ލޯންޗެއް ކޮންޓްރޯލްނުވެ ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓު ހިނގާފައި ވަނީ ގދ. ތިނަދޫގައި ކަމަށެވެ. މިއަދު މެންދުރު 13:30 އެހާއިރު މި އެކްސިޑެންޓު ހިނގާފައި ވަނީ ތިނަދޫ ސިޓީ ފެރީ ޓާމިނަލު ޖެޓީ އަށް ކައިރި ލޯންޗެއް ކޮންޓްރޯލްނުވެ ގޮސް ޖެޓީގައި ޖެހިގެން ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

އެ ލޯންޗުގައި 3 އަންހެނަކަށް އެއް އަހަރުގެ ކުޑަ ކުއްޖަކާއި ކެޕްޓަން އަދި ފަޅުވެރިޔާ ހިމެނޭހެން ޖުމްލަ 6 މީހަކު ދަތުރުކުރި އެވެ.

މި އެކްސިޑެންޓުގައި ލޯންޗުގައި ތިބި 2 ފަސެންޖަަރަކާއި ކެޕްޓަން އާއި ފަޅުވެރިޔާއަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެއީ ދިވެހި ދެ ފިރިހެނުން (ކެޕްޓަން 50އ/ކްރޫ 29އ)، ދެ އަންހެނުން (25 އަދި 28) އެވެ. އަދި އެ މީހުންނަށް ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ފަރުވާދެމުންދާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ. ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.