މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގެ އިސް މީހާ ކަމަށް ފުލުހުން ތުހުމަތުކުރާ އަރުޝަދު ހާލިދު ބަންދުން ދޫކޮށްލި މައްސަލައިގައި ފުލުހުން ގޯސްތަކެއް ހަދައިފި ކަމަށާއި އެ މައްސަލަަ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އަންގައިފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ބުނެފިއެވެ.

ޕީޖީ އޮފީހުން ބުނީ، ގދ. ހޯނޑެއްދޫ، އަލޯރާ، އަރުޝަދު ހާލިދު ހައްޔަރުކޮށް، ބަންދުކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ދިވެހި ފުލުހުންގެ ހިދުމަތުގެ މައްޗަށް އަމުރުކޮށްފައި ވަނިކޮށް، ރޭ 7:45 އަށް އަރުޝަދު ހާލިދު އެ ކޯޓަށް ހާޒިރުކޮށްފައި ވަނީ ހައްޔަރުން ދޫކޮށްލައި، އެކަމާ ގުޅޭ ލިޔުމެއް އޭނާއަށް ރައްދު ކުރުމަށްފަހުގައި ކަމަށެވެ. މި ކަމުގައި ދިވެހި ފުލުހުންގެ ހިދުމަތުން އަމަލުކޮށްފައިވާ ގޮތް ދިވެހިރާއްޖޭގެ ހައިކޯޓުގެ އަމުރާ ހިލާފު ކަމަށް ޕީޖީން ބުނެއެވެ.

އަރުޝަދު ހާލިދު ހައްޔަރު ކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން އަމުރު ނެރުމާއެކު، މި ކަމުގައި އަމަލު ކުރަންވީ ގޮތުގެ އިރުޝާދު ދިވެހި ފުލުހުންގެ ހިދުމަތަށް ދެމުންދިޔަ ކަމަށް ޕީޖީން ބުނެއެވެ. އަރުޝަދު ހާލިދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ފަހު، އޭނާ ބަންދުން ދޫކޮށްލުމަށް އެއްވެސް އިރުޝާދެއް ދީފައި ނުވާނެ ކަމަށާއި އޭނާ ބަންދުން ދޫކޮށްލުމާ ގުޅޭގޮތުން ފުލުހުން ޕީޖީގެ ލަފަޔަކަށް އެދިފައި ވެސް ނުވާ ކަމަށް ޕީޖީން ބުނެއެވެ. އަދި މިކަން ހިނގާފައި ވަނީ މައްސަލަ ތަހުގީގު ކުރާ ފަރާތާއި، ތަހުގީގު ކުރި ޑިޕާޓްމަންޓަށް އެނގުމެއް ނެތި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ޕީޖީން ބުނެއެވެ.

އެހެންކަމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ އަމުރާ ހިލާފަށް އަރުޝަދު ހާލިދު ހައްޔަރުން ދޫކުރުމަށް ނިންމި، އަދި ހައްޔަރުން ދޫކޮށްލި ލިޔުން ތައްޔާރު ކުރި ފުލުސް އޮފިސަރުންގެ މައްސަލަ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އަންގައި އަދި މިކަން ޕޮލިސް ބޯޑުގެ ސަމާލު ކަމަށް ވެސް ވާނީ ގެނެސްފައި ކަމަށް ޕީޖީން ބުނެއެވެ. އަދި މި މައްސަލައިގައި ދިވެހި ފުލުހުންގެ ހިދުމަތުގެ މުވައްޒަފުންތަކެއް ގޯސްތަކެއް ހަދާފައިވީ ނަމަވެސް، މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށް ޕީޖީން ބުނެއެވެ.

އަރުޝަދުގެ މައްސަލައިގައި ފުލުހުން އޭނާ ގަސްދުގައި ދޫކޮށްލީ ކަމަށް ބުނެ އާންމުން އަންނަނީ ފުލުހުންގެ ހިދުމަތަށް ވަރަށް ބޮޑަށް ފާދު ކިޔަމުންނެވެ. މި ކަމާ ގުޅިގެން އެފަދަ އަމުރުތަކުގައި އަމަލު ކުރަމުން އައި އުސޫލު މިއަދުން މިއަދަށް ބަދަލުކުރަން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ އަންގަވާފައެވެ. އެގޮތުން ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމުގެ އަމުރެއް ނެރެފިނަމަ، ކޯޓަށް ހާޒިރުކުރާނީ ހަމަ ފުލުހުންގެ ބަންދުގައި ބަހައްޓައިގެންނެވެ.

119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި އަރުޝަދާއި އިތުރު ބަޔަކަށް އެންމެ ފުރަތަމަ ދައުވާކުރީ މިދިޔަ އަހަރުގެ ކުރީކޮޅު މާލޭގެ ބައެއް ގެތައް ފާސްކޮށް، ނުވަ ކިލޯގެ ޑްރަގާއި 4.6 މިިލިއަން ރުފިޔާ ފެނުނު މައްސަލާގަ އެވެ. އެ މައްސަލާގައި އަށް މީހެއްގެ މައްޗަށް ދައުވާ ކުރިޔަސް، ކުށް ސާބިތުވީ ދެ މީހެއްގެ މައްޗަށެވެ. އެ މައްސަލަ މިހާރު އޮތީ ހައިކޯޓުގަ އެވެ.

އޭގެ ފަހުން މިދިޔަ އަހަރުގެ ފަހުކޮޅު މާލެ އާއި ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް 119 ކިލޯގެ ޑްރަގް މައްސަލާގެ އިސްކޮށް ހަރަކާތްތެރިވި އެކަކީ ވެސް އަރުޝަދު ކަމަށް ފުލުހުން ތުހުމަތު ކުރެއެވެ. ނަމަވެސް އޭރު އޭނާ ހުރީ ރާއްޖެއިން ބޭރުގައި ކަމުން އޭނާ ހައްޔަރެއް ނުކުރެވެއެވެ. އެ މައްސަލާގައި ތިން މީހެއްގެ މައްޗަށް ދައުލަތުން ދައުވާކޮށް، ޝަރީއަތް ދަނީ ހިނގަމުންނެވެ.

އަރުޝަދު ރާއްޖޭން ފުރައިގެން ދިޔައީ 119 ކިލޯގެ ޑްރަގް ޝިޕްމެންޓް ރާއްޖެ އެތެރެކުރި ޑިސެމްބަރު 12 ވަނަ ދުވަހުއެވެ. އޭގެ ކުރިން ރާއްޖެ އެތެރެކުރި 9 ކިލޯއެއްގެ ޑްރަގު މައްސަލައިގައި ކްރިމިނަލް ކޯޓުގައި އޭނާގެ މައްޗަށް ދައުވާކުރި ނަމަވެސް، އެ މައްސަލަ ސާބިތުނުވީ އަރުޝަދު އާ ގުޅުންހުރި ތަނަކުން މަސްތުވާތަކެތި ފެނިފައިނުވުމާއި، ފެނުނު މަސްތުވާތަކެއްޗާއި އޭނާއާ ގުޅުމެއް އޮތްކަން ސާބިތުވެފައިނުވާތީ އެވެ. އެ މައްސަލަ ދައުލަތުން އޮތީ އިސްތިއުނާފު ކޮށްފައެވެ.