ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ އެންމެ ބޮޑު އަމާޒަކަށް ވާނީ ރިޔާސީ އިންތިހާބުގެ ވޯޓުން އިންޑިއާ ބަލިކުރުން ކަމަށް އިދިކޮޅުގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޔާމީން މިހެން ވިދާޅުވީ، މިއަދު ހެންވޭރު ދަނޑުގައި ބޭއްވި އިދިކޮޅު ކޯލިޝަން ޕީޕީއެމް/ޕީއެންސީގެ ދާއިރާތަކުގެ އިންތިހާބުގެ ވޯޓު ކުރިއަށް ދާ ގޮތް ބައްލަވާލެއްވުމަށް އެތަނަށް ވަޑައިގެން އެ ޕާޓީގެ އާންމު މެންބަރުންނާ ބައްދަލު ކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުންނެވެ. ޔާމީން ވިދާޅުވީ، އިދިކޮޅު ކޯލިޝަންގެ އެތެރޭގެ އިންތިހާބުގެ މައިގަނޑު މަގުސަދަކީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުން ކަމަށެވެ. އެގޮތުން އެ އިންތިހާބަކީ އިންޑިއާ ބަލި ކުރާ އިންތިހާބު ކަމަށާއި އެ ކަމަށް ހުރިހާ އެންމެން މަސައްކަތް ކޮށްދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ރާއީސް ޔާމީންގެ ވެރިކަމުގައި އިންޑިއާ ސަރުކާރާއި ރާއްޖެއާ ދެމެދު އޮތް ހާރިޖީ ގުޅުން ކުޑަކަން ފާހަގަ ކުރެވެއެވެ. އޭރު އެންމެ ބޮޑަށް ރާއްޖެއާ ހާރިޖީ ގުޅުން ވަރުގަދަ ވެފައި ވަނީ ޗައިނާ ސަރުކާރާ އެކުގައެވެ. އެ ގޮތުން ޗައިނާގެ އެހީގެ ދަށުން ތަރައްގީގެ ގިނަ ކަންކަން ވަނީ ކޮށްދީފައެވެ.

އެއަށް ފަހު ރާއީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން އިންޑިއާ ސަރުކާރާއި ރާއްޖޭއާ އޮތް ގުޅުން ވަރުގަދަ ވެ ރާއްޖެއަށް އެތައް ކަމެއް ގައި އިންޑިއާއިން އެހީތެރިކަން ފޯރުކޮށް ދެމުން އަންނަ އިރު އެ ކަންކަމަށް އިދިކޮޅު ކޯލިޝަނުން އަންނަނީ ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. ހަމައެއާއެކު ރާއްޖޭގެ މިނިވަން ކަން ވެސް ނެތިގެން ގޮސްދާނެ ކަމަށާއި އިންޑިއާ ސިފައިންގެ އަތްދަށަށް ރާއްޖެ ގެންގޮސް ދާނެ ކަމަށް ބުނެ އިންޑިއާ ސިފައިން ބާލަން ވެސް އެކި ޕޯޑިއަމްތަކުގައި ރައީސް ޔާމީން ވަނީ ގޮވަލައްވާފައެވެ.

2023 ގެ ވޯޓަކީ ޕީޕީއެމް ނުވަތަ ޕީއެންސީން މީހަކަށް ދޭ ވޯޓެއްގެ ބަދަލުގައި ދިވެހި ވަންތަ ސިފަތަކަކާއި އިސްލާމީ ހިދާޔަތުގައި ރާއްޖެ އޮތުމާއި އިސްތިގުލާލާއި މިނިވަންކަމާއި ދައުލަތް ހިންގުމުގެ ސިޔާދަތީ ބާރު ދައުލަތަށް އޮތުމުގެ ފުރިހަމަކަން ކަށަވަރު ކޮށްދޭ ވޯޓަކަށް ހަދަން މީގެ ކުރިން ޔާމީން ވަނީ ގޮވާލައްވާފައެވެ.

މިއަދު ކުރިއަށް ގެންދިޔަ އިންތިހާބާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ، ޕީޕީއެމް ކޯލިޝަންގެ އެތެރޭގެ އިންތިހާބުގެ އިންތިޒާމުތަކާ މެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ. ކެންޑިޑޭޓުންގެ މެދުގައި އޮތް ވާދަވެރިކަމާއި މެންބަރުން އިންތިހާބާ މެދު އޮތް ޝައުގުވެރިކަން، ވޯޓުލާން ދާ މީހުންގެ އަދަދަށް ބެލުމުން ވަރަށް ބޮޑަށް ސާފުވާ ކަމަށް ޔާމީން ވިދާޅުވިއެވެ. އަދި އެ އިންތިހާބުގެ ކަންކަން ކުރިއަށް ގެންދަނީ ޑިމޮކްރެޓިކް ހަމަތަކާއި އުސޫލުތަކުގެ ތެރެއިން ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.