އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ވިނަރެސް ފްލެޓުތައް އާންމުންނާ ހަވާލުކުރެވޭނެ ކަމަށް، އެޗްޑީސީން ބުނެފިއެވެ.

މީޑިއާ އާ ހިއްސާކުރި މައުލޫމާތުގައި އެޗްޑީސީން ބުނީ، ވިނަރެސް ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް 1،413 މީހުން ކުރިމަތިލާފައިވާ ކަމަށެވެ.

އެ މީހުންގެ ޝަރުތުތައް ފުރިހަމަވޭތޯ އާއި ދިރިއުޅުމުގެ ހާލަތަށް ހައުސިން މިނިސްޓްރީން ބެލުމަށް ފަހު، ލިބޭ ޕޮއިންޓުގެ ތަރުތީބުން ފްލެޓުތައް ލިބޭ މީހުންގެ ލިސްޓު އެކުލަވާލައި، ލިސްޓު އޯޑަރަށް ޔުނިޓު ހިޔާރުކުރުމަށް ހުޅުވާލާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

އެއަށްފަހު، މާލީ ގާބިލިއްޔަތު ހުރި މިންވަރެއް ބަލައި، ލިސްޓަށް ބަދަލު ގެންނަން ޖެހިއްޖެ ހާލަތެއްގައި ބަދަލު ގެނެސް، ވެއިޓްލިސްޓުގައި ތިބި މީހުންނަށް ފުރުސަތު ދޭނެ ކަމަށް ވެސް ބުންޏެވެ.

އެ ކޯޕަރޭޝަނުން ބުނި ގޮތުގައި، އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި އާންމުންނާ ފްލެޓްތައް ހަވާލުކުރެވޭނެއެވެ. އަދި މިހާރު ކުރިއަށް ދަނީ ފްލެޓްތަކުގެ އެންމެ ފަހުގެ މަސައްކަތްތަކެވެ.

ގާތްގަނޑަކަށް 900 އަކަފޫޓު ބޮޑުމިން ހުންނަ ވިނަރެސް ފްލެޓުތައް ތަފާތު ދެ ގޮތަކަށް ގަތުމުގެ ފުރުސަތު އެޗްޑީސީން ވަނީ ހުޅުވާލައިފައެވެ. އެއީ:

  • ފްލެޓުގެ އަގުގެ 15 ޕަސެންޓު ޑައުންޕޭމަންޓުގެ ގޮތުގައި ދައްކައިގެން 20 އަހަރަށް ބަހާލައިގެން ދެއްކުން
  • ނުވަތަ 20 ޕަސެންޓް ދައްކައިގެން އެޕާޓްމަންޓްގެ ކުލި 25 އަހަރަށް ބަހާލައިގެން ދެއްކުން

ވިނަރެސްގެ ތިން ކޮޓަރީގެ 1،344 އެޕާޓްމަންޓްގެ ތެރެއިން ގާތްގަނޑަކަށް 1،000 ފްލެޓް ހުޅުވާލަނީ މާލޭގެ ރަށްވެހިންނަށެވެ. ދެން ހުރި ފްލެޓްތަކުން ގުޅިފަޅާއި ސީ ލައިފުން ފްލެޓް ގަތް މީހުންނަށާއި ހިޔާ ފްލެޓް ދޫކޮށްލި މީހުންނަށް ވެސް ވިނަރެސް އިން ފްލެޓް ދިނުމަށް ވަނީ ނިންމާފައެވެ. އަދި މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާ މީހުންނަށް ހާއްސަކޮށް 100 ފްލެޓް ދޫކުރުމަށް ވަނީ ނިންމައިފައެވެ.