ނިދާފައި އޮތް މީހަކަށް ތޫނު އެއްޗަކުން ހަމަލާ ދިން މައްސަލާގައި ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދު ކޮށްފިއެވެ.

މި މައްސަލާގައި ހައްޔަރު ކޮށްފައިވަނީ އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް މިމަހު 18 ވަނަ ދުވަހު ހާޒިރުކުރުމުން ކޯޓުން އޭނާގެ ބަންދަށް ވަނީ ފަސް ދުވަސް ދީފައެވެ.

އެ މުއްދަތު ހަމަވުމުން ބަންދާމެދު އިތުރު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން ޝަރީއަތުގެ މަރުހަލާ ނިމެންދެން އޭނާ ބަންދުކުރަން ކޯޓުން ވަނީ ނިންމާފައެވެ.

އެނގިފައިވާ ގޮތުގައި މިއީ ދެ ގޭންގެއް ދެމެދުގައި މާރާމާރީ ހިންގުމަށްފަހު ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާއެކެވެ. އަދި އެ ގެއަކަށް ގޭންގުން ވަދެފައިވަނީ އެ ގޭގެ ދޮރު ހަލާކުކޮށްލައިގެން ކަމަށް ވެސް ވަނީ އެނގިފައެވެ.

މި މައްސަލާގައި ފުލުހުން ބުނީ، މާލޭގެ ހިތްފަސޭހަ ގޯޅީގައި ހުރި ގެސްޓް ހައުސްއެއްގައި މާރާމާރީއެއް ހިންގާފައިވާ ކަމުގެ ރިޕޯޓެއް މިމަހު 16 ވަނަ ދުވަހުގެ ދަންވަރު 2:38 ގައި ލިބިފައިވާ ކަމަށެވެ.

އޭގެ ފަހުން، މާފަންނު ގެއެއްގައި މީހަކަށް ހަމަލާ ދިން ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ އެގެ 3:34 ހާއިރު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ ދެ މައްސަލަ ވެސް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.