އދ ގެ އާންމު މަޖިލީހުގެ ޖަލްސާގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން، ރަޝިއާއަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ. ބައިޑަން ވިދާޅުވީ، ރަޝިއާއިން މަސައްކަތް ކުރަނީ ގައުމެއްގެ ހައިސިއްޔަތުން ޔޫކްރައިން އަށް ދެމި އޮތުމުގެ ހައްގު ނިގުޅައިގަނެ ޔޫކްރައިން ނައްތާލަން ކަމަށާއި، ރައްޔިތެއްގެ ހައިސިއްޔަތުން ޔޫކްރައިން އަށް ބިރުވެރިކަން ކުރިމަތި ކޮށްފި ކަމަށެވެ.

ބައިޑަން އިތުރަށް ވިދާޅުވީ، އެއްވެސް ޝަކުވާއެއް ނެތި، ހަމަނުޖެހުން (ހަނގުރާމަ) ހުއްޓާލަން ޖެހޭ ކަމަށާއި، ބާރުގެ ބޭނުން ކޮށްގެން ގައުމެއްގެ ސަރަހައްދަށް ވަދެ ހިފައިގެން ނުތިބެވޭނެ ކަމަށެވެ. އަދި ޔޫކްރައިން އިން ނޭޓޯ އާ ގުޅެން މަސައްކަތް ކުރާ ކަމަށް ރަޝިއާއިން ކުރާ ތުހުމަތު ވެސް ބައިޑަން ވަނީ ދޮގު ކުރައްވާފައެވެ.

މި މޭރުމުން ބައިޑަން ވާހަކަ ދެއްކެވި އިރު، ޔޫކްރައިން ހަނގުރާމައިގައި ރަޝިއާއަށް ދަނީ ބޮޑެތި ނާކާމިޔާބީތަކާ ކުރިމަތިވަމުންނެވެ. އެމެރިކާއިން ފޯރުކޮށްދޭ ހަތިޔާރާއެކު ޔޫކްރައިން ސިފައިންގެ ވަރުގަދަ ހަމަލާތަކުގައި ރަޝިއާގެ އެތައް ސިފައިންނެއް މަރުވެ، މައިދާން ދޫކޮށް ފިލަމުން ދާ މިދަނޑިވަޅުގައި ރަޝިއާއިން ވަނީ ސްޓެރެޓަޖީ ބަދަލުކޮށް، ރިޒާވް ސިފައިންގެ 300،000 މީހުން ހަނގުރާމައަށް ނެރޭނެ ކަމަށް ބުނެފައެވެ.

ބައިޑަންގެ ވާހަކައިގައި އދ ގެ ސެކިއުރިޓީ ކައުންސިލް ރިފޯމް ކޮށް، ދުނިޔޭގެ މައްސަލަތަކުގައި މާ ބޮޑަށް އެކައްޗެއް ކިޔާ ރައްދު ދެވޭނެ ގޮތްތަކަކަށް ބަދަލުކުރަންވެސް ގޮވާލައްވާފައި ވެއެވެ.

އެގޮތުން ސެކިއުރިޓީ ކައުންސިލްގައި މިހާރު ތިބޭ 15 ގައުމުގެ ބަދަލުގައި އަދަދު އިތުރުކުރުމާ އެކު ދާއިމީ މެންބަރުކަން އެފްރިކާއާއި، ލެޓިން އެމެރިކާއާއި ކެރީބިއަން އިން ތަމްސީލު ކުރާ ގައުމުތަކަށް ދިނުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވެއެވެ.

ސެކިއުޓީ ކައުންސިލްގައި 15 ގައުމެއް ތަމްސީލު ކުރާ އިރު ދާއިމީ މެންބަރުން ނުވަތަ ކޮންމެ ކަމެއްވެސް ވީޓޯ ކުރުމުގެ ބާރު އޮންނަނީ 5 ގައުމަކަށެވެ. އެއީ، ޗައިނާ، ފްރާންސް، ރަޝިއާ، އެމެރިކާ އަދި އިނގިރޭސިވިލާތެވެ. ބާކީ ތިބޭ 10 މެންބަރުންނަކީ ކޮންމެ 2 އަހަރަކުން ބަދަލުވަމުން ދާ ގޮތަށް ސެކިއުރިޓީ ކައުންސިލަށް ހޮވާ 10 މެންބަރުންނެވެ.

ސެކިރުރިޓީ ކައުންސިލްގައި ވީޓޯ ބާރު ބޭނުން ކޮށްގެން އެ 5 ގައުމުން، އެމީހުންގެ މަސްލަހަތާ ގުޅޭ ކަންކަން ކުރާ އިރު، ބައިޑަން ވިދާޅުވީ، ވީޓޯ ކުރުމުގެ ބާރު ބޭނުން ކުރެވޭ މިންވަރާއި ގޮތްވެސް ބަދަލުކުރުން މުހިންމު ކަމަށެވެ. ބައިޑަން އެހެން ވިދާޅުވި އިރު، އިޒްރޭލުން އިންސާނީ ހައްގުތަކާ ދިމާ އިދިކޮޅަށް އެތައް ކަމެއް ކުރާ އިރު އެމެރިކާ އަކީ އެއިން ކޮންމެ ފަހަރަކު ވީޓޯ ބާރު ބޭނުން ކޮށްގެން އިޒްރޭލު ދިފާއު ކޮށްދޭ ގައުމެވެ.

އދ ގެ އާންމު މަޖިލީހުގައި ބައިޑަން ވަނީ ޗައިނާ އާ ގުޅޭ ގޮތުންވެސް ވާހަކަ ދައްކަވާފައެވެ. އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް، ޗައިނާ އާ މެދު ގެންގުޅުއްވި އިގުތިސޯދީ ވާދަވެރި ސިޔާސަތާ ހިލާފަށް ބައިޑަން ވިދާޅުވީ، ޗައިނާ އާއެކު ފިނި ހަނގުރާމައަކަށް ދާން ބޭނުންފުޅު ނުވާ ކަމަށެވެ. ފިނި ހަނގުރާމަ އަކީ، ވާދަވެރި ގައުމުތަކުން، އެއްބަޔަކަށް ވުރެ އަނެއް ބަޔަކު ކުރި އަރާ ދާން، ސިޔާސީ ގޮތުންނާއި، އިގްތިސޯދީ ގޮތުން، އަދި އަސްކަރީ ގޮތުން ކުރިއަށް ނެރޭ ސިޔާސަތުތަކާއެކު، އެކި އެކި މާނައިގައި ދަތިކުރުމާއި، ޖާސޫސް ކުރުމާއި، ނުފޫޒު ފޯރުވުމުގެ ގޮތުން ކުރާ ކަންކަމަށް ބޭނުން ކުރާ ނަމެކެވެެ.

ބައިޑަން މިހެން ވިދާޅުވި އިރު، ދާދި ފަހުން ޓީވީއަކަށް ދެއްވި އިންޓަވިއު އެއްގައި، ޗައިނާއިން ޓައިވާނަށް އަރައިފި ނަމަ، އެމެރިކާ ސިފައިން ޓައިވާނަށް ފޮނުވައިގެން އަސްކަރީ ގޮތުން ފިޔަވަޅު އަޅުއްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

އިޒްރޭލް އާއި ޕަލަސްތީނުގެ މައްސަލާގައި ބައިޑަން ވިދާޅުވީ، އިޒްރޭލާއި ފަލަސްތީނަކީ މިނިވަން 2 ދައުލަތުގެ ގޮތުގައި އޮތުމަށް އެމެރިކާ އިން ތާއީދު ކުރާ ކަމަށެވެ.

"އެމެރިކާއިން އިޒްރޭލުގެ ސަލަމާތާއި ރައްކާތެރިކަން ކަށަވަރު ކުރާނެ - ފުލްސްޓޮޕް، އެހެނަސް ގަބޫލު ކުރަނީ، އިޒްރޭލަށް ވެސް އަދި ފަލަސްތީނަށް ވެސް މިނިވަން ދައުލެއްގެ ގޮތުގައި ދެމި އޮވެވެން ޖެހޭނެ ކަމަށް، އެއީ އިޒްރޭލުގެ ސަލާމަތާއި ރައްކާތެރިކަން ޔަގީން ކުރެވޭނެ ގޮތް"

އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ މެދު ހިންގާ ލާއިންސާނީ އަނިޔާތަކާއި، ފަލަސްތީނުގެ ބިންތައް ގަދަކަމުން ފޭރޭ މައްސަލަ އާއި އެނޫންވެސް ކަމެއްގައި އިޒްރޭލާ ދެކޮޅަށް ބަސް ބުނަށް، ބައިޑަންގެ ސަރުކާރުން މިހާތަނަށް ވެސް ވަނީ ނުކުޅެދިފައެވެ.

ޓްރަމްޕްގެ ވެރިކަމުގައި އެެމެރިކާގެ އިޒްރޭލް އެމްބަސީ ޖަރޫސަލަމްގައި ހުޅުވި އިރު ދުނިޔޭގެ ފާޑުކިޔުން އަމާޒުވުމުން، އެމެރިކާގެ ފަލަސްތީނު ކޮންސިއުލޭޓް ޖަރޫސަލަމްގައި ހުޅުވާނެ ކަމަށް ބުނި ބުނުން އަދިވެސް އޮތީ ނުކޮށެވެ.

ބައިޑަން ވަނީ އީރާން މައްސަލައިގައިވެސް ވާހަކަ ދައްކަވާފައެވެ. އޭނާ ވިދާޅުވީ، އީރާނުން ނިއުކްލިއާ ހަތިޔާރު ހޯދިޔަ ނުދެއްވާނެ ކަމަށާއި އީރާނުން ބަސް ނާހާ ހަތިޔާރު ހޯދަން މަސައްކަތް ކުރާނަމަ ހަރުކަށިފިޔަވަޅު އަޅުއްވާނެ ކަމަށެވެ.