އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއި އިތުރު 2 މިނިސްޓަރެއްގެ ކާރުގައި އިންޑިއާ އައުޓު ސްޕްރޭ ކޮށްފިއެވެ.

އިންޑިއާ އައުޓު ސްޕްރޭ ކޮށްފައި ވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީގެ އިތުރުން ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަންގެ ކާރަށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ނޫ ކުލައިގެ ސްޕްރޭ ބޭނުން ކޮށްގެން ވަޒީރެއްގެ ކާރުގައި "އިންޑިއާ އައުޓް" ލިޔެފައިވާ ފޮޓޯއެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.

ވަޒީރުންގެ ކާރުގައި އިންޑިއާ އައުޓު ޖަހާފައި ވާއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ގެކޮޅު، ގ. ކެނެރީގެ ފާރުގައި ވެސް މީގެ ކުރިން ވަނީ "އިންޑިއާ އައުޓް" ލިޔެފައެވެ. އެ މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު ވެސް ވަނީ ޖަހާފައެވެ.

މީގެ ކުރިން ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ދިރިއުޅުއްވާ ގޭގެ ދޮރުގައި ވެސް ބަޔަކު ވަނީ "އިންޑިއާ އައުޓް" ސްޕްރޭ ކޮށްފައެވެ. އަދި އިންޑިއާ އައުޓް ލިޔެފައިވާ ކަރުދާސްތަކެއް މާލޭގެ މަގުތަކަށް އަޅާފައި ވާއިރު، ރައީސް އޮފީހާއި، އިންޑިއާ ހައި ކޮމިޝަން އޮފީހުގެ އިތުރުން، ފޮރިން މިނިސްޓަރު އަދި އދ. ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ ގެ ކައިރިއަށް ވެސް އިންޑިއާ އައުޓް ލިޔެފައިވާ ކަރުދާސްތަކެއް ބަޔަކު ވަނީ އަޅާފައެވެ.

ރާއްޖޭގެ އެކި ރަށްރަށުގައި ގާއިމްވެ ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި އިދިކޮޅުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތުގެ ދަށުން، "އިންޑިއާ އައުޓް" އެކި ސިފަ ސިފައިގައި ޖަހާފައިވާ ބެނާތަކެއް އެކި ގޭގޭގައި މި ފަހުން ދަމާފައި ވެއެވެ. ނަމަވެސް ފުލުހުން ވަނީ އެ ގެތަކަށް ވަދެ ބެނާތައް ނަގައިފައެވެ.