ޗައިނާ ސަރުކާރުން ތަންފީޒު ކުރަމުން ދާ ކޮވިޑް ޒީރޯގެ ހަރުކަށި ސިޔާސަތާ ދެކޮޅަށް ޒުވާމުން ސޯޝަލްމީޑިއާ އެޕް، ޓިކްޓޮކް ފުރާލައިފިއެވެ.

1980 ގެ ތެރޭގައި މަޝްހޫރުވެގެން ދިޔަ، މިތުންޗަކްރޮބަތީ އުޅޭ ޑިސްކޯ ޑާންސާގެ "ޖިމީ ޖިމީ އާޖާ އާޖާ" ލަވަޔާ އެކު ޗައިނާގެ ޓިކްޓޮކް "ދޮއުޔިން" ފުރާލައިފިއެވެ.

ޑިސްކޯ ޑާންސްގެ ދުނިޔޭގައި މަޝްހޫރުކަން ހޯދި ބައްޕީ ލެހެރީ ކޮމްޕޯސްކޮށް ޕާރްވަތީ ހާން ކިޔާފައިވާ ލަވަ، މެންޑަރިން ބަހަށް ބަދަލު ކޮށް "ޖީ މީ ޖީ މީ" ނުވަތަ "ގިވް މީ ރައިސް ގިވް މީ ރައިސް" ގެ މާނައިގައި ބޭނުން ކުރަން ފަށާފައި ވަނީ ލޮކްޑައުން އާ އެކު އެތައްބަޔަކު ހާލުގައި ޖެހި ކާއެތިކޮޅުވެސް ނުލިބި ތިބެން ޖެހުމުން ރުޅިވެރިކަމުގެ ޝުއޫރު ފާޅު ކުރުމަށެވެ.

މިތުން (ކ) އަދި ޗައިނާ މީހަކު ޖިމީ ޖިމީ އާޖާ އާޖާ އަށް އެކްޓް ކުރަނީ

މި ލަވަ ޗައިނާގެ ޒުވާނުން ބޭނުން ކުރަމުން ދާ އިރު ގިނަ ބަޔަކު ވީޑިއޯ ހަދާފައި ވަނީ ސާރީ ވެސް ލައި ނިތްކުރީގައި ހިންދޫން ޖަހާ "ބިންދީ" ނުވަތަ ރަތް ތިކިވެސް ޖަހައިގެންނެވެ.

އަދި ލަވަޔާ އެއްވަރަށް ތުން ތަޅުވަމުން ދާ އިރު، އެމީހުން ތިބެނީ ޕޮޓެއް ނުވަތަ ގުޅިއެއްވެސް ހިފައިގެންވެ.

މި ވީޑިއޯތައް އާންމު ވުމާއެކު، މިހާރުވެސް ސެންސަރު ކުރުމުގެ ބޮޑު އޮޕަރެޝަނެއް ހިންގަމުން ދާ ޗައިނާ ސަރުކާރުން ވަނީ ވީޑިއޯތައް ޑިލީޓް ކުރަން ފަށާފައެވެ.

ޗައިނާގެ ކޮވިޑް ޒީރޯ ސިޔާސަތުގައި ލޮކްޑައުން ކުރުމާއި ވެކްސިން ޖެހުމާއި ކޮންޓެކްޓް ޓްރޭސިން ހެދުން ހަރުކަށި ކޮށްފައި ވާ އިރު، 1.45 ބިލިއަންގެ އާބާދީ އޮންނަ ޗައިނާގެ 200 ތަނެއް މިހާރުވެސް ހުރީ ލޮކްޑައުން ކޮށްފައެވެ. އެ ތަންތާނގައި މިލިއަނަކަށް ވުރެ ގިނަ މީހުން ތާށިވެފައި ތިބި ކަމަށް ހަބަރުތައް ބުނެއެވެ.

މިތުން (ވ) އަދި ޗައިނާ މީހަކު ޖިމީ ޖިމީ އާޖާ އާޖާ އަށް އެކްޓް ކުރަނީ

ޗައިނާގެ މި ސިޔާސަތުގެ ސަބަބުން ރައްޔިތުން ކެތްތެރިކަން ކޮޅުންލައިފައި ވާ އިރު، ކާބޯތަކެއްޗާއި ބޭސްފަރުވާ ނުލިބި ބަންދުވެފައި އެތައް މަހެއް ވީ މީހުން އެބަތިބި ކަމަށް ހަބަރުތައް ބުނެއެވެ. މިގޮތަށް ލޮކްޑައުން ކުރި ފާހަގަ ކޮށްލެވޭ އެއްތަނަކީ ހެނާން ޕްރޮވިންސްގެ ސެންގްޒޯ ސިޓީގައި ހުންނަ އެޕަލް ފޯން ފެކްޓަރީގައި ލޮކްޑައުން ކޮށްފައި ތިބި މީހުން އެތަނުން ނުކުމެގެން ދާތަން ފެންނަ ބައެއް ވީޑިއޯ ކްލިޕްތައްވެސް ވަނީ އާންމު ވެފައެވެ. އަދި ޝެންގްހާއި ގައި ހުންނަ ޑިޒްނީ ޕާކްގައި އެތައްހާސް ބަޔަކު ލޮކްޑައުން ކޮށްފައި ތިބި މަންޒަރު ފެންނަ ބައެއް ކްލިޕްތައްވެސް ވަނީ އާންމު ވެފައެވެ.