މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފ. ނިލަންދޫގައި ހިންގި ދެ އޮޕަރޭޝަނެއްގައި ބަޔަކު ހައްޔަރުކޮށްފިއެވެ.

މި އޮޕަރޭޝަންތަކުގެ ތެރެއިން އެއް އޮޕަރޭޝަނަކި ނިލަންދޫ ގެއެއްގައި މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި މަހު 16 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި، ކޯޓު އަމުރެއްގެ ދަށުން އެ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ނިލަންދޫ ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި މީހުން / ފޮޓޯ: ފުލުހުން

އިތުރަށް ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން، އެ ވަގުތު އެގޭގައި ތިބި ނުވަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

- މުހައްމަދު ވިސާލު (19އ) އއ. ރަސްދޫ / ދޫގަސް

- މުޝްހަފް މުފީދު (22އ) ލ.ގަން، ތުނޑި

- އިބްރާހީމް ލޫތް(20އ) ހެދޭކުރި، ނ. ލަންދޫ / ފިނިވާގެ

- އަލީ ނަވާފު (21އ) ތ. ގުރައިދޫ / ފަޒާ

- އަހްމަދު އަބާން އަލީ (20އ) ސ. ހިތަދޫ / ގާފިލާ

- އަބްދުﷲ ލައިޝަމް (20އ) ހދ. ނޮޅިވަރަންފަރު / އަންނާރުގެ

- އަޙްމަދު އުޘްމާން (20އ) ސ. މީދޫ /ޝީން

އިބްރާހީމް ނައްފާޒް (26އ) މާލެ / ދަފްތަރު ނަންބަރު ދރ 1438 އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ނުވަ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެކަކު ވަނީ ދޫކޮށްލާފައެވެ. އަދި މުހައްމަދު ވިސާލު 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާއިރު ދެންތިބި ހަތް މީހުން 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

ނިލަންދޫ ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި މާނިއު / ފޮޓޯ: ފުލުހުން

މީގެ އިތުރުން ނިލަންދޫގައި ކުރިއަށް ގެންދިޔަ އިތުރު އޮޕަރޭޝަނެއްގައި އެ ރަށު ބަނދަރުމަތިން ފ. ނިލަންދޫ / ޝަބްނަމުގެ، މުހައްމަދު މާނިއު (19އ) ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 6 ސެލޯފިންކޮޅު ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާއިރު ފުލުހުން ބުނީ މި ދެ މައްސަލަ ވެސް ނިލަންދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުން އަންނަކަމަށެވެ.