މިނިވަން ނޫހުގެ ކުރީގެ ނޫސްވެރިޔާ އަހްމަދު ރިޟްވާން އަބްދުﷲ އާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރުތަކާ ގުޅިގެން ޖިނާއީ ކުށްތައް ރާވައި ހިންގުމުގައި، އަދި އެ ކުށް ހިންގުމަށް މަގުފަހިކުރުވައި ޓެރަރިޒަމްގެ އަމަލުތައް ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ތިން މީހުންގެ ބަންދު ދެމެހެއްޓުމަށް ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު އަމުރުކޮށްފިއެވެ.
އެ މައްސަލައިގައި މިދިޔަ ޖޫން 26 ގައި ހައްޔަރުކޮށް، ދައުވާކޮށްފައިވަނީ އިސްމާއީލް އަބްދުއްރަހީމް (އިސޫ)/ މ. ލެގޫންވިއު (30އ)، އަހްމަދު އިސްމާއީލް (އަހަނދު) / މއ. ފާގަފިލާ (39އ)، އަހްމަދު މުއާޒް (ގަޓު މުއާ) / ދަފްތަރު އާރުއެސް 8499 (40އ)އެވެ.
އެ ތިން މީހުންގެ ތެރެއިން އިސްމާއީލް އަބްދުއް ރަހީމް (އިސޫ) ދެކޮޅަށް އެ ދެ މަރުގެ މައްސަލައިގައި ވެސް ކުރީ ޓެރަރިޒަމްގެ އަމަލެއް ހިންގަން އެހީތެރިވެދިނުމުގެ ކުށުގެ ދެ ދައުވާއެވެ. ޓެރަރިޒަމް އަމަލެއް ކުރަން ރޭވުމުގެ ކުށުގެ ދައުވާއަކާއި ޓެރަރިޒަމް އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ އަހަނދުގެ މައްޗަށް ކޮށްފައިވާއިރު ގަޓް މުއާއަށް ކޮށްފައިވަނީ ޓެރިޒަމްގެ އަމަލެއް ރޭވުމުގެ ކުށުގެ އެއް ދައުވާއެވެ.
މި މައްސަލާގެ އެންމެ ފަހުން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އަޑުއެހުމުގައި އެ ތިން މީހުންގެ ބަންދު ދެމެހެއްޓުމަށް ގާޒީ މިސްބާހު މުހައްމަދު ވަނީ ނިންމަވާފައެވެ.
މި ތިން މީހުންގެ ތެރެއިން އަހަނދަކީ މަސްތުވާތަކެތީގެ ރެކޯޑު އޮންނަ މީހެކެވެ. ހަމައެހެންމެ ސީރިއާ އާއި ޕާކިސްތާނަށް މީހުން ފޮނުވާ ކަމަށް ފުލުހުން އޭނާއަށް ތުހުމަތު ކުރެއެވެ. އަދި އިސޫ އަކީ ސީރިޔާގެ ހަނގުރާމައަށް ދާން އުޅެނިކޮށް ތުރުކީ ބޯޑަރު ކައިރިން 2015 ވަނަ އަހަރު ހައްޔަރު ކުރި މީހެކެވެ.
ރިޟްވާން ގެއްލިފައިވަނީ މީގެ ގާތްގަނޑަކަށް އަށް އަހަރު ކުރިން އޮގަސްޓް 8، 2014 ވަނަ ދުވަހުގައެވެ. އެ މައްސަލަ މަރު ކޮމިޝަނުން ތަހުގީގުކޮށް އެކުލަވާލި ރިޕޯޓުގައި ބުނެފައި ވަނީ ހަރުކަށި ފިކުރުގެ ބަޔަކު އޭނާ ގަދަކަމުން ގެންގޮސް މަރާލުމަށް ފަހު ކަނޑު ފައްތާލާފައިވާ ކަމަށެވެ.
ޔާމީނަށް ބޮޑެތި އަނިޔާތަކެއް ދިނުމަށް ފަހު އެއްލާލާފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅެމުން ދިޔަ މ. ސްޕެޓޫލާގޭގެ ސިޑި ކައިރިން 2017 ވަނަ އަހަރުގެ އޭޕްރީލްގެ 23 ވަނަ ދުވަހުގެ ރޭގައެވެ.