ދެކުނު ކޮރެއާގައި ރޭ ގިނަ ބަޔަކު އެއްވެ އީސާއީންގެ ހެލޮވީން ފާހަގަ ކުރަމުން ދަނިކޮށް ފިތިބާރުގެ ނޭވާ ހާސްވެގެންނާއި ހާޓްއެޓޭކް ޖެހިގެން މަރުވި މީހުންގެ އަދަދު 151 އަށް އަރައިފިއެވެ.

އޮފިޝަލުން ބުނާގޮތުން، 100،000 އަކަށް ވުރެ ގިނަ މީހުން ރޭ ހެލޮވީން ފާހަގަ ކުރަން އެއްވެ މައްސުނި ވިއެވެ. ކޮވިޑަށް ފަހު މާސްކް ނާޅާ އެއްވަސްން ހުއްދަ ދިން ފުރަތަމަ ފަހަރު އެހާ ގިނަ ބަޔަކު އެއްވުމުން ފިތި ބާރުވެ ނޭވާ ހާސްވުމާއި ހިތްހުއްޓުން މެދުވެރި ވީ ކަމަށެވެ.

މިހާދިސާއާ ގުޅިގެން ހިތާމަ ފާޅުކުރުން ކުރިއަށް ދާއިރު ޒަހަމްވި މީހުންގެ އަދަދުވެސް 150 އިން މައްޗަށް އަރާކަމަށް ހަބަރުތައް ބުނެއެވެ. އަދި މަރުވި މީހުންގެ ތެރޭގައި އެ ހާދިސާ މެދުވެރިވި އެހީތެރިވާން ދިޔަ ރެސްކިއު ސްޓާފުންގެ ތެރެއިން 19 މީހަކުވެސް ހިމެނޭ ކަމަށް ހަބަރު ލިބެއެވެ.

ހޮލޮވީން ފާހަގަ ކުރަން މީހުން އެއްވެފައި

ދެކުނު ކޮރެއާގެ އިޓޭވޮންގައި ހުންނަ ހެމިލްޓަން ހޮޓާ ކައިރީގައި އޮތް މި އެއްވުމުގައި ދިމާވި މިހާދިސާގައި މަރުވި މީހުންގެ ތެރޭގައި އީރާން، އުޒުބަކިސްތާން، ނޯވޭ އަދި ޗައިނާ މީހުން ހިމެނެއެވެ.

މިހާދިސާ ހިނގަން މެދުވެރި ވި ގޮތުގެ ފުރިހަމަ ތަހުގީގެއް ހިންގުމަށް އެގައުމުގެ ރައީސް ގޮވާލައްވަމުން ޔޫން ސިކް ޔިއޯލް ވިދާޅުވީ، އެއީ ހިނގައިން ވާނެ ފަދަ ކަމެއް ނޫން ކަމަށެވެ.

އަދި ހާލަތު ހަމައަކަށް އެޅެންދެން ގައުމީ ހިތާމަފާޅުކުރުން ކުރިއަށް ގެންދަވަން ނިންމަވާ، ގައުމީ ދިދަ ބައިދަނޑީގައި ބެހެއްޓުމަށްވެސް ރައީސް ވަނީ އަމުރު ކުރައްވާފައެވެ.

ނޭވާ ހާސްވެގެން އެތަން މިތަނަށް މީހުންތައް ވެއްޓިފައި ތިބި އިރު، ރެސްކިއު އޮފިޝަލުން ގެންދިޔައީ ވަގުތުން ފަސްޓް އެއިޑް ނުވަތަ ފުރަތަމަ އެހީ ވެސް ދެމުންނެވެ. އޭރު މަރުވެފައި ތިބި ބައެއް މީހުން ނިވާ ކުރުމަށް ގައިމަތީގައި ފޮތި އަޅާފައި އޮތް އެތައް ހަށިގަނޑެއްވެސް ފެންނަން އޮތެވެ. ފުލުހުން މުޅި ސަރަހައްދަު ކޯޑަން (ބަންދު) ކޮށް ބަލަހައްޓަމުން ދިޔަ އިރު ހާލު ދެރަވި ބައެއް މީހުން ސްޓްރެޗާ ތަކުގައި ގެންދާތަންވެސް ފެނެއެވެ. މުޅި ސަރަހައްދުގައި އެމްބިއުލާންސާއި އެހީތެރިން ހަރަކާތްތެރި ވަމުން ދިޔަ އިރު، މީހުން ސަލާމަތް ކުރުމަށް 140 އެމްބިއުލާންސާއި، އެވަގުތު ލިބެން ހުރި ހުރިހާ ވަސީލަތެއް ބޭނުން ކުރިކަމަށް އޮފިޝަލުން ބުނެއެވެ.

ހޮލޮވީންގައި އަނިޔާވި ބައެއް މީހުންނަށް ސީޕީއާރު ދެނީ

އެ ގައުމުގެ ބައެއް މީޑިއާތަކުން ރިޕޯޓު ކުރާ ގޮތުގައި، އެހާދިސާ ހިނގަން މެދުވެރިވީ، ސެލެބްރިޓީއަކު އަންނަކަން ލައުޑްސްޕީކަރުން އިއުލާން ކުރުމާއެކު ގިނަ ބަޔަކު ބާ އަށް ދާން ދުއްވައިގަތުމުން އެކަކު އަނެކަމުގެ ގައިގައި އަޅައިގަތުމާއި، މީހުންގަނޑު ބޮނޑިވެގަތުމާ ގުޅިގެންނެވެ.

އަދި އެވަގުތު އެންމެން ބޮނޑިވެގަތުމުން، ބައެއް މީހުން ސަލާމަތް ވާން ވެގެން މީހުންގެ ކޮނޑުމަތިން، ބޯމަތިން އަރައިގެން ނުކުންނަން މަސައްކަތް ކުރާތަންވެސް ފެނުނު ކަމަށް ރިޕޯޓުކޮށްފައި ވެއެވެ.

އެ ތަނުގައި ތާށިވެ ސަލާމަތް ވި މީހަކާ ހަވާލާދީ އޭއެފްޕީން ރިޕޯޓު ކޮށްފައި ވާ ގޮތުގައި، މީހުންތައް ބިންމައްޗަށް ވެއްޓެމުން ދިޔައީ މަތިން ޑޮމިނޯސް ފައިބާ އުސޫލުންނެވެ. އެގަހު ކޭލެއް މިގަހު ކޭލެއް ނޭނގޭހާ ބައިބޯވި ކަމަށާއި ހަދާނެ ގޮތް އެވަގުތު ހުސްވި ކަމަށެވެ.

ހެލޮވީން އަކީ ކޮންމެ އަހަރެއްގެ އޮކްޓޯބަރު 31 ގައި އީސާއިން ފާހަގަ ކުރާ އީދެކެވެ.