ދެކުނު ކޮރެއާގައި އޮކްޓޫބަރު 31 ވަނަ ދުވަހުގެ ރޭ ހިނގި ހިތާމަވެރި ހާދިސާއާ ގުޅިގެން ގައުމު ހިތާމައެއްގައި އޮއްވާ، ތަފާތު ހަބަރަކުން ހައިރާންކަން ގެނެސްފިއެވެ.

ދެކުނު ކޮރެއާގެ އިރުމަތީގައި ޒިންކް މައިނެއްގައި މަސައްކަތް ކުރަމުން ދިޔަ ދެމީހަކު 9 ދުވަސް ފަހުން ސަލާމަތް ވި ވާހަކަ، ސުރުހީތަކަށް އަރާފައި ވާ އިރު އެމީހުން ދިރިތިބުމަށްޓަކައި ބުއީ ހުސް ކޮފީކަމަށް ބުނެފިއެވެ.

ގާތްގަނޑަކަށް 650 ފޫޓު އަޑީގައި ތާށި ވި 2 މީހުން، ގަދަ ފިނިން ސަލާމަތް ވުމަށް އަލިފާން ކޮޅެއް ރޯކޮށް ތިިބީ ޕްލާސްޓިކުން ޓެންޓެއް ހަދައިގެން ކަމަށާއި ބުއިމަކީވެސް، ކެއުމަކީވެސް އިންސްޓަންޓް ކޮފީ (ޕެކެޓް ކޮށްފައި ހުންނަ ތައްޔާރީ ކޮފީ) އެވެ.

އެ ދެމީހުން ތާށި ވުމާއެކު ސަލާމަތް ކުރުމުގެ މަސައްކަތް މަތީގައި ތިބި މީހުން ކުރި ނަމަވެސް އެހާ ދުވަސް ނެގީ އެމީހުން ތާށިވި ސީދާ ތަން ދެނެ ނުގަނެވިގެން ކަމަށާއި އެމީހުން ތިބި ތަން ދެނެގަތީ، މަތިން ލޯވަޅެއް ތޮރުފާ، ކެމެރާ ވައްދައިގެން ކަމަށް ހަބަރުތައް ބުނެއެވެ.

ދެކުނު ކޮރެއާގެ އޮފިޝަލުންނާ ހަވާލާދީ އެގައުމުގެ ނޫސްތަކުން ބުނި ގޮތުގައި، އެ ދެ މީހުން ބުއީ، މަތިން ފައިބަމުން ދިޔަ ވާރޭފެން ކަމަށާއި، ފެނުނު އިރު ދެމީހުން ތިބީ މައިންގައި މަސައްކަތް ކުރާ މީހުން އެއްވެލާން ހުންނަ ހުސް ޖާގައެއްގައި ކަމަށެވެ.

އެމީހުން މައިނުން ނެރުނު އިރު ހިނގެއެވެ. އަދި ހާލު ރަނގަޅު ނަމަވެސް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުންނެވެ.

ދެކުނު ކޮރެއާގެ މިހާދިސާ އާ ގުޅިގެން އެ ގައުމުގެ ރައީސް ވިދާޅުވީ، އެއީ އަޖައިބު ކުރުވަނިވި ހާދިސާއެއް ކަމަށެވެ.

އީސާއީންގެ ހެލޮވީން ފާހަގަ ކުރުމަށް ނިމިދިޔަ އޮކްޓޫބަރު 31 ވަނަ ދުވަހުގެ ރޭ އެގައުމުގެ ކާރޫބާރު ބޮޑު ސަރަހައްދަކަށް ގިނަ އަދަދެއްގެ ބަޔަކު އެއްވުމުން ނޭވާ ހާސްވެ ހާޓް އެޓޭކް ޖެހިގެން 156 މީހަކު ވަނީ މަރުވެފައެވެ.