މާލޭ މަގުތައް ހަދާ އިރު މަގުތަކުގައި ހުރި ހިޔާދޭ ގަސްތައް ނުކެނޑުމަށް ގޮވާލައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް މަޖިޅިހަށް މައްސަލައެއް ހުށަހަޅުއްވައިފިއެވެ.
މި މައްސަލަ އެނާ ހުށަހަޅުއްވާފައި ވަނީ މިހާރު މާލޭގެ މަގުތަކުގެ ތެރެއިން އަމީނީ މަގު ހެދުމުގެ މަސައްކަތް ކުރަމުންދާ އިރު އެ މަގުގައި ހިޔާލިބޭ ފަދަ ގަސްތައް ކަނަޑަފައި ވަނިކޮށެވެ. ހަސަން ލަތީފް ވިދާޅުވީ، މި މައްސަލަ ހުށަހަޅަނީ ރައްޔިތުން މަޖިލީހުގެ ގަވާއިދު 179ވަނަ މާއްދާގެ ދަށުން ކަމަށާއި، މަގުތައް ހަދާއިރު ގުދުރަތީ ރީތިކަމާއި ހިތްފަސޭހަކަން ނުގެއްލޭ ގޮތަށް އަދި ވަކިން ހާއްސަކޮށް އެމަގުތަކުގައި ހުރި ގަސްތައް ނުކަނޑައި އެ މަގުތައް ހެދުމުގެ މުހިއްމުކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ކަމަށެވެ.
މާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމުގެ ވައިދަކީ އެމްޑީޕީގެ ޖަޒީރާ މެނިފެސްޓޯގައި ވެފައިވާ މުހިއްމު ވައުދެއް ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. މަގުތައް ހިއްތަފސޭހަތަނަކަށް ހެދުމަށް ކުރަންޖެހޭ އެތައް ކަމެއް ވާ އިރު، މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަކީ އޭގެތެރެއިން އެއް ކަމެއް ކަމަށް ހަސްން ލަތީފް ފާހަގަ ކުރެއްވިއެވެ. އެހެންކަމުން މާލޭގެ މަގުތައް ހަދާ އިރު އެ މާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމުގެ މަފްހޫމްއި ވިސްނުން ނުގެއްލޭ ގޮތަށް މަގިތައް ހެދުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ރަށެއް ނުވަތަ ތަނެއް ހިތްފަސޭހަ ވާ ބައިވަރު ސަބަބު ހުންނަ ކަމަށާއި އޭގެތެރެއިން އެއް ސިފައަކީ ގުދުރަތީ ރީތިކަންކަމަށް ހަސަން ލަތީފް ވިދާޅުިވިއެވެ. އެހެންކަމުން އަމީނީ މަގު ހަދަމަުން ދާ އިރު ވެސް އަދި މާލޭގެ އެހެން މަގުތައް ހަދަމުންދާ އިރު ވެސް އެ މަގުތައް އުފެދިފައި ހުރި އަސްލު ޒާތާއި ސިފަ ގެއްލުވައި ނުލައި މަގުތައް ހެދުމުގެ މަސައްކަތް ކުރެވެން ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މަގުތައް ހަދާ އިރު ގަސްކަނޑާ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވާ އިރު، މިދިޔަ ހަފްތާގައި ބޭއްވި މަޖިލިހުގެ ޖަލްސާއެއްގައި ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އަމީނީމަގުގައި ތާރު އަޅައި އެ މަގު އަލުން ހެދުމަށްޓަކައި، އެ މަގުގައި ހުރި ގަސްތައް ކަނޑާތީވެ ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ.
އަމީނީމަގުގައި ހުރި ގަސްތައް ނަގަން ފަށާފައިވާއިރު، އެ ގަސްތައް ގެންދާނީ ސަރުކާރުން ތަރައްގީކުރާ ކުޑަގިރި އަށް ކަމަށް، އާރުޑީސީން ވަނީ ބުނެފައެވެ. އަދި ކުރިން އެ ގަސްތައް ނުނަގާ މަސައްކަތް ކުރިއަށް ގެންދަން ނިންމާފައި ވީ ނަމަވެސް މިހާރު ގަސްތައް ނަގަނީ ނަރުދަމާ އާއި އެފަދަ ނެޓވޯކްތަކުގެ ސަބަުން ގަސްތައް ބަހައްޓައިގެން މަސައްކަތް ނުކުރެވެނެތީ އާރްޑީސީން ވަނީ ބުނެފައެވެ. އެކަމަށް އިޝާރާތް ކުރައްވާ ނަޝީދު ވަނީ، ގަސްތައް ބަހައްޓައިގެން އަމީނީމަގު ހެދޭނެ ގޮތެއް ހޯދަން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.