެން ދުވަހެއްގައެވެ.

އެހެންކަމުން ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ، ދުނިޔޭގެ ކާބޯތަކެތީގެ ދުވަސްކަމުގައިވާ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހާ ގުޅުވައިގެން ދަނޑުވެރިންގެ ދުވަސް ފާހަގަކުރެއްވުމުގެ އެއް ބޭނުމަކީ ދަނޑުވެރިންނާއި އެ މީހުން އުފައްދާ ތަކެއްޗާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ތަފާތު ހަރަކާތްތައް ހިންގުމަށް މަގުފަހިކޮށްދިނުން ކަމަށް ރައީސް އޮފީހުން ބުނެއެވެ.