ކ.ގުރައިދޫ މިސްކިތަށް ދާއިމީ އިމާމަކު ހަމަޖެހުން ލަސްވެފައިވަނީ ސިވިލް ސާވިސް ކޮމިޝަނުން ޖަވާބުނުދީ ލަސްވާތީ ކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެފިއެވެ.
އެ މިނިސްޓްރީއިން އެފަދައިން ބުނެފައިވަނީ ގުރައިދޫގެ މިސްކިތެއްގައި އިމާމަކު ނެތި އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށާއި އެކަމާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީން ވެސް ޚަބަރެއް ނުވާ ކަމަށް ރަށު ކައުންސިލުން ބުނެފައިވަނިކޮށެވެ.
ގުރައިދޫ މަސްޖިދުލް އިހާގައި އިމާމަކު ނެތި އަހަރެއްވެފައިވަނީ އެންމެ ފަހުން އެ މިސްކިތުގެ އިމާމުކަން ކުރި މީހާ މިދިޔަ އަހަރުގެ މާޗު މަހު ރިޓަޔާކުރެއްވުމުންނެވެ.
އިސްލާމިކް މިނިސްޓްރީއިން ބުނީ ވަޒީފާއަށް އިއުލާންކޮށް އިންޓަވިއު ކުރި ފަރާތްތަކުގެ ތެރެއިން ދެ ފަރާތަކުން ސިވިލް ސާވިސް ކޮމިޝަނަށް ހުށައަޅާފައިވާ ޝަކުވާއާއި ގުޅިގެން ސިވިލް ސާވިސް ކޮމިޝަނުން އެ މައްސަލަ ބެލުމަށްޓަކައި ވަޒީފާއަށް މީހަކު ނެގުމުގެ މަސައްކަތް ހުއްޓުވާފައިވާ ކަމަށާއި ސިވިލް ސާވިސް ކޮމިޝަނުން އެ މައްސަލައިގައި ނިންމަވާފައިވާ ގޮތެއް މިނިސްޓްރީއަށް އަންގަވާފައިނުވާ ކަމަށެވެ.
މި އަހަރުގެ ތެރޭގައި ސިވިލް ސާވިސް ކޮމިޝަނަށް އެކި ގޮތް ގޮތުން މުއާމަލާތްކޮށް ސިޓީ ފޮނުވިފައިވާނެ ކަމަށާއި އެކަމާއި ގުޅޭ ހުރިހާ މައުލޫމާތެއް ގުރައިދޫ ކައުންސިލާއި ހިއްސާކޮށް މައުލޫމާތު ބަދަލުކުރެވިފައިވާނެ ކަމަށް އެ މިނިސްޓްރީއިން ބުނެއެވެ.