މިދިޔަ މަހުގެ 13 ވަނަ ދުވަހު ނެޓްފްލިކްސްގައި ރިލީޒްކުރި ކާމިޔާބު ސީރީޒް "ދަ ވޮޗާ"ގެ ދެވަނަ ސީޒަނެއް އަންނާނެ ކަމަށް ޓީމުން ބުނެފިއެވެ.

ހަގީގީ ހާދިސާއަކަށް ބިނާކޮށް އުފައްދާފައިވާ މި ސީރީޒްގެ މައިގަނޑު ތަރިންގެ ގޮތުގައި ފެނިގެންދަނީ ނައޯމީ ވޮޓްސް، ބޮބީ ކެނެވާލް، ޖެނިފާ ކޫލިޖް، މިއާ ފެރޯ އަދި ކްރިސްޓޮފާ މެކްޑޮނަލްޑްއެވެ. ހަތަރު މެންބަރުން މީހުން ހިމެނޭ ކުޑަ އާއިލާ އެއް ނިއު ޖާޒީ އަށް ބަދަލުވެ ދިމާވާ އާދަޔާ ހިލާފު ކަންތައްތަކެކެވެ. އެ ގޭގައި އުޅޭ ކޮންމެ ބަޔަކަށް ވެސް އާދަޔާ ހިލާފު ސިޓީ މެއިލަށް އަންނައިރު ބިރުވެރި ކަންތައްތައް ވެސް މި ސީރީޒުން ފެނިގެން ގޮސްފައިވެއެވެ.

މި ހާދިސާ އަކީ 2014 ގައި ބްރޯޑަސް ފެމިލީ ތަޖުރިބާކުރި ކަންތައްތަކެވެ. ވޮޗާ ގެ ނަމުގައި ސިޓީތައް އެ މީހުންނަށް ފޮނުވިއިރު އެ ސިޓީތައް ހިފައިގެން އެ އާއިލާ ވަނީ އެފްބީއައި އަދި ފުލުހަށް ވެސް ގޮއްސައެވެ. ނަމަވެސް މިހާތަނަށް ދަންދެންވެސް ވޮޗާ އަކީ ކާކުގަން ދެނެގަނެވިފައެއް ނުވެއެވެ. މި ސީރީޒް ނެރުނުތާ ހަފްތާ އެއްތެރޭ މި ސީރީޒް ނެޓްފްލިކްސްއިން ވަނީ އެއްވަނަ ޖާގަ ހޯދާފައެވެ.

މި ސީރީޒަށް ވަނީ 125.01 މިލިއަން ވިއުސް ލިބިފައެވެ. ރަޔާން މާފީ އާއި އަޔާން ބްރެނަން ޑައިރެކްޓްކޮށް އުފައްދައިގެން ގެނެސްދިން މި ސީރީޒްގެ ސްކްރިޕްޓްގެ މަސައްކަތް އަވަސް މުސްތަގްބަލް ތެރޭ ފަށާނެއެވެ. ރިޕޯޓްތައް ބުނާގޮތުން ދަ ވޮޗާ ގެ ދެވަނަ ސީޒަން އަންނާނީ އަންނަ އަހަރު ފަހުކޮޅު ނުވަތަ އަންނަ އަހަރު ކުރީކޮޅުގައެވެ.

ރަޔާން އަކީ މަޝްހޫރު ގިނަ ސީރީޒްތަކެއް އުފައްދާފައިވާ ހުނަރުވެރި ރައިޓަރެކެވެ. އޭނާ އެންމެ ފަހުން ގެނެސްދިނީ އެމެރިކާގެ ސީރިއަލް ކިލާ ޖެފްރީ ޑާމާ އަށް ބިނާކޮށް އުފެއްދި ސީރީޒްއެވެ.