މާލެ ގެއެއްގައި ނިދާފައި އޮތް މީހަކަށް ތޫނު އެއްޗަކުން ހަމަލާ ދީ ޒަހަމްކޮށްލައިފިއެވެ.

އެނގިފައިވާ ގޮތުގައި މިއީ ދެ ގޭންގެއް ދެމެދުގައި މާރާމާރީ ހިންގުމަށްފަހު ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާއެކެވެ. އަދި އެ ގެއަކަށް ގޭންގުން ވަދެފައިވަނީ އެ ގޭގެ ދޮރު ހަލާކުކޮށްލައިގެން ކަމަށް ވެސް ވަނީ އެނގިފައެވެ.

މި މައްސަލާގައި ފުލުހުން ބުނީ، މާލޭގެ ހިތްފަސޭހަ ގޯޅީގައި ހުރި ގެސްޓް ހައުސްއެއްގައި މާރާމާރީއެއް ހިންގާފައިވާ ކަމުގެ ރިޕޯޓެއް ރޭ ދަންވަރު 2:38 ގައި ލިބިފައިވާ ކަމަށެވެ.

އެ މާރާމާރީއާ ގުޅިގެން ކުށުގެ ވެށިން ދިވެހި ފިރިހެނަކު ހައްޔަރު ކުރި ކަމަށް ފުލުހުން ބުނެއެވެ.

އޭގެ ފަހުން، މާފަންނު ގެއެއްގައި މީހަކަށް ހަމަލާ ދިން ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ ރޭގެ 3:34 ހާއިރު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އެ ހާދިސާގައި އަނިޔާވި މީހާއަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ކަމަށެވެ.

އެ ދެ މައްސަލަ ވެސް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.