މިދިޔަ އޮގަސްޓު މަހުގެ ނިޔަލަށް ޓެކުހުގެ ގޮތުގައި ލިބެން ޖެހޭ ބިލިޔަނަކަށް ވުރެ ގިނަ ރުފިޔާ ނުލިބޭ ކަމަށް، ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
ޓީޖީއެސްޓީ އާއި ގްރީން ޓެކުހުގެ ގޮތުގައި ނުލިބިވާ ފައިސާގެ އަދަދު މިނިސްޓަރު ހާމަކުރެއްވީ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ލިއުމުން ޖަވާބު ހޯދުމަށް ކުރެއްވި ސުވާލަށް ދެއްވި ޖަވާބުގައެވެ.
މިނިސްޓަރު ވިދާޅުވީ، ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ 2019 އިން ފެށިގެން ޖަމާކުރަނީ ގްރީން ފަންޑަށް ކަމަށާއި، އެ ފަންޑަށް ޖަމާކުރާ ފައިސާގެ ތަފްސީލާއި ފަންޑުން ކުރާ ހަރަދުތަކުގެ ތަފްސީލް މިނިސްޓްރީގެ ވެބްސައިޓުގައި މަހަކު އެއްފަހަރު ޝާއިއު ކުރަމުންދާ ކަމަށެވެ.
އަދި ޖީއެސްޓީގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ ޖަމާވަނީ ޕަބްލިކް ބޭންކް އެކައުންޓަށް ކަމަށް ވުމާއެކު، އެ ފައިސާ ހޭދަކުރަމުން ދަނީ ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވާ ހަރަދުތައް ކުރުމަށް ކަމަށާއި، ގްރީން ފަންޑު ގާއިމް ކުރުމުގެ ކުރިން ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބިފައިވާ ފައިސާ ވެސް ހޭދަކޮށްފައި ވަނީ އެފަދައިން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ލިޔުމުން ދެއްވި ޖަވާބުގައި މިނިސްޓަރު ވަނީ ދައުލަތަށް ލިބެން ޖެހޭ ޓެކްސް ފައިސާގެ ތެރެއިން މިދިޔަ އޮގަސްޓު މަހުގެ ނިޔަލަށް ލިބިފައި ނުވާ ޓެކްސް ފައިސާގެ އަދަދުތައް ހިއްސާ ކުރައްވާފައެވެ. އެގޮތުން:
- ޓީޖީއެސްޓީ: 632.10 މިލިއަން ރުފިޔާ އާއި ޖޫރިމަނާގެ ގޮތުގައި 240.35 މިލިއަން ރުފިޔާ
- ގްރީން ޓެކްސް: 85.49 މިލިއަން ރުފިޔާ އާއި 42.93 މިލިއަން ރުފިޔާ
މީރާ އިން ވަނީ އެ އިދާރާ އަށް ޓެކްސް ނުދައްކާ ފަރާތްތަކާއި ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކުގެ މައުލޫމާތު މިމަހު އާންމުކުރާނެ ކަމަށް މިދިޔަ މަހު ބުނެފައެވެ. އޭގެ މަހެއްހާ ދުވަސް ފަހުން މީރާ އިން ވަނީ އެ އިދާރާ އަށް ޓެކްސް ނުދައްކާ 136 ކުންފުންޏަކާއި ޓެކްސް ބަޔާން ހުށަނާޅާ 256 ފަރާތެއްގެ ލިސްޓެއް އާންމު ކޮށްފައެވެ. އޭގެ ތެރޭގައި ވެލާނާ އެއާޕޯޓު މީގެ ކުރިން ހިންގަން ހަވާލުކުރި ޖީއެމްއާރު ވެސް ހިމެނެއެވެ.