ޓްރާންސްޕޯޓް މިނިިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީ ރޭ ހަމަލާދީފިއެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ ޝިމާޒަށް ހަމަލާދޭން އުޅުނު މައްސަލަ ރޭ ރިޕޯޓު ކޮށްފައިވާ ކަމަށާއި އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.

ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވީ ޝިމާޒަށް ދިން ހަމަލާ ހަރުކަށި އިބާރާތުން ކުއްވެރި ކުރައްވާ ކަމަށާއި އެ މައްސަލަތައް ބަލަމުންދާ ދަނޑިވަޅުގައި މިކަމަށް އެކި ގޮތްގޮތުން ނުފޫޒު ފޯރުވަން މަސައްކަތްކޮށް މިކަމުގެ ތެރޭގައި މިނިސްޓަރު އާއިލާ އަށް ނިސްބަތްކޮށް ދެކެވޭ ވާހަކަތަކަކީ އަބުރު ކަތިލިމުގެ ހުތުރު އަމަލުތަކެއް ކަމަށެވެ. އަދި ކޮރަޕްޝަން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތް ފަސްޖެހުމެއްނެތި ކުރާނެ ކަމަށްވެސް ނަހުލާ ވިދާޅުވިއެވެ.

ޝިމާޒް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމަށް އައްޔަން ކުރައްވާފައި ވަނީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ސްލޮޓެއްގައެވެ.

އެމްއާރްއެމްއިން ބުނީ އެ ޕާޓީގެ ސްލޮޓެއްގައި ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުންނެވި ޝިމާޒަށް ރޭ މަގުމަތިން ބަޔަކު ހަމަލާދީފައި ވާތީ އެކަން ކުށްވެރި ކުރާ ކަމަށެވެ. އަދި އެ ހަމަލާ ދިން މީހުން ހޯދައި ކަމާއި ބެހޭ ފަރާތްތަކުން އެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އެޅުމަށްވެސް އެމްއާރްއެމްއިން ވަނީ ގޮވާލާފައެވެ.

ރާއްޖޭގައި ދުއްވާ އެއްގަމު އުޅަނދުފަހަރުގެ ނަންބަރު ޕްލޭޓް، ވަސާޖިއޯ ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކުރި މައްސަލައެއްގައި ޝިމާޒް ހިމެނޭހެން 6 މީހެއްގެ މައްޗަށް ދައުވާކުރުމަށް އޭސީސީން ފޮނުވާފައި ވެއެވެ މެޝިން ރީޑަބަލް ނަންބަރު ޕްލޭޓް ހަދަން ވަސާޖިއޯ އާ ހަވާލުކުރި އިރު، ޓްރާންސްޕޯޓް މިނިސްޓްރީގެ ބިޑް ކޮމިޓީގެ ޗެއާގެ މަގާމު އަދާކުރެއްވީ ޝިމާޒެވެ. ބިޑުގެ މަރުހަލާ ކުރިއަށް ދިޔައިރު، ވަސާޖިއޯގެ އިސްބޭފުޅަކާ ޝިމާޒް ބައްދަލުކުރި ކަމުގެ ތުހުމަތުތައް މިނިސްޓްރީގެ ބައެއް އިސްބޭފުޅުން ކުރިއެވެ. ނަމަވެސް އޭނާ އެ ތުހުމަތުތައް އޭރު ދޮގު ކުރައްވާފައި ވެއެވެ.

ޝިމާޒް މަގާމުން ވަކިކޮށްދިނުމަށް އެދި ނަހުލާ ފޮނުއްވާފައިވާ ކަމަށް ބުނާ ސިޓީ އެއް ރައީސް އޮފީހަށް ލިބިފައިވާ ކަމަށް، ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވަނީ ވިދާޅުވެފައެވެ. މިއުވާން ވިދާޅުވި ގޮތުގައި، އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު، ފިޔަވަޅު އަޅަން ޖެހިއްޖެ ކަމަށް ވާނަމަ، އޮންނަ އުސޫލުގެ ދަށުން ފިޔަވަޅު އަޅާނެއެވެ.