ފާއިތުވި 2 ހަފްތާއެއްހާ ދުވަހުގެ ތެރޭގައި 7 މިސައިލެއް ޓެސްޓް ކޮށްފައި ވާ އިރު އެއީ ނިއުކްލިއާ ޓެސްޓެއް ކުރަން ތައްޔާރު ވަނީ ކަމުގައި އުތުރު ކޮރެއާއިން ބުނެފިއެވެ.
އުތުރު ކޮރެއާގެ ޓީވީން އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ، މިހާރު ގާތްގާތުގައި ކުރަމުން ދާ މިސައިލް ޓެސްޓްތަކަކީ ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްގެން ކުރަން ހަމަޖެހިފައި ވާ މިސައިލް ޓެސްޓަކަށް ވާ ތައްޔާރިއެއް ކަމަށެވެ.
އަދި މިއީ ހަނގުރާމައިގެ މައިދާނުގައި ބޭނުން ކުރާނެ ކުރު ރާސްޓާ ނިއުކްލިއާ ވޯހެޑްތަކެއް ކަމަށާއި މިހާރު ކުރިއަށް ދަނީ ޑަމީ ވޯހެޑް ބޭނުންކޮށްގެން ކުރާ ޓެސްޓްތަކެއް ކަމަށެވެ. މީގެ އިތުރުން މިހާތަނަށް ކުރިއަށް ގެންދިޔަ ސިމިއުލޭޝަން ޓެސްޓްތަކުން ދެކުނު ކޮރެއާގެ އަސްކަރީ މަރުކަޒުތަކާއި ބަނދަރާއި އެއާޕޯޓް ގޮއްވާލެވޭނެ ކަމަށް އުތުރުކޮރެއާއިން ބުނެއެވެ. މި ޓެސްޓްތައް ކުރިއަށް ގެންދިޔަ އިރު އެގައުމުގެ ލީޑަރު ކިމް ޖޮންގް އުން އެ މަންޒަރުތައް ބައްލަވަން ހުންނަވާ ފޮޓޯ ގައުމީ ޓީވީ، ކޭއެންސީއޭއިން ވަނީ އާންމުވެސް ކޮށްފައެވެ.
މިއީ ދެކުނު ކޮރެއާއާއި އެމެރިކާ ގުޅިގެން މިހާރު ކުރިއަށް ގެންދާ އަސްކަރީ ތަމްރީނުތަކާ ދިމާކޮށް އުތުރުކޮރެއާއިން ދިން ވަރުގަދަ މެސެޖެކެވެ.
މިއާއެކު ދެކުނު ކޮރެއާ އާއި އެމެރިކާއިން ބުނެފައި ވަނީ 2017 އަށް ފަހު އުތުރު ކޮރެއާއިން ކުރާ ފުރަތަމަ ނިއުކްލިއާ ޓެސްޓަށް އެގައުމު ތައްޔާރުވާކަމުގެ މައުލޫމާތު ލިބިފައި ވާ ކަމަށެވެ.
އުތުރު ކޮރެއާ އަކީ ނިއުކްލިއާ ބާރެއް ކަމަށް އަމިއްލަ އަށް ކަނޑައަޅާ އިއުލާން ކޮށް، ގާނޫނެއް ހަދާ، އެ ގާނޫނުގައި އެ ގައުމަކީ ނިއުކްލިއާ ބާރެއް ކަމަށް ކަނޑައެޅުމާއެކު އެ ގައުމުގެ ލީޑަރު ކިމް ޖޮންގް އުން ވިދާޅުވީ، އެއީ ބަދަލު ނުކުރެވޭނެ ނިންމުމެއް ކަމަށާއި، ނިއުކްލިއާ ހަތިޔާރު ނެތް ގައުމަކަށް ހަދަން ވާހަކަވެސް ނުދެއްކޭނެ ކަމަށެވެ.
އަދި ގައުމުގެ ދިފާއުގައި ބޭނުންވާ ކުޑަ މިންވަރަކަށް ނިއުކްލިއާ ހަމަލާއެއް ދިނުންވެސް އެ ގާނޫނުން އެގައުމަށް ހުއްދަ ކުރެއެވެ.
އުތުރު ކޮރެއާއަކީ، ނިއުކްލިއާ ހަތިޔާރު އުފައްދާ މައްސަލައިގައި އދ ގެ އިދާރާތަކާއި އެމެރިކާ ހިމެނޭހެން ދަތިކުރުމުގެ ފިޔަވަޅުވެސް އަޅާފައި އޮންނަ ގައުމެކެވެ. ނަމަވެސް އެ ހާލަތުގައިވެސް 2006 އިން 2017 އާ ދެމެދު ނިއުުކްލިއާ ހަތިޔާރުގެ 6 ޓެސްޓެސް ކޮށްފައި ވެއެވެ.
މުރާސިލުން ބުނާ ގޮތުގައި، އދ އިން ކަނޑައަޅާފައިވާ އުސޫލުތަކުން ބޭރުން، އުތުރު ކޮރެއާއިން ދަނީ އެގައުމުގެ އަސްކަރިއްޔާގެ ބާރު ގަދަކޮށް، ދުރު ރާސްތާގެ މިސައިލްތައްވެސް ތަރައްގީ ކުރަމުންނެވެ. އަދި މިކަމަކީ، އުތުރު ކޮރެއާ އާ ދުޝްމަން ހުރިހާ ގައުުމަކަށް އޮތް ނުރައްކަލެއް ކަމަށާއި، ހާއްސަކޮށް އެ ގައުމާ ކައިރީގައި އޮންނަ ޖަޕާނާއި ދެކުނު ކޮރެއާ ފަދަ ގައުމުތަކަށް މީ ބޮޑު ނުރައްކަލެއް ކަމަށެވެ.