ރައީސް އަބްދުﷲ ޔާމީން އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުތަކުގެ ބޭނުމަކީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް ތައްޔާރުވުމާއި އެ އިންތިހާބަށް މެނިފެސްޓޯ އެކުލަވާލުމަށް ބޭނުންވާ މައުލޫމާތުތައް އެއްކުރުން ކަމަށް ޕީޕީއެމް އިން ބުނެފިއެވެ.

ޕީޕީއެމް އޮފީހުގައި މިއަދު ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ތަރުޖަމާނު ހީނާ ވަލީދު ވިދާލުވީ، ރައީސް ޔާމީން ގެ ދަތުރުފުޅުތަކުގައި މެނިފެސްޓޯ އެކުލަވާލުމަށް ބޭނުބްވާ މައުލޫމާތު ރައްޔިތުންގެ ފަރާތުން އުޅުންފިލުއްވާ ކަމަށެވެ. އަދި އެ ދަތުރުފުޅުތަކުގައި ޔާމީނަށް ލިބިވަޑައިގަންނަވާ ތަރުހީބު ބޮޑު ކަމަށާއި 2023 ގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށްވެސް އެ ދަތުރުފުޅުތަކުގެ ބޭނުން ކުރާ ކަމަށެވެ.

ދާދިފަހުން ހއ އަށް ކުރެއްވި ދަތުރުފުޅުގެ ކާމިޔާބީ ފާހަގަ ކުރައްވަމުން ހީނާ ވިދާޅުވީ، މި ހަފްތާގެ އަންގާރަ ދުވަހު ޔާމީން ނ. އަތޮޅުގެ ހަ ރަށަކަށް ކުރައްވާ ދަތުރުފުޅަށް ފަހު އައްޑޫ ސިޓީއަށާއި ފުވައްމުލަކު ސިޓީއަށް ވަޑައިގަންނަވާނެ ކަމަށެވެ.

މިމަހުގެ 25 އިން 28 އަށް ޔާމީން ވަޑައިގަންނަވާނީ ނ. ކެނދިކުޅުދޫ، މަނަދޫ، ހޮޅުދޫ، ވެލިދޫ، މިލަދޫ އަދި މަގޫދޫއަށެވެ.

ނ. ގެ ދަތުރުފުޅުގައި މަގޫދޫގެ އަންހެނުން ކޮމެޓީ ބައި އިލެކްޝަންގައި އެޕާޓީން ވާދަކުރާ ކެނޑިޑޭޓް ޔުމްނާ އަބްދުލްޣަނީގެ ކެމްޕޭންގެ ބައެއް ހަރަކާތްތަކުގައި ވެސް ޔާމީން ބައިވެރިވެ ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ހީނާ ވިދާޅުވިއެވެ.

އައްޑޫ ސިޓީ އާއި ފުވައްމުލަށް ސިޓީއަށް ޔާމީން ވަޑައިގަންނަވަން ހަމަޖެހިފައި ވަނީ ނޮވެމްބަރު 3 ގައި ކަމަށް ވީނަމަވެސް އެ ތާރީހުތަކަށް އަދި ބަދަލުތަކެއް އައުމަކީ އެކަށިގެންވާ ކަމެއް ހީނާ ވިދާޅުވިއެވެ.

ޔާމީންގެ އަތޮޅު ދަތުރުތަކުގައި އާންމުކޮށް ވާހަކަފުޅު ބިނާ ކުރައްވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ މައްސަލައަށާއި، މިހާރުގެ ސަރުކާރަށް ފާޑުވިދާޅުވުމަށާއި 2023 ގައި ވެރިކަން ލިބިވަޑަައިގެންފި ނަމަ ކޮށްދެއްވާނެ ބައެއް ކަންކަމުގެ ވައުދުތައް ހާމަ ކުރެއްވުމަށެވެ.