ރ. ފައިނުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ދެ ކުދިން ވެންޓިލޭޓަރުން ނަގައިފިއެވެ.

ފައިނު ސްކޫލްގެ ދެ ދަރިވަރުން ދުއްވި ސައިކަލަކުން، ކަސްރަތަށް މަގުމަތީގައި ހިނގަން އުޅުނު އެރަށު ސްކޫލްގެ ޕްރިންސިޕަލް އަދި ޓީޗަރެއްގެ ގައިގައި ޖެހިގެން ހިނގި މި އެކްސިޑެންޓުގައި އަނިޔާވި ހަތަރު މީހުންނަށް އެންމެ ފުރަތަމަ ފަރުވާ ދީފައިވަނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައެވެ.

މި މަހުގެ 26 ވަނަ ދުވަހުގެރޭ ހިނގި އެކްސިޑެންޓާއި ގުޅިގެން އިތުރު ފަރުވާއަށް މާލެ ގެނެސްފައި ވަނީ 49 ފިރިހެނަކާއި 16 އަހަރުގެ އަދި 14 އަހަރުގެ ފިރިހެން ކުއްޖެކެވެ.

އައިޖީއެމްއެޗްއިން ބުނީ މި ވެންޓިލޭޓަރުގައި ފަރުވާދެމުން ދިޔަ އުމުރުން 14 އަހަރާއި 16 އަހަރުގެ ދެ ކުދިން ވެންޓިލޭޓަރުން ނަގާފައިވާ ކަމަށެވެ. އެހެންނަމަވެސް އެކުދިންނަށް އަދިވެސް ފަރުވާދެމުން އަންނަނީ އައިސީޔޫގައިކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ. އިތުރު ފަރުވާއަށް މާލެ ގެނައި ޓީޗަރު އަދިވެސް އޮތީ ވެންޓިލޭޓަރުގައެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.