ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ ވެރިން އިދިކޮޅު ކޯލިޝަނުގެ ވެރިންނާ ބައްދަލުކުރެވެނީ އިންޑިއާ ހައިކޮމިޝަންގެ ހުއްދަ ލިބިގެން ކަމަށާއި، އިންޑިއާ ސަރުކާރު ބޭނުންވާ ކަމެއް ނޫނީ މި ގައުމުގައި ނުކުރެވޭ ކަމަށް ވިދާޅުވެ، އެ ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

މިދިޔަ އޭޕްރިލް މަހުގެ 21 ގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ، އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލައި އިދިކޮޅުން ކުރިއަށް ގެންދިޔަ "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވުމަށްޓަކައި ގަރާރެއް ނެރުއްވައިފައެވެ. އެ ގަރާރަކީ ގާނޫނުއަސާސީ އާ ހިލާފު ގަރާރެއް ކަމަށް ބުނެ، އެ ގަރާރު ބާތިލްކުރުމަށްޓަކައި އޭގެ ހަފްތާއެއް ފަހުން އިދިކޮޅުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި ނަމަވެސް، މިދިޔަ ޖޫން މަހުގެ ފަހުކޮޅު އެ މައްސަލަ ވަނީ ބޭރުކޮށްލާފައެވެ.

އެ މައްސަލައިގައި އިދިކޮޅު ކޯލިޝަންގެ އިސްބޭފުޅުންތަކެއް ސިވިލް ކޯޓަށް ވަޑައިގެން އެތަނުގެ ބައެއް ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަބްދުއްރަހީމް ވަނީ، ރައީސް ނެރުއްވި ގަރާރަކީ ގާނޫނުއަސާސީ އާ ހިލާފު ގަރާރެއް ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވައިފައެވެ.

"ދެން އަޅުގަނޑުމެން އޭރު ވެސް ގަބޫލުކުރީ، [އަދި] މިހާރު ވެސް ގަބޫލުކުރަނީ ރައީސުލްޖުމްހޫރިއްޔާ އަކަށް ގާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފަ އޮތް ހައްގެއް ނިގުޅައިގަންނަން ނުވަތަ ހަނިކުރަން ގަރާރެއް ނެރުމުގެ އިހުތިޔާރެއް ލިބިވަަޑައިނުގަންނަވާނެ." އިންޑިއާ އައުޓް ހުއްޓުވުމަށް ރައީސް ނެރުއްވާފައިވާ ގަރާރަށް އިޝާރާތްކުރައްވައި އަބްދުއްރަހީމް ވިދާޅުވިއެވެ.

"އެހެންވީމަ އެ ގަރާރަކީ ގާނޫނުއަސާސީ އާ ހިލާފަށް ނެރުއްވާފައިވާ ގަރާރެއް ވީމަ އެ ގަރާރު އެއީ ގާނުނުއަސާސީ އާ ހިލާފު ގަރާރެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި އަޅުގަނޑުމެންގެ ފަރާތުން ވާނީ މި ކޯޓަށް ހުށަހަޅާފަ."
އަބްދުއްރަހީމް އަބްދުالله | ޕީއެންސީގެ ރައީސް

އަބްދުއްރަހީމް ވިދާޅުވީ، އިންޑިއާ އައުޓް ހުއްޓުވުމަށް ނެރުއްވާފައިވާ އެ ގަރާރު ބާތިލްކުރުމަށް ހުށަހަޅާފައި އޮންނަތާ ވަރަށް ދުވަސްވެއްޖެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، އެ ގަރާރުގެ ސަބަބުން ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ހައްގެއް ހިފެހެއްޓިގެން ދެއެވެ. އެއީ ގާނޫނުއަސާސީ އާ ހިލާފުވުން ކަމަށް ވިދާޅުވެ، އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، މި މައްސަލައަކީ އަވަހަށް ނިންމަން ޖެހޭ މައްސަލައެކެވެ.

ހަމަ އެއާއެކު، އެ މައްސަލައަކީ ރައްޔިތުންނާ ގުޅުންހުރި މައްސަލައެއް ކަމަށާއި، ރައްޔިތުންނަށް ހިޔާލު ފާޅުކުރުމުގެ ފުރުސަތެއް މިއަދު މި ގައުމުގައި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. އެއާއެކު އަބްދުއްރަހީމް ވިދާޅުވީ، މިއަދު ރާއްޖޭގައި ކަންތައްތައް ކުރަމުންދަނީ އިންޑިއާ ސަރުކާރުން ބޭނުންވާ ގޮތަށް ކަމަށެވެ.

"އަޅުގަނޑުމެން ތަނަކަށް (ސަރުކާރުގެ މުއައްސަސާއަކަށް) ދިޔަޔަސް، ފުރަތަމަ އެ ތަނެއްގެ ވެރިން މި ޖެހެނީ އިންޑިއާ ސަފީރަށް ގުޅަން. ގުޅާފަ ޕީޕީއެމް، ޕީއެންސީ، ނުވަތަ އިދިކޮޅު ލީދަޝިޕުން އަތުވެއްޖެއޭ ތިމަންނައާ ބައްދަލުކުރަން. ބައްދަލުކުރަންވީ ހެއްޔޭ ދެންނެވީމާ އެބޭފުޅަކު އާއެކޭ ނުވަތަ ނޫނެކޭ ބުނިއްޔާ ބައްދަލުކުރެވެނީ."
އަބްދުއްރަހީމް އަބްދުالله | ޕީއެންސީގެ ރައީސް

އިންޑިއާ އައުޓް ހުއްޓުވާ ގަރާރު ބާތިލްކުރުމަށް އިދިކޮޅުން ހުށަހަޅާފައިވާ މައްސަލަ ބޭރުކޮށްލާފައިވަނީ އެ މައްސަލައިގެ ޝަރީއަތަށް އިދިކޮޅުގެ ވަކީލުން ހާޒިރުނުވުމުންނެވެ. އިދިކޮޅުން ކޯޓަށް ހާޒިރުނުވުމުގެ އިތުރުން، ހާޒިރުނުވި ސަބަބެއް ވެސް އަންގާފައެއް ނުވެއެވެ.

ރައީސްގެ ގަރާރަށް ގޮންޖަހައި އިދިކޮޅުން އިންޑިއާ އައުޓް ހަރަކާތް ފުޅާކުރި ނަމަވެސް، އިންޑިއާ އައުޓް ހަރަކާތްތައް ހުއްޓާލާފައި އޮންނަތާ ހަފްތާތަކެއް ވެއްޖެއެވެ.