މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރާ އަސަރުތައް ދެނެގަތުމަށް ރާއްޖޭގެ ކަނޑުގެ އަޑީގައި ކުރާ ދިރާސާގެ ތެރެއިން 250 މީޓަރު އަޑިން ވަރަށް ރީތި ޖެލީ ފިޝްއެއް ފެނިއްޖެއެވެ.

އިނގިރޭސިވިލާތުގެ މެރިން ރިސާޗު ފައުންޑޭޝަނެއް ކަމަށްވާ ނެކްޓަން އާއި ދިވެހި ސަރުކާރާ ގުޅިގެން ހިންގާ މި ދިރާސާ ކުރުމަށް ފީނަން ބޭނުން ކޮށްފައި ވަނީ އިންސާނުންނާ އެކު ކަނޑުގެ އެންމެ ފުންމިނަށް ދަތުރު ކުރެވޭ 'އޮމެގާ ސީމާސްޓާ 2' ކިޔާ ސަބްމާސިބަލް އެކެވެ.

އެ ސަބްމާސިބަލްގައި ކަނޑުގެ 250 މީޓަރު އަޑިއަށް ފީނާފައިވާ އިރު، ނެކްޓަން އިން ބުނީ، މި ޑައިވްގައި 250 މީޓަރު އަޑިން ރީތި ޖެލީފިޝްއަކާ ވަރަށް ގާތުން ދިމާވި ކަމަށެވެ. އަދި އެއީ އަންތަރީސް ކުރުވާ ފަދަ މަންޒަރެއްގެ ގޮތުގައި ނެކްޓަން އިން ވަނީ ސިފަ ކޮށްފައެވެ.

މި ޖެލީ ފިޝްގެ ނަމަކީ ކޯލީފްލާވާ ޖެލީ ފިޝް ނުވަތަ ކްރައުން ޖެލީ ފިޝްއެވެ. ކޯލީފްލާވާ ޖެލީ (ސެފީއާ ސެފީއާ) އަށް ނަން ދީފައި ވަނީ އޭގެ ބަނޑުދަށުގައި ހުންނަ ވޯޓްލައިކް ބައިތަކުގެ ސަބަބުންނެވެ. މި ބާވަތުގެ ޖެލީ ފިޝް އާންމުކޮށް ފެނިފައި ވަނީ މެދުތެރޭ ޕެސިފިކް، އިންޑޯ-ޕެސިފިކް އަދި އެޓްލާންޓިކް ކަނޑުގެ ހުޅަނގު އެފްރިކާގެ އައްސޭރިފަށާ ކައިރި ސަރަހައްދު ތަކުންނެވެ. މި ޖެލީ ފިޝްގެ ބާވަތަކަކީ އޭގެ ފުޅާ މިން ދެ ފޫޓަށް ބޮޑުވާ ޖެލީ ފިޝްއެކެވެ.

މި ޖެލީ ފިޝްއަކީ ކާނާގެ ބާވަތްތަކުގެ ގޮތުގައި ކެއުމަށް ބޭނުންކުރާ އެއްޗެކެވެ. އަދި ޗައިނާ އާއި ޖަޕާނުގެ މެޑިކަލް ފީލްޑްތަކުގައި ވެސް މި ޖެލީ ފިޝް ބޭނުން ކުރެއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މިހާރު ކުރަމުންދާ ދިރާސާ އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުންނާއި ރާއްޖޭން އެކުލަވާލާފައިވާ ސައިންސްވެރިންނާއި ތަޖުރިބާކާރުންގެ ޓީމަކުން ކަނޑުގެ ސަތަހައިން ފެށިގެން 1،000 މީޓަރާ ހަމައަށް ސާވޭ ކުރުމަށް ކުރިއަށް ގެންދާ ދިރާސާއެކެވެ. ދިވެހި ސައިންސްވެރިންނާއި ނެކްޓަން ޓީމުގެ މަސައްކަތަކީ ދިވެހި ކަނޑުތަކުގެ ދިރުންތަކުގެ ސިއްހަތު ދެނެގަތުމެވެ. ރާއްޖޭގެ ކަނޑުގެ 20 ޕަސެންޓް ހިމާޔާތް ކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލްކުރުމަށް ބޭނުންވާ މުހިންމު މައުލޫމާތުތައް ވެސް ހޯދުމަކީ މި ދިރާސާގެ އެއް އަމާޒެވެ.