ދެ ސައިކަލާއި ކާރެއް ޖެހި އެކްސިޑެންޓުވުމުން މަޑުނުކޮށް ދިޔަ 26 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ މ. މަޑުއްވަރި ކޮކްނެޓްވިލާ، އުމުރުން 26 އަހަރުގެ އާދަމް ޖަނާން މުހައްމަދުއެވެ.
އޭނާއަކީ އެކްސިޑެންޓުވި 2 ސައިކަލުގެ ތެރެއިން އެއް ސައިކަލު ދުއްވި މީހާ ކަމަށް ފުލުހުން ވަނީ މައުލޫމާތުދީފައެވެ. މި އެކްސިޑެންޓު ހިނގާފައި ވަނީ މިދިޔަ ހޯމަ ދުވަހުގެ ހަވީރު، ހުޅުމާލެ ރީތިގަސް މަގާއި ކަށިމާ ހިނގުން ގުޅޭ ހިސާބުގައެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓުގައި ހިމެނޭ އަނެއް ސައިކަލު ދުއްވި މީހާއަށް އަނިޔާވެފައިވާ ކަމަށެވެ. އަދި އެއީ 38 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި ޓްރީޓޮޕް ހޮސްޕިޓަލުގައި އެ މީހާއަށް ފަރުވާދެމުންދާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
އެ މީހާގެފައި 3 ތަނަކުން ބިންދައިގެން ގޮސްފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން މައުލޫމާތު ބުނެފައިވެއެވެ. އެކްސިޑެންޓުގައި ހިމެނޭ 3 އުޅަނދު ދުއްވި މީހުންނަކީ ވެސް އެ ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް މީހުންކަން ފުލުހުން ވަނީ ފާހަގަކޮށްފައެވ.
މި މައްސަލައާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ކޯޓު އަމުރެއްގެ ދަށުން ޖަނާން ހައްޔަރުކޮށް، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުުރުމުން 7 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.