ނަފްސާނީ ބަލިމަޑުކަމަކީ މިއަދު މުޅި ދުނިޔެއަށް ކުރިމަތިވަމުންދާ ކޮވިޑަށް ވުރެ ވެސް ނުރައްކާ ބޮޑު ބަލިމަޑު ކަމެއް ކަމަށާއި، މީގެ ސަބަބުން އިގްތިސޯދަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް އޮސްޓްރޭލިއާއިން ރާއްޖެއަށް ވަޑައިގެން އުޅުއްވާ ސައިކޭޓްރިސްޓް ޑރ.ޕެޓްރިކް މެކްގޮރީ ވިދާޅުވެއްޖެއެވެ.

އައިޖީއެމްއެޗާއި، ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ ގުޅިގެން ނަފްސާނީ ދުޅަހެޔޮކަމާއި ގުޅޭގޮތުން ބޭއްވި "ޔަންގް މައިންޑް މެޓާސް" ޕަބްލިކް ލެކްޗާ ހުށައަޅުއްވައި ދެއްވަމުން ޑރ. ޕެޓްރިކް ވިދާޅުވީ، ގައުމުގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ކުރާ ހޭދަ އިތުރު ކުރުމަކީ އެ ގައުމެއްގައި އިގްތިސޯދަށް ކުރިމަތިވާ ލޮޅުން ކުޑަކުރުމަށް ގައުމީ ފެންވަރުގައި ކުރެވޭނެ ކަމެއް ކަމަށެވެ. މިއީ ރާއްޖެއަށް އެކަނި ކުރިމަތިވެފައިވާ މައްސަލައެއް ނޫން ކަމަށާއި، މިއީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ އަދި ކޮވިޑަށް ވުރެ ވެސް ނުރައްކާ ބަލިމަޑުކަމެއް ކަމަށް ޕެޓްރިކް ސިފަކުރެއްވިއެވެ.

އޮސްޓްރޭލިއާގެ ނަފްސާނީ ހާލަތާއި ޔޫރަޕްގެ ބައެއް ގައުމުތަކުގައި މި މައްސަލަ އޮތް މިންވަރު ބަޔާންކ ކުރައްވަމުން ޕެޓްރިކް ވިދާޅުވީ، ނަފްސާނީ ބަލިމަޑުކަމުގެ ސަބަބުން އިގްތިސޯދަށް ބޮޑެތި ގެއްލުން ވަމުންދާ ކަމަށާއި ނަތީޖާއެއްގެ ގޮތުން އިގްތިސޯދު ދިރާސާ ކުރައްވާ މާހިރުންގެ ސަމާލުކަން މިކަމަށް ހުއްޓި، ވޯލްޑް އިކޮނިމިކް ފޯރަމްގައި މިއީ މިހާރު މަޝްވަރާ ކުރާ މައުލޫއަކަށް ވެފައިވާ ކަމަށެވެ. އެގޮތުން ޒުވާނުން ނަފްސާނީ ބައްޔަށް ހުށައެޅުމުގެ ސަބަބުން އުމުރުން ދުވަސްވަމުން އަންނަ އިރު ބޮޑެތި ދާއިމީ ބަލިތަކަށް މަގުފަހިވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ގައުމުގެ ދުރު ރާސްތާއަށް ބަލާއިރު ޒުވާނުންގެ އުފެއްދުންތެރިކަން ދަށްވުމާއެކު، އުމުރުން ދުވަސްވާ އިރު ބޮޑެތި ބަލިތަކަށް ފަރުވާ ކުރަން ޖެހޭ ނިސްބަތް އިތުރުވުމުގެ ސަބަބުން އިގްތިސޯދަށް އަންނަ ލޮޅުން ބޮޑު ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްއެންޔޫގެ އޮޑިޓޯރިއަމްގައި ކުރިއަށް ދިޔަ މިލެކްޗަރގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމްގެ އިތުރުން ދައުލަތުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. މީގެއިތުރުން ޔުނިވަރސިޓީތަކާއި ކޮލެޖް ތަކުގެ ދަރިވަރުންނާއި ލެކްޗަރާއިންވެސްވަނީ ބައިވެރިވެފައެވެ.

ޑރ.ޕެޓްރިކް ވަނީ ނަފްސާނީ ބަލިތަކާއި ދެކޮޅަށް ރާއްޖޭގައި މަސައްކަތްކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުން ވެސް ވާހަކަ ދައްކަވާފައެވެ. އެގޮތުން ނަފްސާނީ ބައްޔަކީ އެކަމާ މެދު ވާހަކަ ދައްކަން ގިނަބަޔަކު ޖެހިލުންވާ ކަމެއް ކަމުން އެކަމަށް ވެސް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ހައްލު ގެނެވޭނެ ގޮތްތައް ވެސް އޭނާ ހާމަ ކުރެއްވިއެވެ.

އެމްއެންޔޫގެ އޮޑިޓޯރިއަމްގައި ކުރިއަށް ދިޔަ މިލެކްޗާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދާއި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމްގެ އިތުރުން ދައުލަތުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ. މީގެއިތުރުން ޔުނިވާސިޓީތަކާއި ކޮލެޖްތަކުގެ ދަރިވަރުންނާއި ލެކްޗަރާއިން ވެސް ވަނީ ބައިވެރިވެފައެވެ.