ހައްޖާޖީންގެ ތެރެއިން ޕެނަޑޯލް ގުޅަ އާއި ކޮފީ ގަންނަން ބޭނުންވާ ދިވެހި ހައްޖާޖީންނަށް ޕެނަޑޯލާއި ކޮފީ ވިއްކާފައިވާނެ ކަމަށާއި، ނަމަވެސް އެ ކަންތައްތައް ކޮށްފައި ވަނީ އުސޫލުގެ ތެރެއިން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.
މިދިޔަ އަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ދިޔަ ހައްޖާޖީންނަށް ބޭހާއި ކޮފީ ވިއްކިތޯ އާއި، އެކަމާ ގުޅިގެން ހައްޖާޖީންގެ ފަރާތުން ޝަކުވާ ލިބުނުތޯ އާއި ޝަކުވާ ހައްލުކުރުމަށް މަސައްކަތްކުރިތޯ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ލިއުމުން ވަނީ ސުވާލު ކުރައްވައިފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ހައްޖު ކޯޕަރޭޝަނުން ހައްޖާޖީންނަށް ޕެނަޑޯލް ގުޅަ ވިއްކި ކަމުގެ ޝަކުވާ މިނިސްޓްރީ އަށް ނުލިބޭ ކަމަށެވެ. ނަމަވެސް މިނިސްޓްރީގެ ފަރާތުން މައުލޫމާތު ސާފުކުރުމުން، ޕެނަޑޯލް ގުޅަ ވިއްކި ކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މެންބަރު އިބްރާހީމް ރަޝީދުގެ ސުވާލުގައި ވާ ގޮތުން ހައްޖު ކޯޕަރޭޝަނުން ޕެނަޑޯލް ގުޅަ އެއް ވިއްކާފައި ވަނީ ދެ ސައުދީ ރިޔާލަށެވެ. އެއީ 8.23ރ އެވެ.
ކޮފީ ވިއްކި މައްސަލައިގައި މިނިސްޓަރު ވިދާޅުވީ، ކޮފީ ޝޮޕެއް ހޮޓެލުގެ ލޮބީގައި ހުޅުވައި ހައްޖާޖީންނަށް ކޮފީ ވިއްކާފައި ވަނީ މުޅި ހައްޖު ދަތުރުގައި ހާޖީންނަށް ދެވޭ ތިން އިރު ކެއުމާއި ހަވީރު ސައިގެ އިތުރުން އެހެނިހެން ވަގުތުތަކުގައި އިތުރު ހިދުމަތެއްގެ ގޮތުގައި ކަމަށެވެ.
ކޮވިޑް-19 ގެ ސަބަބުން ދެ އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހު، ރާއްޖޭން ހައްޖަށް ދާން އަލުން ފަށާފައިވަނީ މިދިޔަ ހިޖުރީ އަހަރުގައެވެ. މިދިޔަ އަހަރު ހައްޖަށް ގެންގޮސްފައި ވަނީ ހައްޖު ކޯޕަރޭޝަންގެ ދަށުން 453 މީހުން އެކަންޏެވެ.