އަންނަ އަހަރަށް ލަފާކޮށް ދައުލަތުން 42.68 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފިއެވެ. މިއީ 8.46 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެކެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި ކޮވިޑުގެ ބަލިމަޑުކަމާއި ރަޝިއާ-ޔޫކްރައިން ހަނގުރާމައިގެ ސަބަބުން އިތުރުވެގެން ދިޔަ ހިރާސްތައް ކުޑަކޮށް، ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް އިސްކަންދީފައި ވާނެ ކަމަށެވެ.
އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 32.1 ބިލިއަން ރުފިޔާއެވެ. އެގޮތުން އާމްދަނީގެ ގޮތުގައި 29.62 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، ހިލޭ އެހީ އާއި އެހެނިހެން ގޮތްގޮތުން 2.48 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ޓެކުހުން 23.54 ބިލިއަން ރުފިޔާ، ޓީޖީއެސްޓީން 9.1 ބިލިއަން
ދައުލަތުން ލަފާކުރާ ގޮތުގައި އަންނަ އަހަރު އާމްދަނީގެ ގޮތުގައި ޓެކުހުން 23.54 ބިލިއަން ރުފިޔާ ލިބޭނެއެވެ. އެންމެ ގިނައިން ދައުލަތަށް އާމްދަނީ ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ ޓީޖީއެސްޓީންނެވެ. އެގޮތުން، 9.1 ބިލިއަން ރުފިޔާ ޓީޖީއެސްޓީން ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، ބީޕީޓީން 4.42 ބިލިއަން ރުފިޔާ، އަދި ޖީއެސްޓީން 4.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އެއީ ޓެކުހުން ލިބޭ އާމްދަނީގެ 76 ޕަސެންޓެވެ.
ޓެކްސް ނޫން ގޮތްގޮތުން ލިބޭ އާމްދަނީ އަށް ބަލާއިރު، ރިސޯޓުތަކުގެ ކުލީގެ ގޮތުގައި 1.74 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އިންޓްރަސްޓްގެ ގޮތުގައި 1.36 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، ލައިސަންސް ފީ ގެ ގޮތުގައި 778 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވެސް ދައުލަތުން ލަފާކުރެއެވެ.
އަންނަ އަހަރު 40.56 ބިލިއަން ހަރަދުވާނެ ކަމަށް ލަފާކުރެވޭ
އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި 42.68 ބިލިއަން ރުފިޔާގެ ބަޖެޓުގެ ތެރެއިން ހަރަދު ވާނެ ކަމަށް ދައުލަތުން ލަފާކޮށްފައި ވަނީ 40.56 ބިލިއަން ރުފިޔާއެވެ. އެއީ ޖުމްލަ ބަޖެޓުގެ 95 ޕަސެންޓެވެ.
މުވައްޒަފުންގެ މުސާރަ އާއި އޮފީސްތައް ހިންގުމަށް ގާތްގަނޑަކަށް 15 ބިލިއަން ހަރަދު ވާނެ ކަމަށް ލަފާކޮށްފައިވެއެވެ. އެއީ ބަޖެޓުގެ މައިގަނޑު ހަރަދުތަކުގެ 37 ޕަސެންޓެވެ. އޭގެ އިތުރުން، ލޯނުތައް ދެއްކުމަށް ދެ ބިލިއަން ހަރަދުވާނެ ކަމަށް ލަފާކޮށްފައިވާއިރު، ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް 8.43 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކޮށްފައިވެއެވެ.
ދައުލަތުން އަންނަ އަހަރު ކުރާނެ މައިގަނޑު ބޮޑެތި ހަރަދުތައް
- އިގްތިސޯދީ އަދި ސިނާއީ ކުރިއެރުމަށް: 10.4 ބިލިއަން ރުފިޔާ
- އާންމު ހިދުމަތްތަކަށާއި، ދީނީ ކަންކަމަށް އަދި ދަރަނީގެ ހަރަދުތައް: 8.5 ބިލިއަން ރުފިޔާ
- ސިއްހަތު: ފަސް ބިލިއަން ރުފިޔާ
- އަދުލު އިންސާފު އަދި ދިފާއީ: 5.2 ބިލިއަން ރުފިޔާ
- ތައުލީމް: 4.6 ބިލިއަން ރުފިޔާ
ފިޔަވަޅު ނާޅައިފި ނަމަ ޑެފިސިޓް 14.46 އަށް އަރާނެ
އަންނަ އަހަރުގެ ބަޖެޓަށް ދައުލަތުން ލަފާކޮށްފައި ވަނީ 8.46 ބިލިއަން ރުފިޔާގެ ޑެފިސިޓެކެވެ. ނަމަވެސް އާމްދަނީ އިތުރުކުރުމަށާއި ހަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތައް ނާޅާނަމަ، 14.46 ބިލިއަން ރުފިޔާ އަށް ޑެފިސިޓް ބޮޑުވާނެ ކަމަށް ދައުލަތުން ލަފާކުރެއެވެ. އެއާއެކު، ޑެފިސިޓް 8.46 ގައި ހިފެހެއްޓުމަށްޓަކައި ދައުލަތުން ވަނީ ޓެކްސް ރޭޓް އިތުރުކުރުމަށާއި، ފިއުލް ސަބްސިޑީ އާއި، އެސްއޯއީތަކަށާއި، އާސަންދަ އަށް ކުރާ ހަރަދުތައް މުރާޖައާ ކުރުމަށް ނިންމައިފައެވެ.
ބަޖެޓުގެ ހުލާސާ
- ޖުމްލަ: 42.68 ބިލިއަން ރުފިޔާ
- އާމްދަނީ 32.1 ބިލިއަން ރުފިޔާ
- ހަރަދު: 40.56 ބިލިއަން ރުފިޔާ
- ޑެފިސިޓް: 14.46 ބިލިއަން ރުފިޔާ (ފިޔަވަޅު ނާޅައިފި ނަމަ)
- ދައުލަތުގެ ދަރަނި: 113 ބިލިއަން ރުފިޔާ