އެމްޑީޕީގެ ހުސްވެފައިވާ ސްޕޯކްސްޕާސަންގެ މަގާމަށް، އަނަސް އަބްދުއްސައްތާރު ހަމަޖައްސައިފިއެވެ.

ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ސްޕޯކްސްޕާސަންގެ މަގާމު ހުސްވެފައި ވަނީ އެ ޕާޓީގެ ސްޕޯކްސްޕާސަން ކަން ކުރެއްވި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ، މިދިޔަ ފެބްރުއަރީގެ މެދެއްހާ ހިސާބުގައި މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އޭނާ އިސްތިއުފާ ދެއްވާފައި ވަނީ އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަ ކުރުމަށެވެ.

އެހެންކަމުން، އެ މަގާމު ހުސްކޮށް އޮންނަތާ ގާތްގަނޑަކަށް ނުވަ މަސް ވަނީ ވެފައެވެ.

އަނަސް އެމްޑީޕީގެ ތަރުޖަމާނަކަށް ހަމަޖެއްސިކަން، އެ ޕާޓީން ވަނީ މިއަދު އިއުލާނުކޮށްފައެވެ.

މީގެ ކުރިން އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްކަން ކުރައްވާފައިވާ އަނަސް، އެންމެ ފަހުން ހުންނެވީ އެ ޕާޓީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލީހުގެ ރައީސްގެ މަގާމުގައެވެ. އޭގެ އިތުރުން އަނަސް ވަނީ މާލޭ ސިޓީ ކައުންސިލާއި، ބްރޯޑްކާސްޓިން ކޮމިޝަނާއި، އެމްޓީސީސީ ފަދަ ތަންތަނުގެ ވަކީލު ކަން ވެސް ކުރައްވައިފައެވެ.

މިވަގުތު އޭނާ ހުންނެވީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ ގޮތުގައެވެ.

އަނަސް ވަނީ އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މިހާރުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާ ވާދަ ކުރައްވައި 5،000 ވޯޓުގެ ތަފާތަކުން ބަލިވެފައެވެ.