ދެކުނު ކޮރެއާގައި ވެރިރަށުގެ ކަރޫބާރު ބޮޑު އިޓަވޮން ސަރަހައްދުގައި ފިތި ބާރުވެގެންނާއި ހާޓުއެޓޭކް ޖެހިގެން 151 މީހަކު މަރުވި ހާދިސާ ހިނގުމުގެ 3 ގަޑި އިރު ކުރިން، އެ ތަނުގައި މީހުން ފިތި ތޮއްޖެހެމުން ދާ ކަން މީހަކު އެމަޖެންސީއަށް އެންގިކަން ހާމަ ވެއްޖެއެވެ.

ހެލޮވީން ފާހަގަ ކުރި ސަރަހައްދު ފިތި ބާރުވާތީ ނުކުތް މީހަކު އެގައުމުގެ އެމަޖެންސީ ނަންބަރު 112 އަށް ގުޅާ، އެ ސަރަހައްދަށް އޭރުވެސް މީހުން ޖަމާވަމުން ދަނީ ކަމަށާއި ފިތި ބާރުވެ ހާސްވަމުން ދާ ކަމަށާއި ހާދިސާއެއް ހިނގުން ގާތް ކަމަށް ބުނެފައި ވެއެވެ.

ރައްދުގައި 112 އިން ވެސް ކުރީ ސުވާލެއް ކަމަށާއި 112 ގައި އިން އޮޕަރޭޓަރު އެހިކަމަށް ވަނީ ހާދިސާއެއް ހިނގާފާނެ ކަމަށް ބުނީ، އެއްވާ މީހުން ރަނގަޅަށް ނުބަލަނީ ތޯ އާއި ފިތިގެން ވެއްޓެނީތޯ އެވެ.

އޭގެ ޖަވާބުގައި ގުޅި މީހާ އާނއެކޭ ބުނެ، އޭރުވެސް ވަރަށް ބިރުވެރި ކަމަށް ބުނެއެވެ.

އެެ ހާދިސާއާ ގުޅިގެން އެމަޖެންސީއަށް 10 ވަރަކަށް ކޯލު ލިބުނު ކަމަށާއި، ނަމަވެސް ހާދިސާ ހިނގީ ފުރަތަމަ ކޯލް ލިބުނުތާ 3 ގަޑި އިރު ފަހުން ކަމަށް އޮފިޝަލުން ބުނެއެވެ.

ފުލުހުންގެ ޗީފް ޔޫން ހީ ކެއުން ވިދާޅުވީ، ގޯސްތަކެއް ހެދިފައި ވާ ކަަމަށް ގަބޫލު ކުރައްވާ ކަމަށާއި އެމަޖެންސީން އެކަމަށް އިޖާބަދިން ގޮތް ނުފުދޭ ކަމަށެވެ.

އޮފިޝަލުން ބުނާގޮތުން، 100،000 އަކަށް ވުރެ ގިނަ މީހުން އެރޭ ހެލޮވީން ފާހަގަ ކުރަން އެއްވެ މައްސުނި ވިއެވެ. ކޮވިޑަށް ފަހު މާސްކް ނާޅާ އެއްވަސްން ހުއްދަ ދިން ފުރަތަމަ ފަހަރު އެހާ ގިނަ ބަޔަކު އެއްވުމުން ފިތި ބާރުވެ ނޭވާ ހާސްވުމާއި ހިތްހުއްޓުން މެދުވެރި ވީ ކަމަށެވެ.

މިހާދިސާއާ ގުޅިގެން ހިތާމަ ފާޅުކުރުން ކުރިއަށް ދާއިރު ޒަހަމްވި މީހުންގެ އަދަދުވެސް 150 އިން މައްޗަށް އަރާކަމަށް ހަބަރުތައް ބުނެއެވެ. އަދި މަރުވި މީހުންގެ ތެރޭގައި އެ ހާދިސާ ގައި އެހީތެރިވާން ދިޔަ ރެސްކިއު ސްޓާފުންގެ ތެރެއިން 19 މީހަކުވެސް ހިމެނޭ ކަމަށް ހަބަރު ލިބެއެވެ.

ނޭވާ ހާސްވެގެން އެތަން މިތަނަށް މީހުންތައް ވެއްޓިފައި ތިބި އިރު، ރެސްކިއު އޮފިޝަލުން ގެންދިޔައީ ވަގުތުން ފަސްޓް އެއިޑް ނުވަތަ ފުރަތަމަ އެހީ ވެސް ދެމުންނެވެ. އޭރު މަރުވެފައި ތިބި ބައެއް މީހުން ނިވާ ކުރުމަށް ގައިމަތީގައި ފޮތި އަޅާފައި އޮތް އެތައް ހަށިގަނޑެއްވެސް ފެންނަން އޮތެވެ. ފުލުހުން މުޅި ސަރަހައްދަު ކޯޑަން (ބަންދު) ކޮށް ބަލަހައްޓަމުން ދިޔަ އިރު ހާލު ދެރަވި ބައެއް މީހުން ސްޓްރެޗާ ތަކުގައި ގެންދާތަންވެސް ފެނެއެވެ. މުޅި ސަރަހައްދުގައި އެމްބިއުލާންސާއި އެހީތެރިން ހަރަކާތްތެރި ވަމުން ދިޔަ އިރު، މީހުން ސަލާމަތް ކުރުމަށް 140 އެމްބިއުލާންސާއި، އެވަގުތު ލިބެން ހުރި ހުރިހާ ވަސީލަތެއް ބޭނުން ކުރިކަމަށް އޮފިޝަލުން ބުނެއެވެ.

ހެލޮވީން އަކީ ކޮންމެ އަހަރެއްގެ އޮކްޓޯބަރު 31 ގައި އީސާއިން ފާހަގަ ކުރާ އީދެކެވެ.