ރާއްޖޭގައި ފާހަގަ ކުރާ ނަސްރުގެ ދުވަހަކީ "ސިއްކަ ޑޭ"ގެ ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ސިފަކުރައްވައިފިއެވެ.
ނަސްރުގެ ދުވަހާ ގުޅިގެން ޔާމީން ކުރެއްވި ޓުވީޓެއްގައި ހިއްސާކުރެއްވީ އިނގިރޭސި ބަހުން ލިޔުއްވާފައިވާ ޅެމެކެވެ.
ޔާމީން މިދުވަސް ސިފަކުރައްވާފައި ވަނީ "ބިރުވެރި ސިއްކަގެ" ދުވަހުގެ ގޮތުގައެވެ. އެ މަނިކުފާނު "ސިއްކަ" ގެ ވާހަކަ ގެންނަވާފައި އޮތީ މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒުނާ އަހުމަދުގެ އާއިލާއާ ގުޅުވައިގެންނެވެ.
ފަޒްނާގެ ބައްޕާފުޅު ސިއްކަ އަހުމަދު އިސްމާއިލް މަނިކަކީ ނޮވެމްބަރު 3، 1988 ގެ ޓެރަރިސްޓް ހަމަލާގެ ބައިވެރިއެއްކަން ސާބިތުވެ 15 އަހަރުގެ ޖަލު ހުކުމެއް ވެސް އައި ބޭފުޅެކެވެ.
ރައީސް ޔާމީންގެ ޅެމުގައި ވިދާޅުވީ ތިނެއް ނޮވެމްބަރުގައި ދިވެހީން ގަތުލުކޮށް ދިން އަނިޔާތަކަށް ތިރީސް ހަތަރު އަހަރުވިޔަސް ނިމުމެއް ނެތް ކަމަށެވެ.
މީގެ އިތުރުން ތަމަޅައިން ރާއްޖެއަށް ހަމަލާދިން ގޮތް ސިފަކުރައްވައި ސިފައިންގެ ތެރެއަށް ގްރެނޭޑު އުކި ވާހަކަވެސް ގެންނަވާފައި ވެއެވެ. އަދި ގައުމުގެ ދިފާއުގައި ލަޝްކަރެއް ނިކުމެ ހަނގުރާމަ ކުރިކަން ފާހަގަ ކުރެއްވި އިރު އޭގެ ތެރެއިން 19 ދިވެހިން ޝަހީދުވެ ދިޔަކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
މިއަދު ފާހަގަ ކުރަމުން މިދާ ނަސްރުގެ ދުވަހަކީ، މީގެ 34 އަހަރު ކުރިން، ސްރީލަންކާގެ ބަޔަކާއި ރާއްޖޭގެ ބައެއް މީހުން ގުޅިގެން ރާއްޖޭގެ ވެރިކަން ވައްޓާލާ، ރާއްޖެ ހިފަން މަސައްކަތް ކުރި ދުވަހެވެ.
3 ނޮވެމްބަރު 1988 ގައި، އެތައް ދުވަހެއް ވަންދެން ހަނގުރާމައިގެ ތަމްރީނު ހަދާފައިވާ ބަޔަކު ޒަމާނީ ހަތިޔާރާއެކު ރާއްޖެ އަރައި 19 ދިވެއްސަކު ޝާހީދުކޮށް އެތައް ބަޔަކު ޒަހަމް ކޮށްލާފައި ވެއެވެ.
މި ދުވަސް ނަސްރުގެ ދުވަހުގެ ގޮތުގައި ދިވެހިން ފާހަގަ ކުރަމުން ދަނީ، ރާއްޖެ ހިފުމަށް އައި ލަޝްކަރު ބަލިކޮށް ރާއްޖެއަށް ނަސްރު ލިބުނު ދުވަސް ކަމަށް ވާތީއެވެެ.