ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސްގެ މިލްކުވެރިކަމާ ބެހޭ ގޮތުން ދިވެހި ސަރުކާރުން މިހާރު ގެންގުޅޭ ސްޓޭންޑުގެ ސަބަބުން ރާއްޖޭގެ ސިޔާދަތީ ބާރު ގެއްލޭނެ އެއްވެސް ކަމެއް ދިމާނުވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައިސް ވިދާޅުވީ، މި މައްސަލައިގައި ސަރުކާރުން މިހާރު ވެސް ދަމަހައްޓަމުން އަންނަނީ، މި ކަމުގައި އެންމެ ކުރިން ފެށިގެން ވެސް ދިވެހި ދައުލަތުން ދަމަހައްޓަމުން އައި، ދިވެހިރާއްޖޭގެ އެންމެ މަތީ މަސްލަހަތު ދިފާއުކުރުމުގެ ސިޔާސަތު ކަމަށެވެ. އަދި ސަރުކާރުގެ އެންމެ ބޮޑު މަސްއޫލިއްޔަތަކީ ދިވެހިންގެ ސިޔާދަތީ ބާރު ދެމެހެއްޓުމާއި ދިވެހިން ގަބޫލު ކުރާ މާތްވެގެންވާ އިސްލާމް ދީނުގެ އަގީދާ ރައްކާތެރި ކުރުން ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.
މި މައްސަލައިގައި ވެސް ބަޔަކު ދަނީ ސިޔާސީ މަގުސަދެއް ހާސިލް ކުރުމަށް، ހަގީގަތް އެނގި ތިބެ، ކަނޑައެޅިގެން ދޮގު ވާހަކައެއް ފަތުރަމުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެފަދަ ވާހަކަތައް ފަތުރައިގެން ރައްޔިތުންގެ މެދުގައި ނަފުރަތާއި ބިރުވެރިކަން ފެތުރުމަކީ އެއަށް ވުރެ އަދި މާ ބޮޑަށް ހިތާމަ ހުރި ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. އިސްލާމް ދީން އެންމެ ބޮޑަށް ބާރު އަޅަނީ ދެ މޫނުގެ ވެރި ބަޔަކަށް ނުވުމަށާއި އަދި ދޮގު ވާހަކަތަކާއި ޔޯލަ ވާހަކަތައް ފަތުރައިގެން ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރާއްޖެއިން ވަނީ އދ ގައި 2010 ވަނަ އަހަރު، ރާއްޖެ އާއި ޗާގޯސްއާ ދެމެދު އޮތް ކޮންޓިނެންޓަލް ޝެލްފްގެ އިން ކަނޑައެޅުމުގެ މައްސަލައިގައި ކަނޑުތަކާ ބެހޭ ބައިނަލްއަގުވާމީ ގާނޫނު (ލޯ އޮފް ދަ ސީސް ކޮންވެންޝަން) ގެ ދަށުން ރާއްޖޭގެ ގާނޫނު އަސާސީގައިވާ އިންތައް ހުށާހަޅާފައެވެ. އެ ހުށަހެޅުމާ ދެކޮޅުހަދައި ޗާގޯސް އައިލެންޑްސް މޮރިޝަސް އާ ހަވާލު ކުރުމަށް ގޮވާލާ 2019 ވަނަ އަހަރު އދ ގެ އާންމު މަޖިލީހުގައި ނެގި ވޯޓުގައި ރާއްޖޭން ވަނީ އެ ގަރާރާ ދެކޮޅަށް ވޯޓު ދީފައެވެ.
ނަމަވެސް އެ ސިޔާސަތު ބަދަލުކޮށް މޮރިޝަސްއާ އެއްކޮޅަށް އދ.ގައި ވޯޓު ދޭން ނިންމާފައިވާ ކަން ދާދި ފަހުން އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު ހާމަ ކުރައްވާފައެވެ. މިކަމާ ގުޅިގެން ރާއްޖެ-މޮރިޝަސްގެ ކަނޑުގެ އިން ކަނޑައެޅުމާ ގުޅޭ މައްސަލައަށް އަސަރު ކޮށްފާނެ ކަމަށް ގިނަ ބަޔަކު ބުނަމުން އަންނަ އިރު ސަރުކާރުން ބުނެފައި ވަނީ އދ. ގައި ވޯޓު ދޭން ނިންމުމަކީ އިން ކަނޑައެޅުމުގެ މައްސަލައަށް އަސަރު ކުރާނެ ކަމެއް ނޫން ކަމަށެވެ.
އެ މައްސަލަ ހައްލުކުރުމަށް މީގެ 30 އަހަރު ކުރިން 1992 ވަނަ އަހަރު އޭރުގެ ދިވެހި ސަރުކާރުން އިނގިރޭސި ސަރުކާރާ އެކުގައި މަސައްކަތްކޮށް އޭރު އެއްބަސްވީ ފުށުއަރާ ސަރަހައްދު ދެ ގައުމަށް ހަމަހަމަވާ ގޮތަށް ބަހާލުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ. އަދި އޭގެ ފަހުން، 2011 ވަނަ އަހަރު، އޭރުގެ ދިވެހި ސަރުކާރުން މޮރިޝަސް ސަރުކާރާ އެކުގައި މި މައްސަލަ ހައްލު ކުރުމަށް މަޝްވަރާ ކޮށް، އޭރު އެއްބަސްވެފައި ވަނީ ދެ ގައުމުގެ ދެމެދުގައި ވާހަކަ ދައްކައިގެން، ފުށުއަރާ ސަރަހައްދުގެ މައްސަލަ ހައްލު ކުރުމަށް ކަމުގައި އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
އަދި މި މައްސަލައިގައި އެކި ސަރުކާރުތަކުގައި ވާހަކަ ދައްކާފައި އޮތީ، އެކި ސަރުކާރުތަކާ އެކުކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. އެގޮތުން އެއްބަޔަކު މޮރިޝަސްއާ އެކު އަނެއް ބަޔަކު އިނގިރޭސިވިލާތާއެކު ވާޙަކަ ދައްކާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ޗާގޯސް މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީ އެ ތަނަކީ ރާއްޖޭގެ ތަނެއް ނޫން ކަމަށް އެއްވެސް ބަޔަކަށް ނުބުނެވޭނެ ކަމަށެވެ. އަދި އެ މައްސަލައިގައި ނަޝީދަށް ތާއީދު ކުރައްވާ އެމްޑީޕީގެ މެމްބަރުން ވަނީ ވަރަށް ބޮޑަށް މަޖިލީހުގައި ސަރުކާރަށް ފާޑުވިދާޅު ވެފައެވެ.
މީގެ އިތުރުން ވެސް ކުރީގެ ދެ ބަންޑާރަ ނައިބުން ކަމަށްވާ ފާތުމަތު ދިޔާނާ ސައީދު އާއި އާޒިމާ ޝުކޫރުވެސް ވަނީ މިހާރު ސަރުކާރުން ނަގާފައިވާ ސްތޭންޑަކީ ރަނގަޅު ސްޓޭންޑެއްތޯ ބެލުމަށް މަޖިލީހަށާއި ކަމާ ގުޅުން ހުރި މުއައްސަސާތަކަށް ގޮވާލައްވާފައެވެ.