އުމުރުން 16 އަހަރުގައި ސާނަވީ އިމްތިހާނު ނިންމާލުމަށްފަހު، ސްކޫލުގެ ދޮރާށިން ނުކުންނަ ކޮންމެ ދަރިވަރަކަށްވެސް ކުރިމަތިވަނީ ބޮޑު ސުވާލެކެވެ. ދެން ކުރިއަށްދާނީ ކޮން މިސްރާބަކަށް ހެއްޔެވެ.

ރާއްޖޭގެ އިގުތިސާދީ ހަރަކާތްތައް ހިންގުމަށް އެތައް ހާސް ބިދޭސީ މަސައްކަތްތެރިންނަށް ބަރޯސާވަމުން ދާއިރު، އުމުރުން 15 އަހަރާއި 24 އަހަރާ ދެމެދުގެ ކޮންމެ 5 ދިވެއްސަކުން އެކަކު ހުރީ ވަޒީފާއާއި ތައުލީމާއި ތަމްރީނުން ބޭރުގައި ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) ގެ 2022 ވަނަ އަހަރުގެ ބޯހިމެނުމުގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މިއީ ހަމައެކަނި ވަޒީފާ މަދުވުމުގެ މައްސަލައެއް ނޫނެވެ. މިއީ ތައުލީމީ ނިޒާމާއި، އުޖޫރައާއި، މަސައްކަތުގެ މާހައުލުގެ ހާލަތާއި، ބޮޑެތި މީހުންގެ ދައުރަށް ޒުވާނުން ތައްޔާރުކޮށްދިނުމުގައި ހުރި އޮނިގަނޑުގެ މައްސަލަތަކާ ގުޅިފައިވާ ކަމެކެވެ.

ތައުލީމީ ނިޒާމުން ވަކިވާ ދަރިވަރުންނާއި ވަޒީފާ ނެތް އާބާދީ

އެމްބީއެސްގެ 2022 ވަނަ އަހަރުގެ ބޯހިމެނުމުގެ ދިރާސާއަށް ބަލާއިރު، 15 އަހަރާއި 24 އަހަރާ ދެމެދުގެ ޒުވާނުންގެ ތެރެއިން ވަޒީފާއާއި ތައުލީމާއި ތަމްރީނުން ބޭރުގައި ތިބި ނިސްބަތަކީ 19.5 އިންސައްތައެވެ. މާލެއަށްވުރެ (16 އިންސައްތަ) އަތޮޅުތެރޭގައި މި ނިސްބަތް 22.7 އިންސައްތައަށް އުފުލިފައިވާކަން އެ އިދާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ރާއްޖޭގައި ޒުވާނުން ކަމަށް ބަލާ 18 އަހަރާއި 35 އަހަރާ ދެމެދުގެ އުމުރުފުރާއަށް ބަލާއިރު، ދިވެހި މަސައްކަތްތެރިންގެ ބާރުގެ 48.6 އިންސައްތައަކީ ޒުވާނުން ކަމަށް ވީ ނަމަވެސް، މި އުމުރުފުރާގެ ގިނަ އަދަދެއްގެ ޒުވާނުންވެސް ތިބީ ވަޒީފާއާއި ތައުލީމާއި ތަމްރީނުން ބޭރުގައެވެ. އަމަލީގޮތުން ވަޒީފާ ހޯދަން މަސައްކަތްކުރާ މީހުން އެކަނި ހިމެނޭ ރަސްމީ ވަޒީފާ ނެތް މީހުންގެ ނިސްބަތް ބެލުމުގެ ބަދަލުގައި، މަސައްކަތް ހޯދުން ހުއްޓާލާފައިވާ މީހުންވެސް މީގެ ތެރޭގައި ހިމެނޭތީ، މިއީ ޒުވާނުން ފަންނީ ތަޖުރިބާއާއި، އިޖުތިމާއީ ގުޅުންތަކާއި، މާލީ މިނިވަންކަމުން މަހުރޫމުވެފައިވާ މިންވަރު ދައްކުވައިދޭ މުހިންމު މިންގަނޑެކެވެ.

މީގެ އިތުރުން، ދަށު ސާނަވީ ތައުލީމުން މަތީ ސާނަވީއަށް ބަދަލުވަނީ ދަރިވަރުންގެ ދެބައިކުޅަ އެއްބަޔަށްވުރެވެސް މަދު އަދަދެއް ކަމަށް އދ. ގެ ކުޑަކުދިންނާ ބެހޭ ޖަމިއްޔާ (ޔުނިސެފް) އިން 2025 ވަނަ އަހަރު ކުރި ވަޒަން ކުރުމެއްގައި ބަޔާންކޮށްފައި ވެއެވެ. ޔުނިސެފްގެ އެހީގައި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން 2025 ވަނަ އަހަރު ކުރި ދިރާސާއަކުން ދައްކާ ގޮތުގައި، ގްރޭޑް 10 އިން ގްރޭޑް 11 އަށް ބަދަލުވާ ދަރިވަރުންގެ ނިސްބަތް 40 އިންސައްތައަށްވުރެ ދަށްވެފައި ވާއިރު، މާލެއާއި ދެކުނުގެ ސަރަހައްދަށްވުރެ މެދުރާއްޖެތެރެއާއި އުތުރުގައި މި ނިސްބަތް މާ ބޮޑަށްވެސް ދަށެވެ. ހަމައެއާއެކު، މަތީ ސާނަވީއަށް ބަދަލުވާ ނިސްބަތް ފިރިހެން ކުދިންނަށްވުރެ (35 އިންސައްތަ) އަންހެން ކުދިންގެ މެދުގައި (47 އިންސައްތަ) މަތިއިރު، އަސާސީ ތައުލީމުގެ ފެންވަރު ދަށްވެ އިނގިރޭސި، ހިސާބު އަދި ދިވެހި ބަހުން ދަރިވަރުންގެ ނަތީޖާ 40 އިންސައްތައާއި 54 އިންސައްތައާ ދެމެދުގައި ހުރިކަން 2025 ވަނަ އަހަރުގެ އެޑިއުކޭޝަން ޖޮއިންޓް ސެކްޓާ ރިވިއުއާ ހަވާލާދީ ޔުނިސެފުން ފާހަގަކޮށްފައި ވެއެވެ.

ތަފާސްހިސާބުން ދައްކާ މައްޒަރު

ބިދޭސީ މަސައްކަތްތެރިންނާއި ވަޒީފާގެ ބާޒާރުގެ ހަގީގަތް

އެމްބީއެސްގެ 2022 ވަނަ އަހަރުގެ ބޯހިމެނުމުން ދައްކާ ގޮތުގައި، ރާއްޖޭގެ އާބާދީގެ 25.7 އިންސައްތަ އަދި މަސައްކަތްކުރާ އުމުރުފުރާގެ ކޮންމެ ތިން މީހަކުން އެކަކީ (32 އިންސައްތައަކީ) ބިދޭސީންނެވެ. ބިދޭސީ މަސައްކަތްތެރިންގެ ގާތްގަނޑަކަށް 89 އިންސައްތައަކީ ފިރިހެނުން ކަމަށް ވާއިރު، 25 އަހަރާއި 39 އަހަރާ ދެމެދުގެ މަސައްކަތްކުރާ އެންމެ މުހިންމު އުމުރުފުރާތަކުގައި ދިވެހިންނަށްވުރެ ބިދޭސީންގެ އަދަދު އިތުރުކަމަށް އެމްބީއެސްގެ ރިޕޯޓުގައި ބަޔާންކޮށްފައި ވެއެވެ. އެގޮތުން 25 އަހަރާއި 29 އަހަރާ ދެމެދުގެ އުމުރުފުރާގައި ދިވެހިންނަށްވުރެ 10،000 ބިދޭސީން އިތުރުއިރު، 30 އަހަރާއި 34 އަހަރާ ދެމެދުގައި ދިވެހި ފިރިހެނުންނަށްވުރެ ބިދޭސީ ފިރިހެނުންގެ އަދަދު 7،000 އިތުރެވެ.

ނަމަވެސް، ކޮންމެ ބިދޭސީއަކު ހުރީ ވަޒީފާ ނެތް ދިވެއްސަކު ގަބޫލުކުރާނެ މަގާމެއްގައި ކަމަށް ނިންމުމަކީ އޮޅުމެކެވެ. މާލެ ސަރަހައްދުގައި އާއިލާއާއެކު ދިރިއުޅޭ ދިވެހި ޒުވާނަކަށް ކުއްޔާއި ދަތުރުފަތުރުގެ ހަރަދުތައް ހަމަޖެއްސޭ ވަރުގެ މުސާރައެއް ބޭނުންވާއިރު، ހުރުމުގެ އިންތިޒާމާއެކު ގެންނަ ބިދޭސީ މަސައްކަތްތެރިއެއްގެ މާލީ އިންތިޒާމުތައް ތަފާތެވެ. އަދި ރިސޯޓުތަކުގައި އާއިލާއާ ދުރުގައި އުޅެންޖެހުމާއި، އިމާރާތްކުރުމުގެ ދާއިރާއަށް ހާއްސަ ތަމްރީނު ބޭނުންވުމަކީވެސް ހުރި ގޮންޖެހުން ތަކެކެވެ. މިއީ އުޖޫރައާއި މަސައްކަތުގެ މާހައުލުގެ ހާލަތު ރަނގަޅު ކުރަން 'މަޖުބޫރު ކަމުގެ' ރަނގަބީލެކެވެ.

ހަމައެއާއެކު، އެމްބީއެސްގެ 2022 ވަނަ އަހަރުގެ ބޯހިމެނުމުން ދައްކާ ގޮތުގައި، ވަޒީފާއާއި ތައުލީމުން ބޭރުގައި ތިބި ޒުވާން ފިރިހެނުންގެ ނިސްބަތަކީ 17.2 އިންސައްތަ ކަމަށްވާއިރު، ޒުވާން އަންހެނުންގެ މެދުގައި މި ނިސްބަތް ހުރީ 21.9 އިންސައްތައިގައެވެ. ތައުލީމުން ބޭރުގައި ތިބި ޒުވާނުންގެ ތެރެއިން ވަޒީފާ އަދާކުރާ އަދި ވަޒީފާ ހޯދާ މީހުންގެ ތެރޭގައި ފިރިހެނުން ގިނަ ނަމަވެސް، މަސައްކަތްތެރިންގެ ބާރުން މުޅިން ބޭރުގައި ތިބި ޒުވާނުންގެ ތެރޭގައި އަންހެނުން މާ ގިނައެވެ. ޒުވާނުންގެ ވަޒީފާގެ ސިޔާސަތުތައް އާންމުކޮށް ފިރިހެނުންނަށް އަމާޒުވި ނަމަވެސް، ދަރިން ބެލުމާއި އާއިލީ ޒިންމާތަކުގެ ސަބަބުން ވަޒީފާއަށް ނުނިކުމެވޭ އަންހެނުންގެ މައްސަލައަށް ހަމައެކަނި ތަމްރީނަކުން ހައްލެއް ނުލިބޭނެތީ، އަތްފޯރާ ފަށުގައި ދަރިން ބަލަހައްޓައިދޭނެ އިންތިޒާމާއި، ލުއިފަސޭހަ މަސައްކަތުގެ މާހައުލާއި، ރައްކާތެރި ދަތުރުފަތުރުގެ ނިޒާމު އެ ސިޔާސަތުތަކުގައި ހިމަނަންޖެހެއެވެ.

ތަފާސްހިސާބުން ދައްކާ މައްޒަރު

ކުށްކުރުމުގެ ނުރައްކަލާއި ސިޔާސަތުތަކަށް ބޭނުންވާ ބަދަލު

ތައުލީމާއި ވަޒީފާއިން އެކަހެރިވުމުގެ ނަތީޖާ ޒުވާނުންގެ ސިއްހަތާއި އިޖުތިމާއީ ރައްކާތެރިކަމާވެސް ގުޅެއެވެ. ޔުނިސެފްގެ 2025 ވަނަ އަހަރުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ފުރާވަރުގެ ކުދިންގެ 18.8 އިންސައްތަ ޑިޕްރެޝަން ތަހައްމަލު ކުރާއިރު، އަންހެން ކުދިންގެ 60 އިންސައްތައަށް ލޭ މަދުވުމުގެ މައްސަލަ ކުރިމަތިވެ، ސްކޫލް ކުދިންގެ 35 އިންސައްތަ ފަލަބަލީގެ ނުރައްކަލަށް ހުށަހެޅި އަދި 15 އިންސައްތަ ކުދިން ދުންފަތުގެ އިސްތިއުމާލު ކުރެއެވެ.

ހަމައެއާއެކު، ދިވެހި ފުލުހުންގެ ހިދުމަތުގެ ތަފާސްހިސާބުތަކާ ހަވާލާދީ ޔުނިސެފުން ބަޔާންކޮށްފައިވާ ގޮތުގައި، ގާނޫނާ ހިލާފު އަމަލުތަކުގައި ހިމެނޭ ކުޑަކުދިންގެ މައްސަލަތައް 2023 ވަނަ އަހަރާ އަޅައި ބަލާއިރު 2024 ވަނަ އަހަރު ވަނީ ބޮޑުތަނުން އިތުރުވެފައެވެ. މީގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ވައްކަމާއި، މަސްތުވާތަކެއްޗާއި، ގޭންގުތަކާ ގުޅުންހުރި އަމަލުތައް ކަމަށް އެ ޖަމިއްޔާއިން ފާހަގަ ކުރެއެވެ.

ވަޒީފާ ނެތުމަކީ ސީދާ ގޭންގުތަކާ ގުޅުމުގެ ސަބަބު ކަމަށް ގައުމީ ނިސްބަތަކުން ސާބިތު ނުވި ނަމަވެސް، އާއިލީ ހަމަނުޖެހުމާއި، ބޮޑެތި މީހުންގެ ބެލެހެއްޓުންތެރިކަން ކުޑަވުމާއި، ތައުލީމުން އެކަހެރިވުން ތަހައްމަލުކުރާ ކުދިންގެ ނާޒުކު ހާލަތުގެ ނާޖާއިޒު ފައިދާ ކުށްކުރާ ވިއުގަތަކުން ނެގުމުގެ ކުރިން ފިޔަވަޅު އަޅަން ޖެހެއެވެ.

ގާނޫނީ އޮނިގަނޑު ހަރުދަނާކުރުމަށް ޖުލައި 1، 2024 ގައި ގޭންގު ކްރައިމް އެންފޯސްމަންޓް ޔުނިޓެއް ގާއިމުކޮށް، މޭ 25، 2025 ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނު (ގާނޫނު ނަންބަރު 7/2025) ތަސްދީގު ކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބަޔާންކޮށްފައިވާ ގޮތުގައި، އޮގަސްޓް 25، 2025 އިން ފެށިގެން އަމަލުކުރަމުންދާ މި ގާނޫނުގެ ދަށުން ޝަރުއީ މަރުހަލާއިން ގޭންގު ކުށްތައް ކަނޑައެޅުމާއި، އެފަދަ ހަރަކާތްތަކަށް ފަންޑުކުރުން ހުއްޓުވުމާއި، ނުހައްގު މުއްސަނދިކަމާއި ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާއި، ކުޑަކުދިން ކުށްތަކަށް ވެއްދުން ހުއްޓުވޭނެއެވެ. މީގެ އިތުރުން، 18 އަހަރުން ދަށުގެ ކުދިންނަށް ވަޅި ވިއްކުމަކީ 1 ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކުރެވޭ ކުށެއް ކަމުގައި ކަނޑައަޅާފައިވާ ކަމަށް ނޫސްތަކުން ރިޕޯޓުކޮށްފައި ވެއެވެ.

ނަމަވެސް، ގާނޫނު ތަންފީޒުކުރުމާއި ކުށްތަކުން ރައްކާތެރިކުރުމަކީ ވަކިން ވިސްނަންޖެހޭ ދެ ކަމެކެވެ. ކުށްކުރާ ވިއުގަތައް ރޫޅާލުމަކީ ފުލުހުންގެ ޒިންމާއަކަށް ވާއިރު، ކުށްތަކަށް މީހުން ވެއްދުމަށް މަގުފަހިވާ ހާލަތްތައް ބަދަލު ނުކުރެވިއްޖެނަމަ، ރޫޅާލެވޭ ވިއުގަތަކުގެ ބަދަލުގައި އެހެން ވިއުގަތަކެއް އުފެދިގެން ހިނގައިދާނެއެވެ. އެހެންކަމުން، ސްކޫލްތަކާއި، އާއިލާތަކާއި، ވަޒީފާ ދޭ ފަރާތްތަކާއި، ކައުންސިލްތަކާއި، އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދޭ މުއައްސަސާތަކުގެ ބައިވެރިވުމާއެކު، ސްކޫލުން ފެށިގެން ތަމްރީނަށާއި ވަޒީފާއަށް މެދުކެނޑުމެއް ނެތި ވާސިލުވެވޭނެ ދެމެހެއްޓެނިވި ސިޔާސަތެއް ބޭނުންވެއެވެ. ހިންގާ ތަމްރީނު ޕްރޮގްރާމްތަކުގެ އަދަދު ގުނުމުގެ ބަދަލުގައި، އޭގެ ބައިވެރިންގެ ތެރެއިން ވަޒީފާ ލިބޭ މީހުންނާއި، ވަޒީފާގައި ދެމިތިބޭ މީހުންނާއި، މުސާރައިގެ އެކަށީގެންވާ ކުރިއެރުމެއް ލިބޭ މީހުންގެ ނިސްބަތް ސަރުކާރުން އާންމުކޮށް، އެ މިންގަނޑުން ކާމިޔާބީ ވަޒަންކުރަން ޖެހެއެވެ.

ހައްލު ކުރެވިދާނެ ގޮތްތަކާއި ކަންކަން

އިގުތިސާދީ ސިޔާސަތުތަކާއި ޒުވާނުންގެ ތަރައްގީ ވަކިކޮށްގެން ކުރިއަށް ދެވޭނެ ޖާގައެއް ރާއްޖެއަކަށް ނެތެވެ.

މި މައްސަލައަށް ދާއިމީ ހައްލެއް ގެނެވޭނީ ސާނަވީ ތައުލީމު ނިންމާ ދަރިވަރުންނަށް ވޮކޭޝަނަލް އަދި އެޕްރެންޓިސްޝިޕް ފުރުސަތުތައް ކަށަވަރުކޮށްދީ، އަތޮޅުތެރޭގައި ވަޒީފާ އުފައްދައި، ދިރިއުޅުމުގެ ހަރަދުތަކާ އެކަށީގެންވާ އުޖޫރައަކާއި ރައްކާތެރި މަސައްކަތުގެ މާހައުލެއް ގާއިމުކޮށްދީގެންނެވެ.

އަދި އަންހެނުންނަށް ވަޒީފާއަށް ނުކުމެވޭނެ ލުއިފަސޭހަ އިންތިޒާމުތަކާއި ކުށުގެ ރިކޯޑު އޮންނަ ޒުވާނުން އަނބުރާ މުޖުތަމައަށް ގެނައުމުގެ ޕްރޮގްރާމްތައް ހަރުދަނާކޮށް، ހުނަރަށް ބިނާކޮށް ވަޒީފާގެ ބާޒާރު ރޭވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

ގޭންގު ސަގާފަތާ ދެކޮޅަށް ކުރެވޭ މަސައްކަތްވެސް ހަގީގީ މާނައިގައި ކާމިޔާބުވާނީ، ކުށްކުރާ ވިއުގަތަކުން ދައްކާ މަގުތަކަށްވުރެ، ހުއްދަ އިގުތިސާދީ އަދި އިޖުތިމާއީ ފުރުސަތުތަކަށް ވާސިލުވުން ދިވެހި ކޮންމެ ޒުވާނަކަށްވެސް ފަސޭހަވި ދުވަހަކުންނެވެ.