ލޯނު ދައްކަން ދައުލަތުން 2.4 ބިލިއަން ރުފިޔާ ހޭދަކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ނެރޭ ދައުލަތުގެ ހަފުތާގެ މާލީ ރިޕޯޓް ދައްކާ ގޮތުގައި މި މަހުގެ 27 ގެ ނިޔަލަށް ދައުލަތުން ލޯނު ދައްކަން 2.4 ބިލިއަން ރުފިޔާ ހޭދަކޮށްފައި ވާއިރު އެ އަދަދަކީ މި އަހަރު ލޯނު އަނބުރާ ދެއްކުމަށް ހޭދަވާނެ ކަމަށް ލަފާކުރި އަދަދުގެ ބޮޑު ބައެކެވެ. އެގޮތުން މިއަހަރު ލޯނު އަނބުރާ ދެއްކުމަށް ހޭދަވޭނެ ކަމަށް ލަފާކޮށްފައިވާ އަދަދަކީ 2.8 ބިލިއަން ރުފިޔާއެވެ.
މިދިޔަ އަހަރުގެ އެ މުއްދަތުގައި ލޯނު އަނބުރާ ދެއްކުމަށް 3.7 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިއަހަރުގެ މިހާތަނަށް 26.5 ބިލިއަން ރުފިޔާ ދައުލަތުގެ ހަރަދުތަކަށް ހޭދަވެފައި ވާއިރު އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 19.6 މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރު މި މުއްދަތުގައި ދައުލަތުން ހަރަދުކޮށްފައި ވަނީ 22 ބިލިއަން ރުފިޔާއެވެ.
އެޑްމިނިސްޓްރޭޓިވް އަދި އޮޕަރޭޝަނަލް އެކްސްޕެންސް އާއި މުސާރަ ފަދަ ރިކަރަންޓު ހަރަދުތަކަށް 19.5 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވާއިރު، ތަރައްގީގެ މަޝްރޫއުތައް ފަދަ ކެޕިޓަލް ހަރަދުތަކަށް ހޭދަކޮށްފައި ވަނީ އެންމެ 6.9 މިލިއަން ރުފިޔާއެވެ.
އެ ހުރިހާ ހަރަދުތަކާއެކު ދައުލަތުގެ ބަޖެޓު ޑެފިސިޓް 6.8 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.