ފިލްމީ ދާއިރާގެ ބަތަލެއްގެ ރޯލުން މީގެ ކުރިން ގިނަ ފިލްމުތަކާއި ލަވަތައް ކުޅުއްވައި، އެ ދާއިރާއާ ދުރަށް ޖެހިވަޑައިގެން ގިނަ ދުވަސްތަކެއް ވަންދެން ސިޔާސީ ދާއިރާގައި އުޅުއްވި ކުރީގެ ރައްޔިތުން މަޖިލީހުގެ ނައިބު ރައީސްކަން ކުރެއްވި މޫސާ މަނިކު (ރީކޯ މޫސަ) އަނެއްކާވެސް ފިލްމެއްގައި މަސައްކަތް ކުރައްވައިފިއެވެ.

1994 ވަނަ އަހަރު ނެރުނު 'ދެރިޔާ' ފިލްމުން ގިނަ ބައެއްގެ މަގްބޫލުކަން ހޯދި މަޝްހޫރު ޑައިރެކްޓަރު މުހައްމަދު ނިޔާޒް (ޓެޑްރީ) ބުނީ، މިހާރު އޭނާ މަސައްކަތް ކުރަމުން އަންނަ ފިލްމް 'ލަސްވިޔަސް' ގައި މޫސާ މަނިކު ފެނިގެން ދިއުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. މޫސައާއެކު ލަސްވިޔަސް ފިލްމަށް ބޭނުންވާ މަންޒަރުތަކުގެ މަސައްކަތް ނިންމާލާފައި ވަނީ ދާދި ފަހުން ކަމަށް ޓެޑްރީ ބުނެއެވެ. މީގެ ކުރިން އެންމެ ފަހުން މޫސަ އާ އެކު އޭނާ މަސައްކަތް ކޮށްފައި ވަނީ 'ދެރިޔާ' ފިލްމުގައެވެ.

"އެންމެ އުފާވަނީ، މޫސަ ތަމްސީލުކުރީ، ކުރިން މަރުހޫމް ކޮއްޔަ ހަސަން މަނިކު އަދާކުރަން އޮތް ރޯލު ކަމުގައިވާތީ. މޫސަ އާއި ހަސަން އަކީ އެމީހުންގެ މެދުގައި ވަރަށް ޒަމާންވީ ގާތްއެކުވެރި ރަހުމަތްތެރިކަމެއް އޮތް ދެމީހުން. ހަސަން ނެތުމުގެ ހުސްކަން މިފިލްމްގައި ފޫބައްދަން އެންމެ އެކަށޭނަ ފަންނުވެރިޔަކީ މޫސަ."
މުހައްމަދު ނިޔާޒް (ޓެޑްރީ)

'ލަސްވިޔަސް' ފިލްމުގައި މޫސާ މަނިކު ކުޅޭ ރޯލު ކުރިން ކުޅެން ހަމަޖެހިފައި ވަނީ ކޮއްޔަ ހަސަން މަނިކު ކަމަށާއި އެ ރޯލް ދެން ތަމްސީލް ކުރާނީ މޫސަ ކަމަށް ޓެޑްރީ ބުނެއެވެ. މޫސަ އާއި ހަސަން އަކީ އެމީހުންގެ މެދުގައި ވަރަށް ޒަމާންވީ ގާތްއެކުވެރި ރަހުމަތްތެރިކަމެއް އޮތް ދެމީހުން ކަމަށާއި ހަސަން ނެތުމުގެ ހުސްކަން މި ފިލްމްގައި ފޫބައްދަން އެންމެ އެކަށޭނަ ފަންނުވެރިޔަކީ މޫސަ ކަމަށް ޓެޑްރީ ބުނެއެވެ.

ގިނަ އަދަދެއްގެ ފިލްމާއި ޑްރާމާ ކުޅެފައިވާ ކޮއްޔަ ހަސަންމަނިކު ނިޔާވެފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އޭނާ ނިޔާވީ ކޮވިޑް ޖެހިގެން ފަރުވާ ދެމުން ދަނިކޮށެވެ. އޭރު އޭނާގެ އުމުރަކީ 67 އަހަރެވެ.

ލަސްވިޔަސް ފިލްމު ޝުޓިންގެ ތެރެއިން

ރީކޯ މޫސައަކީ ރާއްޖޭގައި 90ގެ އަހަރުތަކުގެ ކުރީކޮޅު މަޝްހޫރު ފިލްމުތަކެއް ކުޅުއްވާ ގިނަބައެއްގެ މަގްބޫލުކަން ހޯއްދަވާފައިވާ އެކްޓަރެކެވެ. މިހާރުވެސް މޫސަގެ ފިލްމުތަކާއި ލަވަތަކަކީ ގިނަބަޔަކު ބަލާ ގިނަ ބައެއްގެ މަގްބޫލުކަން ލިބިފައިވާ ފިލްމުތަކާއި ލަވަތަކެކެވެ.

ފިލްމީ ދާއިރާ ދުރުގައި ގިނަ އަހަރުތަކެއް މޫސަ ހޭދަކޮށްފައި ވާ އިރު އޭގެ ފަހުން އޭނާ ވަނީ ސިޔާސީ ދާއިރާއަށް ނިކުމެ އެމްޑީޕީގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައެވެ. އަދި އޭނާ ވަނީ ރައްޔިތުން މަޖިލީހުގެ ރައީސް ކަން ވެސް ކުރައްވާފައެވެ.

ސީޔާސީ ދާއިރާގައި މަސައްކަތް ކުރެއްވި ނަމަވެސް ފިލްމީ އޭވޯޑް ހަފްލާތަކުގައި އޭނާ ވަނީ ބައިވެރިވެފައެވެ. އަދި ފިލްމީ ދާއިރާއާ ގުޅުން ހުންނަ ކަންކަމުގައި އޭނާގެ ހިޔާލު ހިއްސާކޮށް އެ ދާއިރާއަށް އަދިވެސް އޭނާގެ ލޯބި އޮންނަ ކަން ހާމަކުރައްވާފައި ވެއެވެ. ގިނަ އަހަރުތަކަކަށް ފަހު ރީކޯ މޫސަ ފިލްމަކުން ފެނިގެން ދިއުމަކީ ރީކޯ މޫސަގެ ފޭނުންނަ އުފާވެރި ހަބަރެކެވެ. އެކަން ހާމަ ކޮށް ގިނަ ބަޔަކު އަންނަނީ ޓެޑްރީގެ 'ލަސްވިޔަސް' ފިލްމް ރިލީޒް ކުރާނެ ދުވަހަކަށް އިންތިޒާރު ކުރަމުން ކަމަށް ބުނެއެވެ.

ލަސްވިޔަސް ފިލްމުގެ ސެޓުގައި ރީކޯ މޫސަ

ޓެޑްރީގެ ވާހަކައަކަށް ބިނާކޮށް ތައްޔާރުކުރާ ފިލްމު ލަސްވިޔަސްގެ ލީޑް ރޯލުން ފެންނާނީ މަޝްހޫރު އެކްޓަރު ނިއުމާ މުހައްމަދުގެ އަންހެން ދަރިފުޅު ޒޯޔާ ހަސަންއެވެ. އޭ ގެއިތުރުން އަހުމަދު އީސާ (އާނަންދު) އަދި މަރިޔަމް ޝިފާ ވެސް މި ފިލްމުން ފެންނާނެއެވެ.