މއ. އެދުރުގޭ ހަސަން ޝާހިދު (ޝާޑު) މަރާލި ކަމުގެ ކުށް ސާބިތުވެ, އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދާ އޭނާގެ ކުރީގެ އަނބިމީހާ ހ. ބައިކަނޑިގޭ, މަރިޔަމް ނަޒާހާވަނީ އޭނާ ޝާޑު މަރާލީ ބޭ އިހްތިޔާރު ކަމަށް ތަކުރާރުކޮށް ބުނެފައެވެ.
ޖޫން 2010 ގައި ޝާޑު މަރުވީ އޭނާގެ ބުރަކައްޓަށް ނަޒާހާ ވަޅިއެއް ޖެހުމުން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށެވެ. އެ މައްސަލައިގައި ދައުލަތުން ނަޒާހާގެ މައްޗަށް އުފުލި ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ ސާބިތުވެ، ނަޒާހާ 25 އަހަރަށް ޖަލަށް ލާން ދަށު ކޯޓުން ހުކުމްކުރީ 2011 ގައެވެ.
އެ މައްސަލަ ހައިކޯޓުގައި ނަޒާހާގެ ފަރާތުން އިސްތިއުނާފުކުރުމުންވެސް ދަށު ކޯޓުގެ ހުކުމަށް އެ ކޯޓުން ވަނީ ތާއީދުކޮށްފައެވެ. އެ މައްސަލަ ނަޒާހާގެ ފަރާތުން ސްޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްގެން މިހާރު ކުރިއަށްގެންދާއިރު މިއަދު އޮތް ޝަރީއަތުގެ އަޑުއެހުމުގައި އެންމެ ފަހު ބަސް ބުނުމަށް ފުރުސަތު ދިނުމުން ނަޒާހާ ބުނީ ޝާޑު މަރާލުމަކީ އެއްވެސް އިރަކު އޭނާ ބޭނުންވި ގޮތެއް ނޫން ކަމަށާއި އަދި ޝާޑަށް ހަމަލާ ދެވުނީ ބޭއިހްތިޔާރުގައި ކަމާއި އެކަމާ މެދު މިހާރު ހިތާމަކުރާ ކަމަށެވެ.
ވަރަށް އުނދަގުލުން ވާހަކަދައްކަމުން ނަޒާހާ ވަނީ އޭނާގެ ވަކީލު ފާހަގަކުރި ނުކުތާތަކަށް ރިއާޔަތްކޮށް އިންސާފުވެރި ގޮތަކަށް މައްސަލަ ނިންމައިދިނުމަށްވެސް އެދިފައެވެ.
މިއަދުގެ ޝަރީއަތުގައި ނަޒާހާގެ ދިފާއީ ވަކީލު މަރްޔަމް ނިހާޔަތު ވިދާޅުވީ ދިފާއުން ފާހަގަކުރާ އެންމެހާ ފުށުއެރުންތަކާއި މައްސަލައިގައި ފުރިހަމަ ނުވެ ހުރި އިޖުރާއަތްތަކާ އަދި މައްސަލައިގައި ބަލާފައި ނުވާ ކަންކަމަށް ބަލައި އެންމެ ކުޑަމިނުން އެ މައްސަލައަކީ އަލުން ބަލަން ޖެހޭނެ މައްސަލައެއް ކަމަށެވެ. އެހެންނަމަވެސް މީގެ އެތަކެއް އަހަރެއް ކުރިން ހިނގި ހާދިސާއާ ގުޅިގެން ނަޒާހާ މިހާރު 12 އަހަރު ދުވަހު ޖަލުގައި ހޭދަކޮށްފައިވާއިރު އަލުން ބަލުން މައްސަލަ ބެލުމުގެ އެއްވެސް މަސްލަހަތެއް ނެތް ކަމަށާއި ދިފާއުން ރިއާޔަތް ކޮށްފައިވާ ކަންކަމަށް ބަލައި މައްސަލަ ނިންމަވައި ދެއްވުމަށް ނިހާޔަތުވެސް ވަނީ އެދިވަޑައިގެންފައެވެ.
މީގެ ކުރީގެ ޝަރީއަތުގެ އަޑުއެހުމުގައި ދައުލަތުން ވަނީ ޝާޑު މަރާލުމުގެ ގަސްތު ނަޒާހާގެ އޮތްކަން ސާބިތުކޮށްދެވިފައިވާ ކަމަށާއި ދަށު ކޯޓާއި ހައި ކޯޓުގެ ނިންމުމަށް ތާއިދުކޮށްދެއްވައި ސުޕްރީމް ކޯޓުން މައްސަލަ ނިންމައިދިނުމަށް އެދޭ ކަމަށެވެ.
ނަޒާހާ ތަކުރާރުކޮށް ބުނެފައިވަނީ ޝާޑަށް ހަމަލާ ދިނީ އަމިއްލަ ދިފާއުގައި ކަމަށާއި އަދި އެކަން ސާބިތުކުރުމަށް ނަޒާހާގެ ވަނީ އެ ހާދިސާ އޭނާ އަމިއްލައަށް ފުލުހުންނަށް ރިޕޯޓުކުރި ކަމަށާއި ހަމަލާ ދިން ވަޅި އަމިއްލައަށް ފުލުހުންނަށް ދެކި ކަމަށް ބުނެފައެވެ. ނަމަވެސް ދައުލަތުން ވަނީ ނަޒާހާ ފުލުހުންނަށް ގުޅީ އެ ނޫން ގޮތެއް އޭނާއަށް ނެތުމުން ކަމަށާއި ޝާޑަށް ހަމަލާ ދިނުމުން އޭނާ ނުކުމެގެން ގޮސް ވަނީ ފިހާރައަކަށް ކަމަށެވެ. އަދި ފުލުހުން އައިސް ޝާޑު ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ނަޒާހާ މަގުމަތީގައި ބަލަހައްޓައިގެން ހުރި ކަމަށް ހެއްކަށް ރިއާޔަތްކޮށް ދައުލަތުން ފާހަގަކުރިއެވެ.
އެ ދުވަހު ފުލުހުން ދިޔައިރު ނަޒާހާ ކްރައިމް ސީނުގައި ހުރި ލޭތައް ފޮހެ، އެ ފޮހުނު ފޮތިގަނޑާއި ވަޅި ވެސް ކޮތަޅަކަށް ލާފައި އޮތުމުން ދައުލަތުން ވަނީ ހެކި ނައްތާލަން މަސައްކަތް ކުރި ކަމަށްވެސް ބުނެފައެވެ