ރާއްޖޭގެ ޖަލުތަކުގައި ތިބޭ ގައިދީންނާ މެދު އަނިޔާގެ އަމަލެއް މި ސަރުކާރަކުން ނުހިންގާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
މިއުވާން މިހެން ވިދާޅުވީ، މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
މިއުވާން ވިދާޅުވީ، ޖަލުގައި އަނިޔާގެ އެއްވެސް އަމަލެއް ހިންގާ ކަމުގައި ވާނަ ކަމާ ގުޅުންހުރި އިދާރާތަކަށް އެކަށް ހުށަހަޅައިގެން މައްސަލަ ކުރިއަށް ގެންދިއުމުގެ ފުރުސަތު ގައިދީންނަށް ލިބޭ ކަމަށެވެ.
އަދި ޖަލުތަކުގައި ވެސް އަދި އެހެން ތަނެއްގައި ވެސް އަނިޔާވެރިކަން އޮތުމަކަށް މި ސަރުކާރަކުން ފުރުސަތެއް ނުދޭނެ ކަމަށް ވެސް އޭނާ ވިދާޅުވެއެވެ.
މިއުވާން މިހެން ވިދާޅުވެފައި ވާއިރު މީގެ ކުރިން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ ޖަލުގައި އެއްވެސް ގައިދީއަކަށް އަނިޔާ ކުރުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް ވިދާޅުވެފައެވެ.
އިމްރާން ވިދާޅުވީ ދިވެހިރާއްޖޭގެ ޖަލުތަކުގެ ނިޒާމް ރިފޯމް ކުރުން އެއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ވައުދުފުޅެއް ކަމަށާއި, އެވައުދުފުޅު ފުރިހަމަ ކޮށްދިނުމަށްޓަކައި ކުރެވުނު މަސައްކަތްތަކަށް ބަލާއިރު ވޭތުވެދިޔަ 50 އަހަރު އެއްވެސް ސަރުކާރަކަށް ނުކުރެވޭ ގިނަ މަސައްކަތް މިސަރުކާރުން ކޮށްފައިވާ ކަމަށެވެ.
ރާއްޖޭގެ ޖަލުތަކަކީ ގައިދީންނަށް އަނިޔާ ކުރުމާއި, ނިކަމެތި ގޮތްތަކާއި ކުރިމަތިލާން ޖެހިފައި އޮތް ތަނެއްކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރުން ވަނީ އެކަން މާޒީގެ ސަފްހާތަކުގެ ތެރެއަށް ދޫކޮށްލާފައި ކަމަށެވެ. ދިވެހިރާއްޖޭގެ ޖަލުތަކުގައި ގައިދީއަކަށް ގަސްތުގައި އެނގި ހުރެ އަނިޔާކުރާ އެއްވެސް އޮފިސަރަކަށް ޖާގައެއް ނޯންނާނެ ކަމަށާއި, އެކަން ހުރިހާ އޮފިސަރުންނަށް އެނގޭނެ ކަމަށް ވެސް އިމްރާން އޮތީ ވިދާޅުވިއެވެ.