މަގުމައްޗަށް ވެއްޓި ހޭނެތުނު މީހަކަށް އެހީތެރިވެ ޒުވާނަކާއި ދަރިވަރު ނަމޫނާ ދައްކައިފިއެވެ.
އެ ހާދިސާގައި ހިނގާދިޔަ ގޮތް ގާތުން ފެނުނު ޝަހުލާ ވަޖީހު ބުނީ އެ ހާދިސާ ހިނގީ މިއަދު މެންދުރު ގާތްގަނޑަކަށް 1:15 ހާއިރު ދަރިފުޅު ސްކޫލުން ނިމިގެން ގެއަށް ދިއުމުގެ ކުރިން ސައިކަލަށް ޕެޓްރޯލް އަޅަން ކާނިވާ ސަރަހައްދުގައި ހުރި ޕެޓްރޯލް ޝެޑަށް ގޮސް ކިއުގަ މަޑުކޮށްގެން އިންދާ ކަމަށެވެ. އަދި އެ ވަގުތަކީ ވަރަށް އަވިވެސް ގަދަ ވަގުތެއް ކަމަށް އޭނާ ވަނީ ބުނެފައެވެ.
ކިިއުގައި އިންދާ ކާނިވަލުން ބޮޑުތަކުރުފާނު މަގަށް ނުކުންނަން އައި ސައިކަލެއް އަރިއަޅާލާ ސައިކަލު ދުއްވަން އިން މެދު އުމުރުގެ ފިރިހެން މީހާ ބިންމައްޗަށް ވެއްޓެމުން ދާތަން ފެނުނު ކަމަށް ޝަހުލާ ވަނީ ބުނެފައެވެ. އަދި ސައިކަލު ފަހަތުގައި އިން އަންހެން މީހާ އޭނާ ވެއްޓުނަ ނުދީ ހިފެހެއްޓޭތޯ މަސައްކަތް ކުރަމުން ދިޔަ ކަމަވެސް ބުނެއެވެ.
ޝަހުލާ ބުނީ އޭނާ ވެސް އެ މީހުންނަށް އެހީވުމަށްޓަކައި ޕެޓްރޯލް ކިއުއަށް ސައިކަލު ދޫކޮށްލުމަށް ފަހު ދަރިފުޅު އަތުގަ ހިފައިގެން އެދިމާލަށް ދުއްވައިގަތް ކަމަށެވެ.
ފޮޓޯ ހިއްސާކޮށް ޝަހުލާ ބުނެފައިވަނީ އެ ފޮޓޯއިން ފެންނަ ކަޅުކުލައިގެ ޓީޝާޓުގައި އިން ޒުވާނާއާއި އަރަބިއްޔާ ސްކޫލްގެ ދަރިވަރަކާއި އެކުއްޖާގެ ބައްޕަވެސް އެހީވުމަށް އެތަނަށް ދިޔަ ކަމަށާއި ވެއްޓިފައި އޮތް މީހާގެ ހާލަތަށް ބަލައި އެ މީހާ އޮތީ ހޭނެތިފައި ކަން އެނގޭ ކަމަށެވެ.
ޒުވާނާ ވަގުތުން ވެއްޓިފައި އޮތް ރިކަވަރީ ޕޮޒިޝަނަށް ފުރަތަމަ އެހީ ދެމުން ގެންދިޔައިރު އަރަބިއްޔާގެ ދަރިވަރު ވަގުތުން އޭނާގެ ފޮތްދަބަސް ކޮނޑުން ނަގައި ވެއްޓިފައި އޮތް މީހާގެ ބޯދަށަށް ލެއްވި ކަމަށާއި އެ ދަރިވަރު ފުރަތަމަ އެހީ ދިނުމުގައި ޒުވާނާއަށް އެހީވަމުން ދިޔަ ކަމަށްވެސް ޝަހުލާ ވަނީ ބުނެފައެވެ.
އެކަމާ ގުޅިގެން އަރަބިއްޔާ ސްކައުޓް ގުރޫޕުން ބުނީ އަރައްބިއްޔާގެ އެ ދަރިވަރު، އަބްދުﷲ މޫމިން މުހައްމަދަކީ އަރަބިއްޔާ ސްކައުޓް ގްރޫޕްގެ އެންމެ މަތީ ފަންތީގައި ހިމެނޭ ސްކައުޓެއް އަދި ޕެޓްރޯލް ލީޑަރެއް ކަމަށެވެ. އަދި ފަސްޓް އެއިޑްގެ އެކި މަރްހަލާތައް ނިންމައި ފަސްޓް އެއިޑް ކޯސްވެސް ފުރިހަމަ ކޮށްފައިވާ ސްކައުޓެއް ކަމަށާއި އެކްސިޑެންޓެއްގެ ވަގުތުގައި ކަން ކުރާނެ ގޮތުގެ ތަމްރީނު ދެވިފައިވާ ސްކައުޓެއް ކަމަށެވެ. މޫމިން ދެއްކި ހުނަރާއި ވެދިން އެހީތެރިކަމަށް ފަހުރުވެރިވާ ކަމަށްވެސް އަރަބިއްޔާ ސްކައުޓް ގުރޫފުން ވަނީ ބުނެފައެވެ.