ޗެނަލް-13ގެ ބްރޯޑްކާސްޓް ހުއްޓާލަން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)އިން އެންގި އެންގުން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)އިން ކުށްވެރިކޮށްފިއެވެ.
ޗެނަލް-13ގެ ބްރޯޑްކާސްޓް ރޭ، 8 އިން 9 އަކަށް ހުއްޓާލުމަށް ބްރޯޑްކޮމްއިން ވަނީ އެ ޗެނަލަށް އަންގާފައެވެ. އެއީ މިދިޔަ ޖެނުއަރީ މަސް ތެރޭ ބްރޯޑްކޮމްއިން އަމިއްލަ އިސްނެގުމަކަށް ބަލަން ފެށި މައްސަލައެއްގެ ތަހުގީގު މި މަހުގެ 11 ވަނަ ދުވަހު އެ ކޮމިޝަނުން ނިންމުމަށްފަހު އެންގި އެންގުމެއް ކަމަށް އެމްޖޭއޭއިން ފާހަގަކޮށްފައިވެއެވެ.
އެމްޖޭއޭއިން ނެރުނު ބަޔާނެއްގައި ބުނީ އެ އެންގުމާ ގުޅޭ ގޮތުން ކަންބޮޑުވާ ބޮޑެތި ކަންތައްތަކެއް ހުރި ކަމަށެވެ.
އެގޮތުން ޗެނަލް-13ގެ ބްރޯޑްކާސްޓް ހުއްޓާލަން އެންގިއިރު، ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)ގެ އެއްވުމެއް ރޭ އެ ޗެނަލުން ވަގުތުން ދައްކާނެކަން މި މަހުގެ 9 ވަނަ ދުވަހު އިއުލާނުކޮށްފައިވާކަން ފާހަގޮށް އެމްޖޭއިން ބުނީ ބްރޯޑްކޮމްއާ ސުވާލުކުރުމުން އެ ކޮމިޝަނުން މައްސަލަ ނިންމިއިރު އެ ޗެނަލުން ސިޔާސީ ޕާޓީއެއްގެ ޖަލްސާއެއް ދުރަށް ދައްކަން ތާވަލްކޮށްފައި އޮތްކަން ކޮމިޝަނަށް ނޭނގޭ ކަމަށް ބުނެފައިވާ ކަމަށެވެ. އަދި އެ ޖަލްސާ އޮތް ރެއާ އެ ކޮމިޝަނުގެ އެންގުމާ ދިމާވީ އިއްތިފާގުން ކަމަށް ބުނެފައިވާ ކަމަށެވެ.
ބްރޯޑްކޮމްއިން އެހެން ބުނެފައިވީ ނަމަވެސް ސިޔާސީ ޕާޓީއެއްގެ އެއްވުމެއް ވަގުތުން ދުރަށް ދެއްކުމަށް ތާވާލްކޮށްފައިވަނިކޮށް އެ ވަގުތާ ދިމާވާ ގޮތަށް އެ ޗެނަލްގެ ބްރޯޑްކާސްޓް ހުއްޓާލަން ބްރޯޑްކޮމްއިން އެންގި އެންގުމަކީ ވަކި މަގުސަދެއް ހާސިލްކުރުމަށް ނުފޫޒެއްގެ ތެރެއިން ކޮށްފައިވާ ކަމެއް ކަމަށް ބެލުމުގެ ޖާގަ އޮތް ކަމެއް ކަމަށް އެމްޖޭއިން ބުނެފައިވެއެވެ.
އެމްޖޭއޭއިން ބުނީ މިފަހުން އެފަދަ އެންގުމެއް ބްރޯޑްކޮމްއިން އަންގާފައިނުވާއިރު، އެކަަން ކުރީ ވަކި ހަރަކާތެއް ދެއްކުމަށް ޗެނަލުން ތައްޔާރީތައް ވަމުން ދަނިކޮށް ކަމަށްވުމުގެ އިތުރުން އެކަމަކީ އާންމުކޮށް އެނގެން ހުރި މައުލޫމާތުތަކަށްވުމާއެކު އެއީ ބިރުދެއްކުމަށް ކުރި ކަމެއްގެ ގޮތުގައި ބެލުމުގެ ފުރުސަތު އޮތް ކަމަށެވެ.
އެމްޖޭއޭއިން ވަކާލާތު ކުރަނީ މީޑިއާ ރެގިއުލޭޓްކުރާ ކޮމިޝަންތަކުން އަމިއްލައަށް އިސްނައިގެން މީޑިއާތަކުގެ މައްސަލަތައް ބެލުމަކީ އުސޫލެއް ނޫން ކަމަށް ކަމަށާއި އެފަދަ އިދާރާތަކުން މައްސަލަތައް ބަލަން ޖެހެނީ ކޮމިޝަނަށް ލިބޭ ޝަކުވާތަކަށް އެކަނި ކަމަށް އެ އެސޯސިއޭޝަނު ބުނެއެވެ.
ސޫމޯޓޯ އުސޫލުން މައްސަލަ ބަލާނަމަ އިންސާފުގެ ހަމައިން ބޭރުވެވި ނާޖާއިޒު ނުފޫޒަށް ޖާގަލިބޭ ކަމަށް އެމްޖޭއިން ވަނީ ބުނެފައެވެ. އަދި މައްސަލަ ބްރޯޑްކޮމްއިން ބެލުމުގައި ވެސް އާންމުކޮށް ހުޅުވާލައިގެން ދެ ފުށްފެންނަ ގޮތެއްގައި މައްސަލަ ބަލާފައި ނުވާކަން ފާހަގަކުރެވޭތީ ބްރޯޑްކޮމްގެ ފިޔަވަޅު އެމްޖޭއޭއިން ވަނީ ކުށްވެރިކޮށްފައެވެ.
ހުޅުވާލެވިގެން ބާއްވާ އަޑުއެހުންތަކެއްގައި ދެފުށް ފެންނަ އުސޫލަކުން މީޑިއާތަކާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް ނުފޫޒުން އެއްކިބާވެ ތިބެ އިންސާފާއި ހަމަހަމަކަމާއެކު ބެލުމަށް އެމްޖޭއޭއިން ވަނީ ގޮވާލާފައެވެ.
އެމްޖޭއިން ބުނީ ބްރޯޑްކޮމްގެ އެ އަމަލުގެ ސަބަބުން ވެސް އެނގި ހާމަވެގެންދަނީ ސަރުކާރުގެ ނުފޫޒު އޮންނަ ގޮތަށް ސެލްފް ރެގިއުލޭޓަރީ އުސޫލުން ބޭރު މެކޭނިޒަމަކުން މީޑިއާ ރެގިއުލޭޓްކުރާނަމަ، އެކަމުގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަމާއި މީޑިއާގެ މަސައްކަތަށް ކުރިމަތިވެދާނޭ ހުރަސްތަކާއި ނުރައްކާތަކުގެ ކުޑަވަރެއްގެ މިސާލެއް ކަމަށެވެ. އެހެންކަމުން މިހާރު މަޖިލީހަށް ހުށަހަޅާފައިވާ "ސަރުކާރުން މޫޑިއާ ކޮންޓްރޯލްކުރާ ބިލު" ފާސްވެއްޖެނަމަ މީޑިއާތަކާއި ނޫސްތައް ބަންދުކުރުމާއި ނޫސްތަކުގެ ކޮންޓެންޓް ކޮންޓްރޯލްކުރުމުގެ ނުރައްކާތެރި ސަގާފަތެއް ފެށިދާނެ ކަމަށް ބުނެ އެ ބިލު އަނބުރާ ގެންދިއުމަށް ގޮވާލާފައިވެއެވެ.