ތިން ވަޒީރެއްގެ ކާރަށް "އިންޑިއާ އައުޓް" ސްޕްރޭކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.

ގްރީން ޒޯންގައި ހުންނަ ވެލާނާގެ ޕާކިން ޒޯންގައި އިއްޔެ ހެނދުނުގެ ވަގުތެއްގައި، ނޫ ކުލައިގެ ސްޕްރޭ ބޭނުންކޮށްގެން އިންޑިއާ އައުޓް ސްޕްރޭކޮށްފައި ވަނީ:

  • އެޑިއުކޭޝަން މިނިސްޓަރު ޑޜ. އައިޝަތު އަލީގެ ކާރަށް
  • އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ ކާރަށް
  • ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަންގެ ކާރަށް

އެކަމާ ގުޅޭ ފޮޓޮއެއް ވެސް އިއްޔެ ސޯޝަލް މީޑިއާގައި ދިޔައީ ދައުރުވަމުންނެވެ.

އެ މައްސަލައާ ގުޅިގެން ރޭގެ ވަގުތެއްގައި މީހަކު ހައްޔަރުކޮށްފައި ވާއިރު، މީޑިއާތަކަށް ދިން މައުލޫމާތުގައި ފުލުހުން ބުނީ، އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ އިއްޔެ ހެނދުނު 7:30 ހާއިރު ކަމަށާއި، އެ މައްސަލައިގެ އިތުރުން މަޖިލީހުގެ ކުރިމަތީގައި އޮންނަ ޕާކިން ޒޯނުގައި އޮތް ކާރަކަށް ވެސް މީހަކު ގެއްލުން ދީފައިވާ ކަމަށެވެ

3 ވަޒީރެއްގެ ކާރުގައި އިންޑިއާ އައުޓު ޖަހާފައި ވާއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ގެ، ގ. ކެނެރީގެ ފާރުގައި ވެސް މީގެ ކުރިން "އިންޑިއާ އައުޓް" ލިޔެފައިވެއެވެ. އެ މައްސަލައިގައި މީހަކު ހައްޔަރުކޮށް، ބަންދުގެ މުއްދަތު ވެސް ޖަހާފައި ވެއެވެ.

މީގެ ކުރިން ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ދިރިއުޅުއްވާ ގޭގެ ދޮރުގައި ވެސް ބަޔަކު "އިންޑިއާ އައުޓް" ޖަހައި ސްޕްރޭ ކޮށްފައި ވާއިރު، އިންޑިއާ އައުޓް ލިޔެފައިވާ ކަރުދާސްތަކެއް މާލޭގެ މަގުތަކަށް އަޅާފައި ވެއެވެ. އޭގެ އިތުރުން ރައީސް އޮފީހާއި، އިންޑިއާ ހައި ކޮމިޝަން އޮފީހުގެ އިތުރުން، ފޮރިން މިނިސްޓަރު އަދި އދ. ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ ގެ ކައިރިއަށް ވެސް އިންޑިއާ އައުޓް ލިޔެފައިވާ ކަރުދާސްތަކެއް ބަޔަކު ވަނީ އަޅާފައެވެ.