އިންޑިއާގެ ބައިބޯ ޝަހަރެއް ކަމަށް ވާ އުއްތަރްޕްރަދޭޝް އާ 100 ކިލޯމީޓަރު ދުރުގައި އޮންނަ ނޭޕާލުގެ ޑޮޓީ އަށް އައި ބިންހެލުމެއްގައި 6 މީހަކު މަރުވެ އެތައް ގެއެއް ހަލާކުވެ 5 މީހަކު ޒަހަމް ވެއްޖެއެވެ.

ހަބަރުތައް ބުނާ ގޮތުން، ރޭ ދަންވަރު 2 ޖެހި އިރު އައި ބިންހެލުމުގެ ބާރުމިނުގައި 6.6 މެގްނެޓިއުޑް ހުއްޓެވެ.

ޑޮޓީގެ ޑެޕިއުޓީ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ބޯލާ ބައްޓާ ވިދާޅުވީ، އެ ހާދިސާގައި 8 ގެއެއް ވެއްޓުނު ކަމަށެވެ.

މި ބިންހެލުމުގެ އަސަރު އިންޑިއާގެ ވެރިރަށް ނިއުދިއްލީއަށްވެސް ކުރިކަމަށް މޫސުމާބެހޭ އިދާރާތަކުން ބުނެއެވެ.

ނޭޕާލަކީ ފަރުބަދަމަތީގެ ގައުމަކަށް ވުމުގެ އިތުރުން، ބިންހެލުން ދޭތެރެ ދޭތެރެއިން އަންނަ ގައުމެއްވެސް މެއެވެ. އެގޮތުން 2015 ވަނަ އަހަރު އައި ބިންހެލުމެއްގައި 9000 މީހަކު މަރުވެ އަވަށެއް އެއްކޮށް ހަލާކުވެ ސުންނާފަތި ވެގެން ދިޔަ އިރު ލިބުނު ގެއްލުން 6 ބިލިއަން ޑޮލަރަށް އަރައެވެ.

ނޭޕާލަށް އައި މި ބިންހެލުން އެގައުމުގައި ހުންނަ ސިސްމޮލޮޖިކަލް ސެންޓަރަށް 6.6 މެގްނެޓިއުޑުގައި ރެކޯޑްކުރެވުނަސް ޔޫރަޕިއަން މެޑްޓެރޭނިއަން ސިސްމޮލޮޖިކަލް ސެންޓަރަށް ރެކޯޑް ކުރެވިފައި ވަނީ 5.6 މެގްނެޓިއުޑުގެ ބާރުމިނުގައެވެ.