ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގައި ޒަމާނީ ސެކިއުރިޓީ ފީޗާތަކަކާއެކު ސްމާޓް އައިޑީ ކާޑެއް ތައާރަފް ކުރަން ނިންމައި އެ އައިޑީ ކާޑަށް ޑިޒައިން ހުށަހަޅަން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އިން އަނެއްކާވެސް އިއުލާން ކޮށްފިއެވެ.

ޑީއެންއާރުން ބުނީ މިހާރު ބޭނުންކުރާ އައިޑީ ކާޑުގެ ޑިޒައިން ބަދަލުކޮށް، ސަލާމަތީ ގޮތުން ފުރިހަމަ، އިތުބާރާއި ޔަގީންކަން އޮންނަ ޒަމާނީ ސެކިއުރިޓީ ފީޗާތަކާއެކު ސްމާޓް އައިޑީ ކާޑެއް ތައާރަފުކުރަން ނިންމާފައިވާ ކަމަށެވެ. އެހެންކަމުން އެ ކާޑު ޑިޒައިން ކުރަން ޝައުގުވެރިވާ ފަރާތްތަކުން ޑީއެންއާރަށް ޕްރޮޕޯސަލް ހުށަހެޅުމަށް ވަނީ ހުޅުވާލައިފައެވެ.

އެ އިއުލަންގައި ބުނީ، އައިޑީ ކާޑު ޑިޒައިން ކުރާނެ ފަރާތެއް ހޮވާނީ އެ ފަރާތުގެ ފަންނީ ގާބިލުކަމާއި ހުށަހަޅާ ކޮންސެޕްޓްގެ ފުރިހަމަ ކަމަށް ބެލުމަށް ފަހު ކަމަށާއި އެންމެ ފުރިހަމަ އަށް ޑިޒައިންކުރާ ފަރާތަކަށް 200،000 ރުފިޔާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އައިޑީ ކާޑު ޑިޒައިންކުރާ ފާރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްވާ ތިން ފަރާތަށް އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ރަސްމީ ލިޔުމެއް ވެސް ދޭނެ ކަމަށް ޑީއެންއާރުން ބުނެއެވެ. އަދި މި ޕްރޮޕޯސަލްއަށް ހުށަހަޅާ ޑިޒައިންތައް ރަސްމީކޮށް އެ ކުރެހުންތައް އާންމުކޮށް ހުޅުވާލާ މައުރަޒެއްގައި ވެސް ދައްކާލުމަށް ވަނީ ހަމަޖެހިފައި ކަމަށް ޑީއެންއާރުން ބުނެއެވެ.

އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހު 1 ގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަން ވަނީ ބުނެފައެވެ. އެންމެ ރަނގަޅު ޕްރޮޕޯސަލް ޝޯޓްލިސްޓްކޮށް އެ ފަރާތްތަކަށް އައިޑީ ކާޑުގެ ދެފުށާއި ހޮލޮގްރާމް ކުރަހަން ހަވާލުކުރުމާއި ހޮވުނު ފަރާތުން ފައިނަލް ކުރެހުންތައް ހުށަހެޅުމާއި އަދި އެންމެ ފުރިހަމަ އަށް ފަރުމާކުރި ފަރާތް ހޮވުން އޮންނާނީ އަންނަ އޮގަސްޓް މަހުގައި ކަމަށް ޑީއެންއާރުން ބުނެއެވެ.